މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެކި ހަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް ބަސް ރޫޓުތަކަށް ބަދަލުތަކެއް ގެނައުމަށް އެމްޓީސީސީން ނިންމައިފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހު ކުރިއަށްދާ މިނިވަން ދުވަހުގެ އިވެންޓްތަކާ ގުޅިގެން ބައެއް ރޫޓުތަކުގެ ހިދުމަތް މެދުކަނޑާލުމާއި ރޫޓުތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން ގެނެވޭ ބަދަލުތަކުގެ ތެރޭގައި، އޯކިޑް ރޫޓް (ރޫޓް 10) އަދި އަމީނީ ރޫޓް (ރޫޓް 11) ގެ ބަހުގެ ހިދުމަތް އެ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް، ނުވަތަ އިވެންޓް ނިމެންދެން މެދުކަނޑާލެވޭނެއެވެ.
މީގެ އިތުރުން، އެ ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ހަރަކާތްތައް ނިމެންދެން، ރޫޓް 2 އަދި ރޫޓް 8 ގެ ބަސްތައް ކާނިވަލް ސަރަހައްދަށް ދަތުރެއް ނުކުރާނެއެވެ. އެމްޓީސީސީން ބުނީ އެ ވަގުތުތަކުގައި މި ދެ ރޫޓުގެ ބަސްތައް ދަތުރު ނިންމާލާނީ މާފަންނު ބަސް ޓާމިނަލްއަށް ކަމަށެވެ. އަދި މާފަންނު ބަސް ޓާމިނަލްއަށް ކުރާ މި ދަތުރުތަކުގައި، ރޫޓް 1 ގެ ބަސް ހުއްޓިތަކަށްވެސް ބަސް މަޑުކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މި ބަދަލުތަކާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން މައާފަށް އެދިފައިވެއެވެ. ބަސް ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެމްޓީސީސީން އިލްތިމާސް ކުރެއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ބަސް ރޫޓުތަކަށް ބަދަލުތަކެއް ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ