ވިޔަފާރިއާއި އިންވެސްޓްމަންޓާއި އިގުތިސާދީ ތަރައްގީއާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ރާއްޖެ އާއި ސައުދީ އަރަބިއާއާ ދެމެދު މިއަދު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިހްތިފާލުތަކުގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގެންނެވި ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު، ސައުދީގެ މިނިސްޓަރު އޮފް ސްޓޭޓް، އަދި އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައޫދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ފަރާތްޕުޅުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމާ ގުޅިގެން ރައީސް އޮފީހުން ބުނީ، ޕްރިންސް ޑރ. މަންސޫރަށް ރައީސް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުފުޅުކުރެއްވިކަމަށްޓަކައި ސައުދީގެ ވެރިންނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވި ކަމަށެވެ.
އަދި ސައުދީން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް، ހާއްސަކޮށް ދިވެހި ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ”މައްކާ ރޫޓް އިނިޝިއޭޓިވް“ ގެ ދަށުން ވެދެއްވާފައިވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި ސައުދީގެ އިސްވެރިން، ރާއްޖޭގެ ތަރައްގީއާއި ފާގަތިކަމަށް އަބަދުވެސް ދެއްވާ ހާއްސަ އަހަންމިއްޔަތުކަން ޕްރިންސް ޑރ. މަންސޫރު ފާހަގަކުރެއްވި ކަމަށެވެ.
އަދި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މެދުގައިވާ ދީނީ އެއްބައިވަންތަކަމާއި އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހުތިރާމާއި ހިއްސާކުރާ އާންމު އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ އަހުވަންތަ ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތު މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ވިޔަފާރިއާއި އިންވެސްޓްމަންޓް ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރަން ސައުދީ އާއެކު މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ