ފުޓްބޯޅަ ޓްރޭނިން ފެސިލިޓީއެއް ތަރައްގީކޮށް ހިންގަން ހުޅުމާލޭން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ދިން ބިމުގައި އެކަން ކުރަމުން ނުދާތީ އާއި ކުލި ދައްކަމުންނުދާތީ އެ ބިން އަނބުރާ ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް އެޗްޑީސީން ހުށަހެޅި މައްސަލަ އެ ކޯޕަރޭޝަނުން އެދިގެން ބޭރުކޮށްލައިފި އެވެ.
ވީކިހިނެއް؟ - މި ފެސިލިޓީ ހެދުމަށް އެއްބަސްވުމެއްގެ ދަށުން އެފްއޭއެމަށް ދޫކޮށްފައިވަނީ 23،000 އަކަފޫޓުގެ، ހުޅުމާލެ ލޮޓް ނަންބަރު ޑީ 01-5 ބިމެވެ. އެޗްޑީސީއާ އެކު މިކަމުގެ އެއްބަސްވުމުގައި އެފްއޭއެމްއިން ސޮއިކޮށްފައިވަނީ 11 ޖުލައި 2018ގަ އެވެ.
ނަމަވެސް 2023 އިން ފެށިގެން އެއްބަސްވި ގޮތަށް އެ ބިމުގެ ކުލި ނުދައްކާ އޮތުމުންނާއި ފުޓުބޯޅަ ފެސިލިޓީގެ މަސައްކަތް ވެސް ނުހިނގާތީ 17 ސެޕްޓެމްބަރު 2024ގައި އެޗްޑީސީން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.
ތަފްސީލް - އެއްބަސްވުން ބާތިލުކޮށް ބިން ހަވާލުކުރަން އެފްއޭއެމްއަށް ނޯޓިސް ފޮނުވުމުން ވެސް އެތަން ހަވާލުކޮށްފައިނުވާތީ އާއި ކުލި ނުދައްކައި އަދިވެސް އެތަން ބޭނުންކުރަމުންދާތީ އެފްއޭއެމްއާ ދެކޮޅަށް، އެޗްޑީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 14 އެޕްރީލު 2025ގަ އެވެ. ކޯޓުގައި އެޗްޑީސީން އެދިފައިވަނީ:
ބިން ހުސްކޮށް އެޗްޑީސީއާ ހަވާލުުކުރާ ދުވަހާ ހަމައަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިިސާ އެކީ އެއްފަހަރާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް އަމުރުކޮށްދޭން
އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން އެޗްޑީސީއަށް ލިބެމުންދާ ގެއްލުމަށް އެފްއޭއެމްއިން ޒިންމާވާންޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް
ސިވިލް ކޯޓުން މި މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ބޭރުކޮށްލައި ކުރި ހުކުމްގައި ބުނީ، މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ދެ ފަރާތަަށް ވެސް ގިނަ ފުރުސަތުތަކެއް ދީފައިވާ ކަމަށެވެ.
އެފްއޭއެމްއާ ދެކޮޅަށް ހުށަހަޅާފައިވާ މުޅި ދައުވާ އެއްކޮށް އަނބުރާ ގެންދަން ބޭނުންވެގެން އެޗްޑީސީގެ ފަރާތުން އެދިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އެ ހުކްމުގައިވެ އެވެ. ހުކްމްގައިވާ ގޮތުން:
ދައުވާ އަނބުރާ ގެންދަނީ، މައްސަލަ ހައްލުކުރުމަށް އެފްއޭއެމްއާ އެކު ކޯޓުން ބޭރުގައި މަޝްވަރާތަކެއް ކުރެވެމުންދާތީ
ދައުވާ އަނބުރާ ގެންދަނީ، މަޝްވަރާތަކަށް ފަހު މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ، އަލުން އެ ދައުވާ ހުށަހަޅާ ގޮތަށް
އެކަމަށް އެފްއޭއެމްއިން ވެސް އިއުތިރާޒުކޮށްފައެެއްނުވޭ
ފާހަގަކޮށްލެވޭ ކަމެއް - އެ ބިމުގެ ސްލޮޓްތައް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްގެން ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ.
އެކަމާ ގުޅިގެން އޮޑިޓު އޮފީހުން ހެދި ހާއްސަ އޮޑިޓެއްގައިވާ ގޮތުން، އެފްއޭއެމްއިން ސަބްލީސް އެއްބަސްވުންތަކެއް ހަދައިގެން ބިމުގެ ބައިތައް ކުއްޔަށް ދޫކުރަން ފެށީ 14 ޑިސެމްބަރު 2021ގަ އެވެ. އޭރުން ފެށިގެން ބިމުގެ އެއްބަސްވުން ބާތިލްކުރަންދެން 15 މީހަކަށް ސަބްލީސްކޮށް ބިންތައް ދޫކޮށްފައިވެ އެވެ.
އެ މުއްދަތުގެ ތެރޭގައި އެފްއޭއެމްއަށް ޖުމުލަ 52.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އެފްއޭއެމްއިން ކުލި ނުދައްކާތީ އަތުލަން އުޅުނު ހުޅުމާލޭ ބިމުގެ މައްސަލަ އެޗްޑީސީން ކޯޓުން ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ