ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައިވާ އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރުގެ ކެމްޕޭނަށް 300 ވޮލަންޓިއަރުން ހޯދުމަށް ރޭ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
އުމަރު މިއަދު ވިދާޅުވީ ރާނބާ ރެސްޓޯރަންޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، އޭނާގެ ކެމްޕޭންގައި ހަރަކާތްތެރިވާނެ 250 ވޮލަންޓިއަރުން ލިބިފައިވާ ކަމަށެވެ. ޕްރައިމަރީއާ ކުރިމަތިލާއިރު ޕީޕީއެމްގައި 30،000 މެމްބަރުން ތިބޭނެ ކަމަށް ލަފާކުރެއްވޭ ކަމަށާއި އޭނާ ވޮލަންޓިއަރުން ހޯއްދަވަނީ ކޮންމެ 100 މެމްބަރަކަށް ވޮލެންޓިއަރެއްގެ މަގުން ކަމަށް ވެސް ވިދާޅުވި އެވެ.
"ރޭގެ މަސައްކަތުން އަޅުގަނޑުމެންނަށް ލިބިއްޖެ ގާތްގަނޑަކަށް 250 ވޮލަންޓިއަރުން. ދެން ވަރަށް ކުޑަ އަދަދެއް ހޯދަން ޖެހޭނީ. ރޭގައި އަސްލު އަޅުގަނޑުގެ ފުލް ސަޕޯޓް ބޭސްއަކަށް ނުގޮވަން. ރޭގަ ކުރިއަށް ގެންދިޔައީ ވޮލެންޓިއަރުން ރެކްރޫޓް ކުރުމުގެ ޕްރޮގްރާމް ހުޅުވާލައިގެން އެ މީހުންނަށް ކޮށްދެވޭނެ ކަންކަން އައިޑެންޓިފައިކޮށް އެ މީހުންގެ ކާޑު ފުރައި ސޮއިކުރުން،" އުމަރު ވިދާޅުވި އެވެ.
އުމަރުގެ ކެމްޕޭންގައި ވެސް ބޭނުންކުރާ ގޮތަށް ހަމަޖައްސާފައި ވަނީ 2008 ގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބޭނުންކުރެއްވި އަތްތިލައިގެ ނިޝާނެވެ. އުމަރު ވިދާޅުވި ގޮތުގައި "އުމަރު 2013" ނަމުގައި އަތްތިލަ ބޭނުންކުރައްވަނީ، ޕީޕީއެމްގައި އެންމެ ސާފު އަތްތިލަ އަކީ މައުމޫންގެ އަތްތިލަ ކަމަށް ވާތީ އެވެ.
"އެ ފަހަރު އަތްތިލަ އަށް ކާމިޔާބު ނުލިބުނަސް މި ފަހަރު އަތްތިލަ ކާމިޔާބުކުރާނެ އިރާދަކުރެއްވިއްޔާ،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރުގެ އިތުރުން ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އެވެ.
ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވެފައިވާއިރު، އުމަރު ވެސް ވިދާޅުވީ ކާމިޔާބުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށެވެ. އާއްމު މެމްބަރުންގެ ވޯޓަކުން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާ ގޮތަށް ހަމަޖެހުނީ އޭނާ ކުރެއްވި މަސައްކަތުން ކަމަށް ދޭހަވާ ގޮތަށް ވެސް އުމަރު ވަނީ ވާހަކަ ދައްކަވައިފަ އެވެ.
"މި ވޯޓަކީ އަޅުގަނޑު ޕީޕީއެމްގެ އާއްމު މެމްބަރުންނަށް ގެނެސްދިން ވޯޓެއް. އަޅުގަނޑު މަސައްކަތް ނުކުރި ނަމަ މިއަދު ވެސް އާއްމު މެމްބަރުންނަށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ފުރުސަތެއް ނުލިބުނީސް. އެހެންވީމަ އަޅުގަނޑުގެ ކޮނޑުގައި އުފުލި އެއްޗެއް ޕްރައިމަރީ އަކީ،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެށި ނަމަވެސް އެ އޮންނަ ތާރީހެއް އެ ޕާޓީން އަދި އިއުލާނެއް ނުކުރެ އެވެ. ޕްރައިމަރީ ބާއްވާނެ ތާރީހް އިއުލާންކުރާނީ ޖެނުއަރީ މަހު އޮންނަ ޕީޕީއެމްގެ ގައުމީ ޖަލްސާ ނިމުމުން ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އުމަރު ކެމްޕޭނަށް ނުކުންނަވަނީ 300 ވޮލަންޓިއަރުންނާ އެކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ