ދިކޮޅު އެމްޑީޕީން ގެންނަން އުޅޭ އެއްވެސް ބަދަލެއް މިއަދު ރައްޔިތުން ބޭނުން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެން ޝަރީފު ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
މެމްބަރު ޝަރީފު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މި ބިލަކީ އެއްވެސް މާނައެއް، އަސްލެއް ނުވަތަ ބޭނުމެއް ފެންނަން އޮތް ބިލެއް ނޫން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އަބަދުވެސް އުސޫލުތަކާއި ހަމަތަކަށް ބަދަލު ގެންނަން އުޅޭ ވާހަކަ ދައްކާއިރު، ބަދަލު ކުރަން މިއުޅެނީ ކޮން އެއްޗެއްކަން ސާފުނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”އަބަދު މިދައްކަނީ އިދިކޮޅު ފަރާތްތަކުން މިގެންނަން އުސޫލުތައް ހަމަތައް ބަދަލު ކުރަން އުޅޭ ވާހަކަ، އަޅުގަނޑުމެނަކަށް ނޭނގެ މިކޯއްޗެއް ކަމެއް މިބަދަލު ކުރަން މިއުޅޭނީކީ،“ މެމްބަރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ރީތި އަހުލާޤާއި އުސޫލުތައް ފުނޑާލުމަށްފަހު އިދިކޮޅުން ގެންނަން އުޅޭ ބަދަލުތަކާ މެދު މެމްބަރު ވަނީ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ މި ބަދަލުތަކަކީ ރައްޔިތުންގެ ލާބައަށް ކުރާ ކަމެއް ނޫން ކަމަށާއި، މިއީ އަމިއްލަ އެދުމަށް ކުރަން އުޅޭ ކަމެއް ކަމަށެވެ. މީގެ ކުރިން ޑިމޮކްރަސީގެ ނަމުގައި ގެނައި ބަދަލުތަކުގެ ހިތި ނަތީޖާ ރައްޔިތުން ތަޖުރިބާކޮށްފައިވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
މެމްބަރު އިތުރަށް ވިދާޅުވީ ބޭރުން ގެނައި ޑިމޮކްރަސީއެއްގެ ސަބަބުން ރާއްޖޭގައި ކުރިން އޮތް އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި، ކުލުނާއި ލޯތްބެއް މިހާރު ފެންނަން ނެތް ކަމަށެވެ. ”ބޭރުން ގެނައި މާމޮޅު އެއްޗެއް ޑިމޮކްރަސީއެކޭ ކިޔައިގެން ގެނައި ބަދަލަކުން މިރާއްޖޭގެ ރީތި އަހުލާޤާއި އެކަކު އަނެކަކަށް ކުރި އިހުތިރާމާއި ކުލުނާ ލޯތްބެއްވެސް މިހާރަކު މިރާއްޖެއަކު ނެތް،“ އޭނާ ވިދާޅުވިއެވެ.
ރަށްވެހިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުން މާލެއަށް ހިޖުރަކުރަނީ ޤާނޫނަކުން މަޖުބޫރުކޮށްގެން ނޫން ކަމަށާއި، އެއީ ރަށްރަށުން އަސާސީ ޚިދުމަތްތައް ނުލިބޭތީ ދިރިއުޅުމުގެ ފަސޭހައަށް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް އެއް ރަށަކުން އަނެއް ރަށަކަށް ރަށްވެހިކަން ބަދަލުކުރުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ނިންމަވާލައްވަމުން މެމްބަރު ވިދާޅުވީ އެތައް ޒަމާނެއްވީ ޤާނޫނަކަށް ކުއްލިއަކަށް ބަދަލެއް ގެނައުމުގެ ކުރިން އޭގެ ނަތީޖާއާއި ރައްޔިތުންނަށް ކުރާނެ ފައިދާއަށް ބަލަންޖެހޭނެ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ އިސްލާހަކީ އެއްވެސް ބޭނުމެއް އޮތް ބިލެއް ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
އިދިކޮޅު އެމްޑީޕީން ގެންނަން އުޅޭ ބަދަލެއް މިއަދު ރައްޔިތުންނެތް ބޭނުމެއް ނުވޭ: ޝަރީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ