ދައުލަތުގެ މާލީ ހާލަތު: ބައިނަލްއަގުވާމީ އިދާރާތަކުގެ ހޯދުންތަކާއި ރައުޔުން ހާމަވާ ހަގީގަތް

މިއީ ހަބަރާއި މައުލޫމާތުގެ ވަސީލަތްތައް ބޭނުންކޮށްގެން، ސިޔާސީ ބޭނުމަށްޓަކައި ކަންކަމުގެ އަސްލު އޮޅޭ ގޮތަށް ހަގީގީ ހާލަތު ބޭނުން ގޮތަކަށް އަނބުރާލާ ދުވަސްވަރެކެވެ. ހާއްސަކޮށް، ދިވެހިރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން ބޭރުގެ އިދާރާތަކުން ނެރޭ ރިޕޯޓުތަކާއި ރައުޔުތައް، ސަރުކާރުން ބޭނުންވާ ގޮތަކަށް ރައްޔިތުންނަށް މާނަކޮށްދެމުންދާ ދަނޑިވަޅެކެވެ. ގާނޫނުން ލާޒިމުކުރާ މާލީ މައުލޫމާތުތައް ރައްޔިތުންނަށް ހާމަކުރުމާއި އަހަރީ އޮޑިޓްތައް ނިންމުމުގައި ދައުލަތުން ފަސްޖެހެމުންދާ މި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ ރިޕޯޓުތަކުން ސަރުކާރުން ދައްކަން އުޅޭ ކާމިޔާބީގެ ތަސްވީރާއި ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތާ ދެމެދު އޮތީ ބޮޑު ފަރަގެކެވެ. ބޭރުގެ އިދާރާތަކުން ދޭ އިންޒާރުތަކާއި ދައުލަތުގެ މާލީ ހާލަތުގެ ހަގީގީ ހިސާބުތަކާއި ސަރުކާރުގެ "އުޖާލާ" ބަސްމަގާ ދެމެދު މިހާ ބޮޑު ހިލާފެއް އުފެދިފައިވާ ދުވަސްވަރެއް ރާއްޖޭގެ މާލީ ތާރީހުގައި ދުވަހަކު ވެސް ފެނިފައެއް ނުވެ އެވެ.
މި ލިޔުމުގައި މައިގަނޑު ގޮތެއްގައި ބަލާލާފައިވާނީ ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި، ރޭޓިން އެޖެންސީތަކުން އާންމުކޮށްފައިވާ ރައުޔުތަކަށާއި ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ދިވެހިރާއްޖެއާ ގުޅޭ ގޮތުން އާންމުކުރި ރިޕޯޓުތަކުގެ މައްޗަށެވެ. އަދި އައިއެމްއެފްގެ 'އާޓިކަލް IV' މުތާލިޢާގެ ފުރިހަމަ ރިޕޯޓު، ސަރުކާރުގެ ރުހުން ނުލިބުމުގެ ސަބަބުން މިހާތަނަށް އާންމުކޮށްފައި ނެތުމުން، ޖޫން 2026ގައި އެ އިދާރާއިން މިއަހަރުގެ ރިވިއު މަސައްކަތް ފުރިހަމަކުރުމަށް ފަހު އާންމުކުރި ނޫސްބަޔާނުގެ މައްޗަށެވެ۔ މި ހުރިހާ ރިޕޯޓުތަކެއްގެ ވަކިވަކި ރައުޔުތަކާއި މުހިންމު ނުކުތާތައް އެކުއެކީގައި ކިޔާލުމުގެ ބޭނުމަކީ، 2026 ވަނަ އަހަރުގެ މެދުތެރެއަށް ދިޔައިރު ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ނަޒަރުގައި މި ގައުމު އޮތް ހާލަތުގެ މާލީ ތަސްވީރެއް ހުށަހަޅައިދިނުމެވެ۔
ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ވަޒަންކުރުމަށް ފަހު އެކި ރިޕޯޓުތައް އާންމުކުރާއިރު، މި ފަރާތްތަކުގެ ނިންމުންތަކާ ގުޅޭ ގޮތުން ސަރުކާރުގެ މައިގަނޑު ބަސްމަގު އެއް މިސްރާބަކަށް ބަހައްޓަމުން ދިޔަ ނަމަވެސް، މި އިދާރާތަކުގެ ބަސްމަގު ހުންނާނީ އެ ރިޕޯޓުތައް އަމާޒުކުރާ ފަރާތްތަކުގެ ބޭނުމާ އެއްގޮތަށް ފަރުމާކުރެވިފަ އެވެ. ކަންމިހެން ހުރުމުން، ތަފާތު އިދާރާތަކުން ޝާއިއުކުރާ ރިޕޯޓުތަކުގެ ބަސްމަގާއި ބިނާކުރާ ބައިތައް އަދި މައިގަނޑު ރައުޔު، އެ އިދާރާއެއްގެ މައިގަނޑު ޒިންމާއާ އެއްގޮތަށް ތަފާތުވެފައި ހުންނާނެ އެވެ.
މިގޮތުން، މޫޑީސް އާއި ފިޗު ފަދަ ރޭޓިން އެޖެންސީތަކުގެ ރައުޔު އަމާޒުކުރާނީ އެކި ގައުމުތަކުގައި އިންވެސްޓްކުރާ ފަރާތްތަކާއި އެ ގައުމުތަކަށް ދަރަންޏާއި ލޯނު ދޭ މާލީ ފަރާތްތަކަށް، އެ ގައުމެއްގައި އެވަގުތު ހުރި މާލީ ގާބިލުކަމުގެ ހިރާސްތައް (ރިސްކު) ވަޒަންކޮށްދިނުމަށެވެ. އާދެ، ދަރަންޏަށް ދިން ފައިސާ އަނބުރާ ލިބޭނެތޯ ބެލުމަށެވެ.
އައިއެމްއެފް، ވޯލްޑް ބޭންކް އަދި އޭޑީބީ ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ރިޕޯޓުކުރުމުގެ ބަސްމަގުގެ އަމާޒު ރޭޓިން އެޖެންސީތަކާ މުޅިން ތަފާތުވާނެ އެވެ. އެ އިދާރާތަކުގެ ރިޕޯޓުތަކުން މުއާމަލާތްކުރަނީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ސެންޓްރަލް ބޭންކާއި މާލީ ވުޒާރާ އާއި އަދި ތަރައްގީގެ ބައިވެރިންނާ އެވެ. އެ އިދާރާތަކުން ސިޔާސީ ބަހުރުވައިގެ ބޭރުން ބޭނުންކުރާނީ ސަރުކާރުތަކާ އެކު އޮންނަ ގުޅުން ދަމަހައްޓައި، އިގްތިސާދީ އަދި މާލީ ހިންގުމަށް ހަރުދަނާ އިސްލާހުތައް ގާއިމުކޮށް ކުރިއެރުމަށް ހިތްވަރުދީގެން، ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމުގައި ގައުމުތަކާ ގުޅި އިތުބާރު ހިފެހެއްޓުމަށް ފަރުމާކުރެވިފައިވާ ޑިޕްލޮމެޓިކް ބަހުރުވައެކެވެ۔
3 ޖޫން 2026ގައި ފިޗު ރޭޓިންސް އިން ރާއްޖޭގެ ރޭޓިން 'ސީސީސީ' އިން 'ސީސީ'އަށް ބަދަލުކުރުމާއި (މިއީ ބައިނަލްއަގުވާމީ މިންގަނޑުން ދަރަނި ނުދެއްކުމުގެ ހިރާސް ބޮޑުވުމުގެ ސަބަބުން ދަށަށް ދިއުމެކެވެ) އަދި ނޮވެމްބަރު 2025ގައި މޫޑީސް އިން ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'ގައި ހިފެހެއްޓުން އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ދެއްކި ނަމަވެސް، މި ދެ އެޖެންސީގެ ރޭޓިންގެ ހަގީގީ މާނައަށް ބަލާއިރު މިއީ އަދިވެސް ދަރަނި ނުދެއްކި ހިނގައިދާނެ ފުރުސަތު އިންތިހާއަށް ބޮޑުކަން ހާމަކޮށްދޭ ރޭޓިންތަކެކެވެ. ބައިނަލްއަގުވާމީ މިންގަނޑުން ބަލާއިރު ރާއްޖެ އަދިވެސް އޮތީ އިންވެސްޓްކުރަން ރައްކާތެރިނޫން (ސްޕެކިޔުލޭޓިވް/ޖަންކު) ފަންތީގަ އެވެ.
ފިޗުގެ މި ނިންމުމަކީ މިދިޔަ އެޕްރީލް 2026ގައި ދައްކަންޖެހުނު ސުކޫކާއި އޭގެ ފައިދާ ހިމެނޭހެން 524.68 މިލިއަން ޑޮލަރު ދައްކާ ހަލާސްކުރުމާ ގުޅިގެން، ކުރިމަތީގައި އޮތް އެންމެ ބޮޑު މާލީ ނުރައްކަލުން ވަގުތީ ގޮތުން ސަލާމަތްވުމުން ދިން ލުޔެކެވެ.
މޫޑީސް އިން ރާއްޖޭގެ އައުޓްލުކް 'ސްޓޭބަލް'އަށް ބަދަލުކުރީ އޭރު ސަވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި 126 މިލިއަން ޑޮލަރު ހުރުމުންނެވެ. ނަމަވެސް، އެޕްރީލް 2026ގެ ސުކޫކް ދެއްކުމަށް ފަހު އެސްޑީއެފް ފަންޑުގައި ބޭނުންކުރެވޭ (ލިކުއިޑް) ބާކީގެ ގޮތުގައި ހުރީ އެންމެ 21 މިލިއަން ޑޮލަރެވެ. މޫޑީސް އިން އައުޓްލުކް ރަނގަޅުކުރަން ބެލި މައިގަނޑު އަސާސް މިހާރު ނެތިގޮސްފައިވުމުން، އެ އެޖެންސީގެ ކުރިއަށް އޮތް ރިވިއުގައި މި ރޭޓިން ދަމަހައްޓާނެ ކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދެ އެވެ.
އައިއެމްއެފްގެ (ޖޫން 2026) 'އާޓިކަލް IV މުތާލިއާ'ގެ ނޫސްބަޔާން
އައިއެމްއެފް އިން މައިގަނޑު ގޮތެއްގައި ބަލާނީ މުޅި އިގްތިސާދު (މެކްރޯއިކޮނޮމިކް) ނިޒާމުތަކާ ގުޅޭ ގޮތުންނެވެ۔ އެ އިދާރާގެ މައިގަނޑު ރަޢުޔު ބިނާވާނީ ރާއްޖޭގެ މަނިޓަރީ (ފައިސާގެ) އަދި މާލީ އޮނިގަނޑަކީ ހަރުދަނާ އަދި ބޭރު ފައިސާ މާރުކުރުމުގެ 'ޕެގް' ދެމެހެއްޓުމުގެ ޤާބިލުކަން ހުރި އޮނިގަނޑެއްތޯ ބެލުމަށެވެ۔
އައިއެމްއެފްގެ 2025 ވަނަ އަހަރުގެ އާޓިކަލް IV މިޝަންގެ ރިޕޯޓު ދިވެހި ސަރުކާރުން އެދިގެން އާއްމުކޮށްފައި ނެތް ނަމަވެސް، އެ ޖަމިއްޔާއިން 2025 ވަނަ އަހަރާއި 2026 ވަނަ އަހަރުގެ މުތާލިއާތަކަށް ފަހު އާންމުކޮށްފައިވާ ނޫސްބަޔާންތަކުގައި ބަޔާންކުރަނީ، ރާއްޖޭގެ މުޅި އިގްތިސާދު (މެކްރޯއިކޮނޮމިކް) ހަމައިން ނެއްޓުމަށް ދިމާވާ މައްސަލަތައް ދަނީ އިތުރަށް ބޮޑުވަމުންކަމާއި ބޭރުގެ ނާޒުކު ޙާލަތްތަކުން ރާއްޖޭގެ އިގްތިސާދަށް އޮތް ބަލިކަށިކަން އެގޮތުގައި ދެމިއޮތް ކަމަށެވެ۔ އަދި ރާއްޖެއަށް ލިބޭ ބޭރު ފައިސާއަށް ވުރެ ބޭރުވާ ބޭރު ފައިސާގެ މިންވަރު (ކަރަންޓް އެކައުންޓް ޑެފިސިޓް) އިތުރުވަމުންދިއުމުގެ ސަބަބުން، ބޭރު ފައިސާގެ ރިޒާވަށް އިންތިހާއަށް ބާރުބޮޑުވަމުންދާ ކަމަށެވެ۔ މިކަމުގެ ސަބަބުން ކުރިމަގުގައި ހުރި ގެއްލުންތަކުގެ ނުރައްކާ ނުހަނު މަތީގައި އޮތްއިރު، ދައުލަތުގެ ޖުމްލަ ބަޖެޓް ޑެފިސިޓާއި ގައުމުގެ ދަރަނި ވެސް އިންތިހާއަށް މަތީ މިންވަރެއްގައި ދެމިއޮންނާނެ ކަމަށް ލަފާކުރެވޭތީ، ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ކުއްލި ބަދަލުތަކެއް ގެނައުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ހަމަ އެއާ އެކު، ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް ކުޑަކުރުމަށް ކަނޑައަޅާފައިވާ އިސްލާހީ ފިޔަވަޅުތައް އަވަސް މުއްދަތެއްގެ ތެރޭގައި ތަންފީޒުކުރުމަކީ، އިގްތިސާދީ ލޮޅުންތައް އަމާންވެގެންވާ އުސޫލެއްގެ ތެރެއިން ކުޑަކުރުމަށް އޮތް މައިގަނޑު އަސާސެވެ۔ އަދި ޖުމްލަ ދަރަންޏާ ބެހޭ ފުރިހަމަ އިސްތިރާޖެއް (ކޮމްޕްރެހެންސިވް ޑެޓް ސްޓްރެޓެޖީ) އެކުލަވާލުމަކީ، ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑަކަށް އަލުން ރުޖޫޢަކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެއް ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން، ދައުލަތުގެ މާލިއްޔަތު އިސްލާހުކޮށް ބޮޑެތި ބަދަލުތަކެއް މިހާރުން މިހާރަށް ގެނައުމަކީ، ބޭރު ފައިސާ މާރުކުރުމަށް ކަނޑައަޅާފައިވާ ރަސްމީ އަގު (އެކްސްޗޭންޖް ރޭޓް ޕެގް) ރައްކާތެރިކަމާ އެކު ހިފެހެއްޓުމަށް ލިބޭނެ އެންމެ މުހިންމު ބާރު ކަމުގައިވާއިރު، ދައުލަތުގެ ދަރަނީގެ ތެރެއަށް ވިޔަފާރި ބޭންކުތައް ޝާމިލުވެފައިވާ މިންވަރު ބޮޑުވުމުގެ ސަބަބުން (ބޭންކް-ސަވަރިން ނެކްސަސް) މުޅި މާލީ ނިޒާމަށް އޮތް ނުރައްކާ އިތުރުވަމުންދާތީ، މާލީ ނިޒާމު ރައްކާތެރިކުރުމުގެ ސިޔާސަތުތައް (މެކްރޯޕްރޫޑެންޓް ޕޮލިސީސް) މިހާރަށް ވުރެ ހަރުދަނާ އަދި ހަރުކަށިކުރުމަށް މަޖުބޫރުވާ ކަމަށް އައިއެމްއެފް އިން ދެކެ އެވެ.
ވޯލްޑް ބޭންކް (މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް)
ވޯލްޑް ބޭންކްގެ ޖޫން 2026 ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2025 ވަނަ އަހަރު %6.3ގައި ހުރި ކަމަށް އަންދާޒާ ކުރެވުނު ނަމަވެސް، މި 2026 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން %0.7އަށް ދަށަށް ގޮސްފައިވާ ކަމަށެވެ. މިއީ އެ ޖަމިއްޔާއިން މިދިޔަ އޮކްޓޫބަރު މަހު އަންދާޒާކުރި މިންވަރަށް ވުރެ %3.2 ދަށްވުމެކެވެ.
ދައުލަތުގެ މާލީ ހިންގުމަށް ބަލާއިރު، ހަރަދު ކުޑަކުރުމަށް އަޅަންޖެހޭ މާލީ އިސްލާހީ ފިޔަވަޅުތައް އެޅޭނެ ކަމަށް ނުބެލެވުމާއި އުމްރާނީ ތަރައްގީގެ ހަރަދުތައް އިތުރުވާނޭ ކަމަށް ބެލެވޭތީ، 2026 އިން 2027އަށް ބަޖެޓް ޑެފިސިޓް ޖީޑީޕީގެ %13އަށް މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ދައުލަތުގެ ރިޒާވަށް ބަލާއިރު، 2026 ވަނަ އަހަރުގެ މާޗު މަހު ރަސްމީ ބޭރު ފައިސާގެ ރިޒާވް 1.3 ބިލިއަން ޑޮލަރުގައި ހުރި ނަމަވެސް، އެޕްރީލް މަހު ދަރަނި ދެއްކުމަށް ހިންގި މުއާމަލާތްތަކާ އެކު، މިދިޔަ މޭ މަހުގެ ނިޔަލަށް ރިޒާވް ވަނީ 717.9 މިލިއަން ޑޮލަރަށް ދަށަށް ގޮސްފަ އެވެ. އަދި ބޭނުންކުރެވޭ ރިޒާވް (ޔޫޒަބަލް ރިޒާވް) ހުރީ އެއް މަސްދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރަށް ވުރެ ވެސް ދަށުގަ އެވެ. އެސްޑީއެފްގައި ހުރި ކަމަށް ލަފާކުރާ މިންވަރަކީ ކުރިއަށް އޮތް ތަނުގައި ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނިތައް ފޫބެއްދުމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ވެސް ބަޔާންކުރެ އެވެ.
ބޭންކުން ސީދާ ގޮތުގައި ބަޔާންކުރާ ގޮތުން، 2025 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް ވަގުތީ ގޮތުން ހިފެހެއްޓުނީ ނަގުދު ފައިސާގެ ތާށިކަމުން (ލިކުއިޑީ ކޮންސްޓްރެއިން) ކަމަށާއި ޕީއެސްއައިޕީ މަޝްރޫއުތަކަށް ނަގުދު ފައިސާ ދޫކުރި މިންވަރު މަދުކުރި ނަމަވެސް، އެ މަޝްރޫއުތަކަށް ސަރުކާރުން ވެފައިވާ އެއްބަސްވުންތަކާއި ޒިންމާތައް ކުޑަކޮށްފައި ނުވުމުން، ނުދައްކާ ހުރި ބިލްތަކުގެ މިންވަރު ވަނީ އިތުރުވެފަ އެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)
އޭޑީބީން އޭޕްރީލް 2026 ގައި ނެރުނު 'އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް' ރިޕޯޓުގައި ލަފާކޮށްފައިވަނީ، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2025 ވަނަ އަހަރު %5.4ގައި ހުރުމަށްފަހު، 2026 ވަނަ އަހަރު %1.0އަށް ދަށަށް ދާނޭ ކަމަށެވެ. އިގްތިސާދީ ކުރިއެރުން މަޑުޖެހެން ދިމާވާ ސަބަބުތަކުގެ ތެރޭގައި، މިދިޔަ އަހަރު މަސްވެރިކަމަށް އައި ކުއްލި ކުރިއެރުން ހުއްޓުމާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވެފައިވާއިރު، ހަކަތައަށް ހިނގާ ހަރަދުތައް އުފުލިފައިވުމާއި ދައުލަތުގެ މާލީ ރިޒާވް ދަށްވުމުގެ ސަބަބުން އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އަޅާނެ ސިޔާސަތުތަކަށް ހުރަސްއެޅުން ހިމެނެ އެވެ.
މީގެ އިތުރުން، މުދާ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން، 2026 ވަނަ އަހަރު ތަކެތީގެ އަގުތައް (އިންފްލޭޝަން) %5އަށް މަތިވާނެ ކަމަށް ވެސް ލަފާކުރެ އެވެ. އަދި ޖީޑީޕީ (ގައުމީ އުފެއްދުންތެރިކަން) އިން ބޮލަކަށް ޖެހޭ ނިސްބަތުގެ (ޖީޑީޕީ ޕަ ކެޕިޓަ) ކުރިއެރުން %0.6 ދަށަށް ދާނޭ ކަމަށް ފާހަގަކޮށްފައިވެ އެވެ.
ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ރިޕޯޓުތަކުން އެނގޭ ގޮތުން، ރާއްޖޭގެ އިގްތިސާދުގެ ދުވެލި މި ހިނގާ 2026 ވަނަ އަހަރު ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށް ވޯލްޑް ބޭންކުންނާއި އޭޑީބީން ބުނެ އެވެ. އަދި ޖީޑީޕީން ބޮލަކަށް ޖެހޭ މިންވަރު މި 2026 ވަނަ އަހަރުގެ ތެރޭގައި ދަށަށް ދާނެ ކަމަށް ސީދާ ގޮތުގައި އޭޑީބީން ބުނެފައިވެ އެވެ. މީގެ މާނައަކީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން ދަށްވާނޭ ކަމާއި ރާއްޖޭގެ ވަކިވަކި ރައްޔިތުންގެ އެވްރެޖް މާލީ ގާބިލުކަމުގެ ހާލަތު ދަށަށް ދާނޭ ކަމެވެ.
ސަބަބެއްގެ ގޮތުން ފާހަގަވަނީ މި އަހަރުގެ ތެރޭގައި އިންފްލޭޝަން (ތަކެތީގެ އަގުބޮޑުވުން) މަތިވެގެންދިއުމާއި ސަރުކާރުން އެކި ހިދުމަތްތަކާއި މަސައްކަތްތަކަށް އަމިއްލަ ފަރާތްތަކަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ނުދީ ހިފަހައްޓާފައި ހުރުމުން އާއްމު އިގްތިސާދުގެ މާލީ ދައުރުވުން މަޑުޖެހުމެވެ. މީގެ އިތުރުން، ވޯލްޑް ބޭންކުން ފާހަގަކުރާ ގޮތަށް ދައުލަތުގެ ބަޖެޓް ޑެފިސިޓް ޖީޑީޕީގެ %13އަށް އުފުލުމާއި ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީއިން ދައުލަތުގެ ދަރަންޏަށް މި އަހަރުގެ ތެރޭގައި ދައްކަންޖެހޭ ބޮޑެތި އަދަދުތައް ދެއްކުމަށް ރިޒާވްގައި ފައިސާ ހުރިކަން ކަށަވަރުނުވުމެވެ. މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން މުދާ އެތެރެކުރުމުގެ އަގުތަކާއި ތެލުގެ އަގު ބޮޑުވުމުން ރާއްޖެއަށް އިމްޕޯޓުކުރާ މުދަލަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ވެސް އިތުރުވެފައިވެ އެވެ. ރަސްމީ އެކްސްޗޭންޖު ރޭޓް ޕެގް އަށްވުރެ އެތައް ގުނައެއް ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ރޭޓިން އެޖެންސީތަކުންނާއި އައިއެމްއެފް އިން ފާހަގަކުރާ ގޮތަށް ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވްގައި (ޔޫސަބަލް ރިޒާވް) އެއް މަސްދުވަހުގެ އިމްޕޯޓަށް ބޭނުންވާ ވަރަށް ވެސް ބޭރު ފައިސާއެއް ނެތެވެ.
ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް ގެނައުމަށާއި ބޭރު ފައިސާގެ ރިޒާވް މަތިކުރުމަށާއި ބޭރު ފައިސާ މާރުކުރާ ޕެގްއަށް އަގު ހިފެއްޓުމަށް އެކަށީގެންވާ އިސްތިރާޖީ ރޭވުންތެރިކަމުގެ މާލީ އޮނިގަނޑެއް ގާއިމުކުރެވި، އިސްލާހީ މަސައްކަތްތަކެއް ކުރެވިފައިނެތްކަން އެނގެނީ، އައިއެމްއެފްގެ ނޫސްބަޔާންތަކުގައި ތަކުރާރުކޮށް މި އިސްލާހުތައް ގެނެސްގެން ނޫނީ ރާއްޖޭގެ އިގްތިސާދާއި ދައުލަތުގެ މާލީ ދުޅަހެޔޮކަން ކަށަވަރުނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާތީ އެވެ. އަދި މި ރިޕޯޓުތަކުން އެނގޭ ގޮތުން ދައުލަތުގެ ބަޖެޓް ޑެފިސިޓް 2025 ވަނަ އަހަރު ވަގުތީ ގޮތުން ކުޑަވެފައިވަނީ ސަރުކާރުން ބޭނުންވެގެން ހަރުދަނާ ސިޔާސަތެއް އެކުލަވާލައިގެން ނޫން ކަމާއި އެއީ ދައުލަތުގައި ނަގުދު ފައިސާ ނެތިގެން ހަރަދުނުކުރެވިގެންކަން ސީދާ ގޮތުން ދޭހަވެ އެވެ.
ރާއްޖޭގެ ދަރަނި ދަނީ އަހަރުން އަހަރަށް ބޮޑުވަމުންކަން ދައުލަތުން ހުށަހަޅާ އަހަރީ ބަޖެޓުތަކުން އެނގޭއިރު، މި ޖަމިއްޔާތަކުގެ ރިޕޯޓުތަކުން ފާހަގަކުރާ ގޮތުގައި، ދައުލަތުގެ ޖުމްލަ ދަރަނި މި އަހަރުނިމޭއިރު ޖީޑީޕީގެ ނިސްބަތުން އެވްރެޖްކޮށް %130އަށް އަރާނެ ކަމާއި މެދު ރާސްތާގައި %140އަށް ވުރެ މައްޗަށް އަރާނޭ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ދަރަނި ދެއްކުމަށް ދަރަނި ނެގުމުގެ ސިޔާސަތުގެ ދަށުން، އޭޕްރީލް 2026ގައި އިންޑިއާގެ ކަރަންސީ ސްވޮޕް 400 މިލިއަން ޑޮލަރު ދެއްކި ދުވަހާއި ސާކް ފްރޭމްވޯކްގެ ދަށުން އަލުން 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕެއް (ގާތްގަނޑަކަށް 357 މިލިއަން ޑޮލަރު) އުފެއްދި ދުވަހާއި އެއް ދުވަހެއް ކަމަށް ވުމުން، މިއީ ދޭދޭ ގައުމުތަކުގެ ގުޅުމުގެ ތެރެއިން ދަރަނީގެ މައްޗަށް ދަރަންޏެއް ގާއިމުކުރުމެއް ކަމަށް ބެލެވެ އެވެ. އަދި މި އަހަރުގެ ތެރޭގައި އަދިވެސް ބޮޑެތި ދަރަނި ދެއްކުންތައް ކުރިއަށް އޮތްއިރު، ރިޒާވް ބޭންކް އޮފް އިންޑިއާގެ ހަމަތަކަށް ބަލާއިރު ކޮންމެ 3 މަހަކުން މި ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު ހަމަވާ ކަމާއި މުއްދަތު އިތުރުކުރެވޭނީ ގިނަވެގެން 2 ފަހަރަށްކަން ފާހަގަކުރަންޖެހެ އެވެ.
ރާއްޖޭގެ މުޅި މާލީ ހާލަތާއި އިގްތިސާދީ ކުރިއެރުމާ މެދު ބޭރުގެ ޖަމްއިއްޔާތަކުން ކަންބޮޑުވުން ހާމަކުރާއިރު، ސަރުކާރުން ދިވެހިރާއްޖެއަށާއި ރައްޔިތުންނަށް ހެޔޮއެދޭ ނަމަ، ރާއްޖޭގެ މާލީ އޮނިގަނޑު އަވަހަށް މުރާޖައާކޮށް، ދައުލަތުގެ ބޭކާރު ހަރަދުތައް ކުޑަކޮށް، ބޭރު ފައިސާ ލިބޭނޭ އިގްތިސާދީ މުހިންމު މަސައްކަތްތަކަށް ރޭވުންތެރި ގޮތެއްގައި ސިންދަފާތުކޮށް، ރައްޔިތުންނަށް ކަންކަމުގެ ސައްހަ މައުލޫމާތު ހާމަކުރަންޖެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ