ސްޓެލްކޯ އިން ކާނިވާ ކެފޭތަކުން ކަރަންޓް ކަނޑާނުލުމުން މައްސަލަ ހޫނުވެއްޖެ

އަލިމަސް ކާނިވާ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަނުން ކަރަންޓް ކަނޑާލަ ދިނުމަށް ސްޓެލްކޯގައި ސިޓީ ކައުންސިލުން އެދުމުން އެކަން ނުކޮށްދިން މައްސަލަ ހޫނުވެއްޖެ އެވެ. މާލޭ ސިޓީގެ މޭޔަރު މައިޒާން އަމިމަނިކު ސޮއިކުރައްވާ މިދިޔަ ބުރާސްފަތިދުވަހު ސްޓެލްކޯ އަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ އަލިމަސް ކާނިވާ ސަރަހައްދު ތަރައްގީކުރުމުގެ ގޮތުން އެތަން ބީލަމަށް ލައިގެން ކާމިޔާބުކުރި ފަރާތްތަކާ އެކު އެގްރިމަންޓް ހަދާފައިވާ ކަމަށެވެ. ނަމަވެސް އެ ތަންތަނުގައި މިހާރު ވިޔަފާރި ކުރަމުންދާ ބައެއް ފަރާތްތަކުގެ އެގްރިމަންޓާއި ވިޔަފާރި ހުއްދަ ބާތިލް ކުރުމުން ވެސް ހިންގަމުން އަންނަ ކަމަށް ސިޓީގައިވެ އެވެ. މޭޔަރު ވިދާޅުވެފައިވާ ގޮތުގައި އެތަންތަނަށް ކަރަންޓް ދިނުން ހުއްޓާލުމަށް ސްޓެލްކޯގައި އެކި ފަހަރު މަތިން އެދުމުން ވެސް އެކަން ކޮށްފައެއް ނުވެ އެވެ."ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމުމަށް [ސްޓެލްކޯ އިން] މަޑުކުރުމަކީ ދައުލަތަށް ލިބެން ޖެހޭ ބޮޑު އާމްދަނީއެއް ނުލިބި މި ކައުންސިލްގެ މަސައްކަތާއި މާލޭ ސިޓީ އަށް ގެންނަން ބޭނުންވާ ތަރައްގީ ހުއްޓިގެންދާ ކަމަކަށް ވާތީ މިކަން ހައްލުކުރުމަށްޓަކައި ޝަރުއީ މަރުހަލާ ކަނޑަތުކުރުމަށް މި ކައުންސިލުން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،" ސިޓީގައިވެ އެވެ. އެ މައްސަލައިގައި ސްޓެލްކޯ ގޮވައިގެން ކައުންސިލުން ކޯޓަށް ދާނެ ކަމުގެ އިންޒާރު ދިން ނަމަވެސް ސްޓެލްކޯ އިން ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެއީ ވަރަށް ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ ކަރަންޓް ކަނޑާލުމުގެ ކުރިން ދައުލަތުގެ ކަމާ ބެހޭ އެހެން މުއައްސަސާތަކާ އެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ކައުންސިލުން ކާނިވާ ސަރަހައްދު ބިޑަށް ލުމާ އެކު ހައުސިން މިނިސްޓްރީން ވަނީ އެކަން ނުކުރުމަށް ކައުންސިލަށް އިލްތިމާސްކޮށްފަ އެވެ. އަދި ސިޓީ ކައުންސިލް ގޮވައިގެން ހައުސިން މިނިސްޓްރީން ކޯޓަށް ވެސް ދިޔަ އެވެ. އެ ސަރަަހައްދުގައި ހުރި ބައެއް ބިންތަކަށް ނޯޓިސް ދިނުމާ އެކު ބައެއް ފަރާތްތަކުން ވަނީ މިހާރު ވެސް ތަން ހުސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ