ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ އުފެއްދުންތެރި ކުއްޖަކަށް ހެދިދާނެ : އެޑިއުކޭޝަން

ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ އުފެއްދުންތެރި އާމްދަނީއެއް ލިބިދެވޭނެ މަސައްކަތްކުރާ ކުއްޖަކަށް ހެދުމަށްޓަކައި ތަމްރީން ދެވިދާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ އަބުދުލް މުހުސިން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މުހުސިން މިހެން ވިދާޅުވީ "ކޮމްޕެޓެންސީ ބޭސްޑް އެޑިއުކޭޝަން އެންޑް ޓްރެއިނިން"ގެ ނަމުގައި ބާއްވާ މަސައްކަތު ބައްދަލުވުން އިފްތިތާހުކޮށްދެއްވުމަށް މޯލްޑިވްސް ޕޮލީޓެކްނިކްގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
މުހުސިން ވިދާޅުވީ ކޮލަމްބޯ ޕްލޭން ސްޓާފް ކޮލެޖް ފޯ ޓެކްނީޝިއަން އެޑިއުކޭޝަން (ސީޕީއެސްސީ) ގުޅިގެން މޯލްޑިވްސް ޕޮލީޓެކްނިކުން ބާއްވާ މި ބައްދަލުވުމުގައި ސްކޫލްތަކުގައި ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮގުރާމް ހިންގާނެ ގޮތް ކަނޑައެޅިގެންދާނެ ކަމަށާއި މީގެ ސަބަބުން އެއްވެސް ކުއްޖަކު ބާކީނުކޮށް ކިޔަވައި ދިނުމުގެ ސިޔާސަތު ފުރިހަމަވެގެން ދާނެ ކަމަށެވެ.
"އެއްވެސް ކުއްޖަކު ބާކީ ނުވެ، ސްކޫލް މަރުހަލާ ނިމި ތައުލީމާއި ތަމުރީނުގެ މަރުހަލާ ކުއްޖަކަށް ހެދުމަށް މިއަދުގެ ސަރުކާރަށް މި އޮތީ ޒިންމާކުރުވާފަ" މުހުސިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަސައްކަތު ބައްދަލުވުންތަކުގެ ސަބަބުން ސްކޫލް ކުދިންނަށް ކިޔެވުމުގެ އިތުރަށް ކޯސްތަކުގައި ބައިވެރިވެ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުގެ ގައުމީ ސަނަދުގެ ސެޓްފިކެޓް ހާސިލް ކުރެވިދާނެ ކަމަށެވެ.
"ކޮންމެ ކުއްޖަކީ މޮޅަށް ކިޔަވާ ކުއްޖަކަށް ނުވިޔަސް ވަކި ކަންކަމުން ތަމުރީންވެފައި ހުރުމުން ސްކޫލް ނިމޭއިރު އެކުއްޖާ ވެގެންދާނެ މުޖުތަމައަށް ބޭނުން ހިފޭ ކުއްޖަކަށް" މުހުސިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ބައްދަލުވުމުގެ ބައިވެރިންނަކީ ސްކޫލް ކުދިންނަށް ސްކޫލް ނިމޭ އިރަށް މަގުޗާޓު ދައްކަން ތިބި ބައެއް ކަމަށާއި އެކުދިން ބޭނުންވާ އަމާޒަށް ފޯރުކޮށްދޭން ތިބި ބައެއް ކަމަށެވެ.
މި މަސައްކަތު ބައްދަލުވުމުގައި ސްކޫލްތަކާއި އޮފީސް އަދި ކޮލެޖްތަކުން ބައިވެރިވި އެވެ. އަދި މި މަޝްވަރާ ބައްދަލުވުން މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ