ހުރާ ބަލިކޮށް ގައްދޫން ކޮލިފިކޭޝަންގެ އުންމީދު އާ ކޮށްފި

ކ. ހުރާ އަތުން 2-1 އިން މޮޅުވެ، ގދ. ގައްދޫން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ފުރަތަމަ މޮޅު ހޯދައި، ކުރިއަށް ދިއުމަށް އުންމީދު އާ ކޮށްފި އެވެ. 
ގައްދޫން ފުރަތަމަ ކުޅުނު މެޗުން 1-0 އިން ހދ. ދިއްދޫ އަތުން ބަލިވިއިރު، ހުރާ ވަނީ ފުރަތަމަ މެޗުން ކްލަބް ގްރީން ސްޓްރީޓްސްއާ 1-1 އިން އެއްވަރުކޮށްފަ އެވެ. ހުރާއާ ދެކޮޅަށް ނުކުތްއިރު ވެސް ގައްދޫ އަށް އޮތީ ރަނގަޅު ނަތީޖާއެއް ނެރެން މަޖުބޫރުވެފަ އެވެ. އަދި، މި މޮޅާ އެކު އެ ޓީމު ވަނީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިފަ އެވެ. 
ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ލީޑުނެގީ ހުރާ އިންނެވެ. އެ ގޮތުން، މެޗުގެ އަސެއާ ގޯމޭޒް އަލްވަރޭޒް އެވެ. ހުރާ އަށް މެޗުގައި ލީޑުގައި އޮވެވުނީ ހަ މިނިޓެވެ. މެޗުގެ 25 ވަނަ މިނިޓްގައި، ގައްދޫން އެއްވަރުކުރީ އަލީ މުހައްމަދު ޖެހި ގޯލުންނެވެ. މެޗުގައި ގައްދޫ މޮޅުވި ލަނޑު ޖެހީ 66 ވަނަ މިނިޓްގަ އެވެ. މުހައްމަދު ނަޒީހު ކޯޗުކޮށްދޭ ގައްދޫ އަށް މި ލަނޑު ޖަހައިދިނީ އެމަނުއަލް އޮލުބެންގާ މަކިންޑޭ އެވެ. 
މި މެޗުގައި ދެ ޓީމުން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އޭގެއިން ގިނަ ބޯޅަތަކުގައި ދިޔައީ ބޭނުންނުހިފި އެވެ. 
ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑެއް އެކުލަވާލާފައިވާ ގޮތުން ވަނީ ހަތަރު ރީޖަން އަކަށް ބެހިފަ އެވެ. އެ ގޮތުން، ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން އަށް ބަހާލައިފައިވާއިރު، މާލެ ރީޖަނަކީ ކުރީގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާެރާތެެވެ. މި ރީޖަންތަކުގެ ޗެމްޕިއަނުންނާއި ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭ ކޮލިފިކޭޝަން މިހާރު ކުރިއަށްދާއިރު، އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ. 
ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގެ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ، މާލެ ރީޖަނުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް އެވެ. ބިސް ބުރުން ވަނީ ދެ ވަނަ މެޗުގައި ގްރީން ސްޓްރީޓްސް އަތުން 5-2 އިން މޮޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ