ޓޮރޮންޓޯ، ކެނަޑާ (ޖޫން 13) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ ކެނަޑާ އިން ކުޅުނު ފުރަތަމަ މެޗުގައި ބޮސްނިއާއާ 1-1 އިން އެއްވަރުވެއްޖެ އެވެ.
މިއީ، ކެނަޑާ އަށް ވޯލްޑް ކަޕެއްގައި ލިބުނު ފުރަތަމަ ޕޮއިންޓެވެ. މީގެ ކުރިން ދެ ވޯލްޑް ކަޕްގައި ކެނަޑާ އިން ކުޅުނު ހަ މެޗުން ވެސް ވީ ބައްޔެވެ.
މެކްސިކޯ އާއި އެމެރިކާއާ ގުޅިގެން މި ފަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރާ ކެނަޑާ އިން މީގެ ކުރިން ދެ ވޯލްޑް ކަޕްގައި ކުޅުނުއިރު ވެސް މެޗަކުން މޮޅެއް ނުލިބޭއިރު، މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުތްއިރު، މައިގަނޑު އަޒުމަކީ އެ ތާރީހު ބަދަލުކުރުމެވެ. އެކަމަކު، އިޓަލީ ކަޓުވާލުމަށް ފަހު، ވޯލްޑް ކަޕަށް ކޮލިފައިވެ، 12 އަހަރަށް ފަހު، ދުނިޔޭގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕްގައި ކުޅޭ ބޮސްނިއާ އިން ވަނީ އެނބުރި އައި މެޗުން ކެނަޑާއާ އެއްވަރުވެފަ އެވެ.
ޓޮރޮންޓޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ދެ ޓީމަށް ވެސް ލަނޑު ޖަހަން ހުސް ފުރުސަތުތައް ލިބެމުންދިޔަ އެވެ. އެ ގޮތުން ބޮސްނިއާގެ އަމާރު މެމިޗް ޖެހި ޝޮޓް ހުރަސް ދަނޑިމަތިން ދިޔައިރު، ކެނަޑާގެ ޖޮނަތަން ޑޭވިޑް ޖެހި ޝޮޓް އަމާޒުވީ ބޮސްނިއާގެ ކީޕަރު، ނިކޯލާ ވަސިލް އަތަށެވެ.
ބޮސްނިއާ އިން ފުރަތަމަ ހާފުގައި ލިބުނު ހަމައެކަނި ކޯނަރުން ގޯލު ޖެހިއިރު، އެ ޓީމުން ލަނޑު ޖެހީ 21 ވަނަ މިނިޓްގަ އެެވެ. މިއީ ކޯނަރަކުން ހުރަސްވި ބޯޅައަކުން ސީޑް ކޮލާސިނަޗް ބޮލުން ޖައްސާލި ބޯޅަައަކަށް އަރައި، އެ ޓީމުގެ ޖޯވޯ ލުކިޗް ވަނީ ބޮލުން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
ފުރަތަމަ ހާފުގެ ބާކީ ބަޔާއި ދެ ވަނަ ހާފުގައި ވެސް ގިނަ ވަގުތު އެޓޭކަށް ބޯޅަ ހިފައިގެން ގޮސް ހަމަލާތަކެއް ވެސް ކެނަޑާ އިން އުފެއްދިއިރު، ގޯލަށް ފޮނުވާލުމުގައި ކާމިޔާބު ހޯދުން ވީ އުނދަގޫ ކަމަކަށެވެ. އެ ގޮތުން، ކެނަޑާގެ ދެ އެޓޭކެއް ބޮސްނިއާ ޑިފެންޑަރުން ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ. އޭގެ ތެރެއިން އެއް ބޯޅައަކީ ކެނަޑާގެ ރިޗީ ލަރްޔާ ފޮނުވާލި ޝޮޓެއް ދިފާއުކުރަން ބޮސްނިއާގެ ކޮލާސިނަޗް ޖައްސާލި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
އެކަމަކު، މެޗުގެ 78 ވަނަ މިނިޓްގައި ކެނަޑާ އިން ވަނީ ބަދަލަކަށް ކުޅެން އެރި ކައިލް ލަރިން ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. ކުޅެން އެރިތާ ދެ މިނިޓެއްހާއިރު ތެރޭ އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ލަރިން ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
މި ގްރޫޕްގެ ދެ ވަނަ މެޗުގައި މާދަމާރޭ ސްވިޒަލެންޑާއި ގަތަރު ބައްދަލުކުރާނެ އެވެ.
ބޮސްނިއާއާ އެއްވަރުވެ ކެނަޑާ އަށް ތާރީހީ ޕޮއިންޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ