ސޯލިހު ނަޝީދަށް: ނަޝީދުގެ ތަޖުރިބާގެ އަލީގައި މި ސަރުކާރު ޖަވާބުދާރީ ކުރެވޭނެކަން ޔަގީން

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހޮވިވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ތަޖުރިބާގެ އަލީގައި މި ސަރުކާރު ޖަވާބުދާރީ ކުރެވޭނެކަން ޔަގީން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ. ވާދަވެރި ކެމްޕެއިނަކަށް ފަހު ނަޝީދު ޗެއާޕާސަން އިންތިޚާބު ކާމިޔާބުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާ ވާދަކުރެއްވުމަށް ފަހެވެ. މި އިންތިޚާބަކީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބާއްވާ އިންތިޚާބެކެވެ. ފައްޔާޒު މިހާރު ހުންނެވީ ރައީސް ނަޝީދަށް ތާއީދު ކުރައްވައިގެންނެވެ. އަދި ސޯލިހު ހުންނެވީ މީކާއީލަށް ތާއީދުކުރައްވައިގެންނެވެ. https://x.com/ibusolih/status/2065498715209801964 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވި ނަޝީދަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވައިފައެވެ. އެމަނިކުފާނު ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރަން ޖެހޭ ސިޔާސީ މަސައްކަތްތައް މިވަގުތު ވަރަށް ގިނަކަން ފާހަގަކުރައްވައިފައެވެ. އަދި އެ މަސައްކަތްތައް ކުރުމުގައި ނަޝީދުގެ ތަޖުރިބާގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ސޯލިހު ވިދާޅުވިއެވެ. ސޯލިހު ވަނީ އިންތިޚާބުގައި މީކާއީލް ކުރެއްވި މަސައްކަތް ވަރަށް ކައިރިން ދުށް މީހެއްގެ ހައިސިއްޔަތުން މީކާއީލަށް މަރުޙަބާ ދަންނަވައިފައެވެ. އަދި މީކާއީލްގެ ސިޔާސީ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ވިދާޅުވެ ވަނީ ތައުރީފުކުރައްވައިފައެވެ. ހަމައެއާއެކު އަނެއްކާ ވެސް އެމްޑީޕީން ފެނިގެން މި ދިޔައީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ފައްކާވެ ފުރިހަމަ ވަމުން އަންނަ މަންޒަރު ކަމަށް ސޯލިހު ވިދާޅުވިއެވެ. "ޕާޓީއާގެން ކުރިއަށް ދާންވީ އެންމެން އެކީ،" ސޯލިހު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ