ކައުންސިލްތައް ވިލަރެސްކުރާ ލޯކަލް ގަވަރްމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގައި ހިމެނޭ ވަޒީރުންގެ މަޖިލީހުގެ މެމްބަރަކީ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ކަނޑައަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް އައްޔަންކުރާ ވަޒީރުންގެ މަޖިލީހުގެ މެމްބަރަކަށް އުމަރު ހަމަޖެއްސެވުމުގެ ކުރިން އެ މަގާމުގައި ހުންނެވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.
ދިރިއުޅުއްވާ އެޕާޓްމަންޓުގައި "ނުރައްކާތެރި ހަތިޔާރު" ގެންގުޅުއްވި ކަމުގެ ތުހުމަތުގައި ނާޒިމް ވަނީ އިއްޔެ މިނިސްޓަރު ކަމުން ވަކިކޮށްފަ އެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން އެލްޖީއޭގެ ބޯޑު އެކުލެވިގެން ވަނީ ނުވަ ބޭފުޅުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަންކުރައްވާ ވަޒީރެއްގެ އިތުރުން މާލެ އާއި އައްޑޫ ސިޓީން ދެ ކައުންސިލަރަކާއި އަތޮޅު ކައުންސިލަރުންގެ ތެރެއިން ހަތަރު ބޭފުޅަކާއި މަދަނީ ޖަމިއްޔާއެއް ތަމްސީލްކުރައްވާ ބޭފުޅެއްގެ އިތުރުން އާއްމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެކެވެ.
އެލްޖީއޭގެ ރައީސަކު އިންތިޚާބު ކުރާނީ އެ އޮތޯރިޓީގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އުމަރު އެލްޖީއޭ އަށް ހަމަޖެއްސެވިއިރު، ކުރިން ރައީސަކަށް ހުންނެވި ނާޒިމް، ރައީސްކަމުން ވަކިކުރަން ނިންމި މައްސަލަ އޮތީ ހޫނުވެފަ އެވެ. އެ މައްސަލާގައި އެލްޖީއޭގެ ޖަލްސާތައް ނުބޭއްވިގެން، އެޓާނީ ޖެނެރަލްގެ ލަފައެއް ހޯދައި، މާދަމާ ޖަލްސާ ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ވަޒީރުންގެ ތެރެއިން އެލްޖީއޭ އަށް ހޯމް މިނިސްޓަރު އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ