ކަންކަން ކޮށްދިނުމަށް ގޮވާލާ ރައްޔިތުން ފަހަތުން ދުވާކަށް ނުޖެހޭނެ: ފައިސަލް

ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ރައްޔިތުންގެ ކަންކަން ކޮށްދިނުމަށް ސަރުކާރުގެ ވެރިންގެ ފަހަތުން ރައްޔިތުން ދުވަން ނުޖެހޭނެ ކަމަށާއި ރައްޔިތުންގެ ކަންކަން ގުޅިފައިވާ ޕާޓީ ތަކުގެ ސަރުކާރެއްގައި ކޮށްދެއްވާނެ ކަމުގައި ގުޅިފައިވާ ޕާޓީ ތަކުގެ ރަނިންމޭޓް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ފައިސަލް ނަސީމު މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ވ. ތިނަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ފައިސަލް ވިދާޅުވީ މިސަރުކާރުން ތަރައްގީގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ދުވަހަކުވެސް ނުނިމި، އަބަދުވެސް ފެންނަނީ ތިން ހަތަރު ބުރަށް އެ މަޝްރޫއެއްގެ ކޮންމެވެސް މަސައްކަތްތަކެއް ކުރަމުންދާ މަންޒަރު ކަމަށެވެ. ނަމަވެސް ގުޅިފައިވާ ޕާޓީ ތަކުގެ ސަރުކާރެއްގައި ދައުލަތުގެ ބަޖެޓުން ކުރާ ކޮންމެ ހަރަދަކީ ސީދާ ރައްޔިތުންނަށް އަމާޒުކޮށްގެން އިސްރާފުނުކޮށް ކުރިއަށް ގެންދާ މަޝްރޫއަކަށް ވެގެންދާނެ ކަަމަށްވެސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށް ސަރުކާރުން ބުނާއިރު ބައެއް ރަށްރަށުގައި މިއަދުވެސް އަސާސީ ބައެއް ހިދުމަތްތައް ނެތް ކަމަށެވެ. އެގޮތުން ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުންނަށް ވާއިރު ވ. ތިނަދޫގައި ނަމާދުކޮށްލާނެ ރަނގަޅު މިސްކިތެއް ނެތް ކަމާއި އެރަށުގައި މިވަގުތު ހިންގަމުން ގެންދާ ސުކޫލެއް ނެތް ކަންވެސް ފައިސަލް ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް ގުޅިފައިވާ ޕާޓީ ތަކުގެ ސަރުކާރެއްގައި އެންމެ މީހަކު ދިރިއުޅޭ ރަށެއްގައި ނަމަވެސް އެ ރަށަކަށް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަަސާސީ ހިދުމަތްތައް ލިބޭނެ ކޮންމެވެސް ގޮތްތަކެއް ހަމަޖައްސާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ފައިސަލް ވިދާޅުވީ އެމަނިކުފާނު ކެމްޕޭންގައި ޒިޔާރަތްކުރައްވާ ކޮންމެ ރަށަކުން އިވިގެންދަނީ ޝަކުވާ ތަކެއް ކަމަށެވެ. އެހެންވަނީ ކޮރަޕްޝަނާއި ފަސާދަ މިގައުމުގައި އާންމުވެފައިވާތީ ކަމަށާއި އެކަމުން މިންޖުވާންޖެހޭ ކަަމަށްވެސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ދިވެހިންނަކީ މަސައްކަތްތެރި އަޒުމު ވަރުގަދައެއް ބައެއް ކަމަށާއި އެހެންކަމުން އެ އަޒުމުގައި ކެރިގެން ނިކުމެ ސެޕްޓެމްބަރު 23 ވަނަ ދުވަހު ގުޅިފައިވާ ޕާޓީ ތަކުގެ ސަރުކާރެއް ގާއިމުކުރުމަށް ރައްޔިތުން ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ﷲގެ އިރާދަފުޅުން 23 ސެޕްޓެމްބަރު ވެގެންދާނީ އާ އަލިކަމެއް ދިވެހި ޖައްވަށް ފެތުރިގެންދާ ދުވަހަކަށް ކަަމަށްވެސް ފައިސަލް ވިދާޅުވި އެވެ. އަދި މިއިންތިހާބު ގުޅިފައިވާ ޕާޓީތަކަށް ކާމިޔާބުކޮށްދެއްވުމަށާއި އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި ރައްޔިތުން 10 ގުނަ އިތުރަށް މަސައްކަތް ކޮށްދެއްވުމަށްވެސް ފައިސަލް ވަނީ އެދިވަޑައިގެންފަ އެވެ. ގައުމުގެ ހާލަތު ބަދަލުވާނީ ރައްޔިތުން އެކަމަށް އެދިގެން މަސައްކަތް ކުރުމުންވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ