ށ. ފުނަދޫން: އަހްމަދު އަބްދުﷲ ސައީދު
ށ. އަތޮޅު ކައުންސިލްގެ އިދާރާ، މި ރަށުގައި ހުރި ކުރީގެ އަތޮޅު އޮފީހުގައި ހިންގަން ފެށުމުން އެކަން ހުއްޓުވުމަށް މި ރަށަށް އައިސް ތިބި ފުލުހުން، މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަނީސް އަތޮޅު އޮފީސް ބަންދުކުރުމަށް އެއްވެސް ފިޔަވަޅެއް އަޅައިގެންނުވާނެ ކަމަށް ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަތޮޅު ކައުންސިލްގެ އިދާރާ ގާއިމުކޮށްފައިވާ ކުރީގެ އަތޮޅު އޮފީސް ދޮށުގައި ހުންނަވައިގެން ރަށު ރައްޔިތުންނާ ބައްދަލުކުރައްވަމުން އަލީ ވަހީދު ވިދާޅުވީ، މިލަންދޫގެ ބަދަލުގައި ފުނަދޫގައި އަތޮޅު ކައުންސިލް ހިންގަން އެ ކައުންސިލުން ނިންމި މައްސަލަ މިއަދު ހައި ކޯޓުގައި ނިމިގެންދާ އިރު، ފުނަދޫ ރައްޔިތުން އެދޭ ގޮތަށް އެކަން ނިމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް ހައި ކޯޓުން ނިންމައިފި ނަމަ، ސުޕްރީމް ކޯޓަށް ވެސް ދާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަތޮޅު ކައުންސިލްގެ އިދާރާ ބަންދުކުރުމަށް ފުލުހުން އައުމާ ގުޅިގެން އެކަމާ ދެކޮޅަށް އަތޮޅު އޮފީސް ދޮށަށް އެއްވެ ތިބި މީހުންނަށް އަލީ ވަހީދު ވިދާޅުވީ ޣައިރު ގާނޫނީ އަމުރަކަށް ފުލުހުން އަމަލުކުރާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ކުޑަކުދިން ގޮވައިގެން އޮފީސް ދޮށުގައި ތިބޭ މީހުން އެ ކުދިން ގޮވައިގެން ގެއަށް ދިއުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
އަލީ ވަހީދު ވިދާޅުވީ މާދަމާ ރައީސް ނަޝީދު ރިއާސީ ބަޔާން އިއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އޭނާ ވަޑައިނުގަންނަވާނެ ކަމަށާއި އޭނާ ހުންނަވާނީ ފުނަދޫގެ ރައްޔިތުންނާ އެކު ފުނަދޫގައި ކަމަށެވެ. އަދި މާދަމާ ރައީސް ނަޝީދު ރިއާސީ ބަޔާން އިއްވަވާ ގަޑީގައި މި ރަށުގައި "ރައްޔިތުންގެ ރިއާސީ ބަޔާން އިއްވުން އޮންނާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ރަށުގެ އާންމު ހާލަތު ނުތަނަވަސްވެފައިވާތީ އެކަން ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުޅުން ވެސް މިއަދު މި ރަށަށް ވަޑައިގަންނަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ރަށުގެ އެމްޑީޕީ މެމްބަރުން ވެސް ރޭގައި އޭނާއާ ބައްދަލުކުރެއްވި ކަމަށާއި އެ ބޭފުޅުން ވެސް ތިއްބެވީ މި މައްސަލައިގައި މި ރަށު ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށެވެ. އަދި ފުނަދޫގައި އަތޮޅު ކައުންސިލް ހިންގުމާ މެދު އެމްޑީޕީ މެމްބަރުންގެ މެދުގައި ދެކޮޅުވެރިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެންމެ މަތީ ކޯޓުން ގޮތެއް ނުނިންމަނީސް ފުލުހުން ފިޔަވަޅެއް އަޅައިގެން ނުވާނެ: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ