އިންތިޚާބު މައްސަލާގައި ކޯޓުގައި ދައްކާފައިވަނީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން - މައުމޫން

އިންތިޚާބު ފަސްކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައިވަނީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫންކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމާ ގުޅިގެން ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބު ނުބޭއްވުމަކީ ގާނޫނުގެ ވެރިކަން ހިންގުމަށް އޮތް ހުރަހެއް ކަމަށެވެ. އަދި ކައުންސިލް އިންތިޚާބު ފަސްކުރުމަކީ ރައްޔިތުންގެ އިންތިޚާބީ ހައްގުތަކަށް ލިބޭ ބޮޑު އުނިކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށާއި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިންތިޚާބު، އިންތިޚާބީ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމުކުރެއެވެ" މައުމޫން ވިދާޅުވެފައިވެއެވެ.
ކައުންސިލް އިންތިހާބު އިތުރު ދެ މަސް ދުވަހަށް ފަސްކުރަން ސިވިލް ކޯޓުން އަމުރު ނެރެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެކަމާއި ގުޅިގެން އިލެކްޝަންސް އިން ބުނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައެވެ.
މި މައްސަލައިގެ ތެރެއަށް މައުމޫނުގެ އިތުރުން، އަދާލަތު ޕާޓީ އަދި އެމްޑީޕީން ވެސް ތަދައްހުލްވިއެވެ. މައުމޫން ވިދާޅުވީ އިންތިހާބު ފަސްކުރަންޖެހޭ ސަބަބެއް ނެތްކަމަށް އިލެކްޝަންސް އިން ވެސް ބުނެފައިވާއިރު އެ އިންތިހާބު ފަސްކޮށްފައިވަނީ މަދުބައެއްގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ