ޑޮލަރުން ލިބުނު އާމްދަނީ 17 ޕަސެންޓް ދަށަށް

މިދިޔަ މަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 17 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.
ޓެކްސް އިދާރާ، މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް ޑޮލަރުން ލިބުނީ 89 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މެއި މަހު ދައުލަތަށް ޑޮލަރުން 105 މިލިއަން ލިބިފައިވެ އެވެ.
ޑޮލަރުގެ އާމްދަނީ އެހާ ބޮޑަށް ދަށަށް ދިޔައީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވަލޮޕްމެންޓް ފީ ވެސް ދަށްވެފައިވުމުންނެވެ. 
މާޗް މަހު ފެށުނު މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޓޫރިޒަމް ދާއިރާއަށް އޭގެ އަސަރު ދަނީ ކުރަމުންނެވެ.
މެއި މަހު ޓީޖީއެސްޓީން ލިބުނީ 756 މިލިއަން ރުފިޔާ އެވެ. އެއީ 21 ޕަސެންޓްގެ ވެއްޓުމެކެވެ. އޭގެ ކުރީ އަހަރު ޓީޖީއެސްޓީން 963 މިލިއަން ރުފިޔާ ދައުލަތަށް ވަނެވެ. ގްރީން ޓެކްސްއިން މިދިޔަ މަހު ދައުލަތަށް ލިބިފައިވަނީ 139 މިލިއަން ރުފިޔާ އެވެ. އެއީ ކުރީ އަހަރުގެ މެއި މަހަށް ވުރެ 32 ޕަސެންޓްގެ ވެއްޓުމެކެވެ. މިދިޔަ އަހަރުގެ މެއި މަހު ގްރީން ޓެކްސްގެ ގޮތުގައި 205 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ޑިޕާޗާ ޓެކްސް އިން ދައުލަތަށް ވަދެފައިވަނީ 156 މިލިއަން ރުފިޔާ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީން ދައުލަތަށް ލިބުނީ 158 މިލިއަން ރުފިޔާ އެވެ. 
މިދިޔަ މެއި މަހު ދައުލަތަށް ޖުމްލަ އާމްދަނީ ވެސް ވަނީ ފަސް ޕަސެންޓް ދަށްވެފަ އެވެ. މެއި މަހު ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު މިދިޔަ އަހަރުގެ މެއި މަހު 2.1 ބިލިއަން ރުފިޔާ މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ