ކެނެޑާގައި ވެސް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ
ކެނެޑާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ އާ ޑިޖިޓަލް ސަލާމަތީ ބިލެއް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ. "ޑިޖިޓަލް ސޭފްޓީ އެކްޓް"ގެ ނަމުގައި ހުށަހެޅި މި ބިލުގެ މަގްސަދަކީ ކުޑަކުދިންނަށް އިންޓަނެޓްގެ ޒަރީއާއިން ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމެވެ. ނަމަވެސް، ސަރުކާރުން ކަނޑައަޅާ ވަކި ސަލާމަތީ މިންގަނޑުތަކަކަށް ފެތޭ ޕްލެޓްފޯމްތަކަށް މީގެއިން އިސްތިސްނާ ފުރުސަތުތަކެއް ލިބޭނެއެވެ. މި ބިލުގެ ދަށުން ސޯޝަލް މީޑިއާގެ އިތުރުން އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ޗެޓްބޮޓްތަކަކީ ވެސް ރައްކާތެރި އެއްޗަކަށް ހެދުމަށްޓަކައި ޑިޖިޓަލް ރެގިއުލޭޓަރެއް ނުވަތަ ބަލަދުވެރި އިދާރާއެއް އުފެއްދުމަށް ވަނީ ނިންމާފައެވެ. މި ބިލަށް އަމަލުނުކުރާ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ. އެގޮތުން ކުންފުނީގެ މުޅި ދުނިޔޭގެ އާމްދަނީގެ ތިން އިންސައްތަ ނުވަތަ 10 މިލިއަން ކެނޭޑިއަން ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު މި ގާނޫނުން ލިބިދެއެވެ. https://sun.mv/222709 ކެނެޑާގެ މިނިސްޓަރ އޮފް ކެނޭޑިއަން އައިޑެންޓިޓީ އެންޑް ކަލްޗާ، މާކް މިލާ ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާ އާއި އޭއައި ޗެޓްބޮޓްތައް ފަރުމާކޮށްފައި ހުންނަނީ އިންސާނާގެ ސަމާލުކަން ދަމައިގަންނާނެ ގޮތަށެވެ. މީގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، އެކަނިވެރިކަމާއި، މާޔޫސްކަމާއި، ހާސްކަން ކުރިމަތިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އާ ގާނޫނުގެ ސަބަބުން ކުދިންނަށް އަމަލީ ދުނިޔޭގައި ރައްޓެހިން ހޯދުމަށާއި ކިޔެވުމަށް ސަމާލުކަން ދިނުމަށް ފުރުސަތު ލިބޭނެއެވެ. މި ބިލު ހުށަހަޅައިފައިވަނީ ކެނެޑާގައި ހިނގި ނުރައްކާތެރި ބަޑީގެ ހަމަލާއެއްގައި ގެއްލުން ލިބުނު އާއިލާތަކުން އޯޕަންއޭއައި ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ އާއިލާތަކުން ތުހުމަތުކުރާ ގޮތުގައި، ހަމަލާދިން މީހާ ޗެޓްޖީޕީޓީ ބޭނުންކޮށްގެން ނުރައްކާތެރި ވާހަކަތަކެއް ދެއްކުމުން އޭނާ ބްލޮކް ކުރި ނަމަވެސް، އެކަމުގެ މައުލޫމާތު ކުންފުނިން ފުލުހުންނަށް ހިއްސާކޮށްފައެއް ނުވެއެވެ. މި އާ ގާނޫނުގެ ދަށުން ޕްލެޓްފޯމްތަކުގައި ހުންނަ އޮޓޯޕްލޭ، އެންޑްލެސް ސްކްރޯލިންގް ފަދަ ދެވިހިފާ ފީޗާތަކަށް ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ. އަދި މީހެއްގެ ނުރުހުމުގައި އޭނާގެ ބަދުއަޚުލާގީ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އާންމުކޮށްފިނަމަ، ރިޕޯޓްކުރާ ފަރާތުން ރިޕޯޓްކުރާތާ 24 ގަޑިއިރުގެ ތެރޭގައި އެ އެއްޗެއް ސޯޝަލް މީޑިއާއިން ނަގަން މަޖުބޫރުވާނެއެވެ. ކެނެޑާއަކީ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމަށް ފިޔަވަޅު އެޅި ފުރަތަމަ ގައުމެއް ނޫނެވެ. މީގެ ކުރިން އޮސްޓްރޭލިއާއިން ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ގާނޫނެއް ފާސްކޮށްފައެވެ. އަދި ފްރާންސް، ޑެންމާކް، ޕޮލެންޑް، ގްރީސް އަދި ތުރުކީ ފަދަ ގައުމުތަކުން ވެސް ދަނީ މިފަދަ ހަރުކަށި ގާނޫނުތައް ހެދުމަށް ތައްޔާރުވަމުންނެވެ. ކެނެޑާގެ މި ބިލު ގާނޫނަކަށް ވުމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރެވެއެވެ. ދުނިޔޭގެ އެކި ގައުމުތަކުން ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމަށް މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު، ދިވެހިރާއްޖޭގައި ވެސް އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްލިކޭޝަންތަކެއް ބޭނުންނުކުރެވޭ ގޮތަށް ހެދުމަށް ސަރުކާރުން ދަނީ ވިސްނަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހަކުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، އޮންލައިންކޮށް ކުދިންނަށް ކުރިމަތިވާ ސައިބާ ބުލީން، ގްރޫމިން އަދި އިސްލާމީ އުސޫލުތަކާ ޚިލާފު ކޮންޓެންޓްތަކުން ޅަދަރިން ރައްކާތެރިކުރުމަކީ ސަރުކާރުގެ ބޮޑު މަސްއޫލިއްޔަތެކެވެ. ރާއްޖެއިން މިކަމުގައި ނަމޫނާއަކަށް ބަލާނީ އޮސްޓްރޭލިއާއިން އަމަލުކުރި ގޮތް ކަމަށާއި، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މި ސިޔާސަތު ރާއްޖޭގައި ތަންފީޒުކުރަން ފެށުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއީ ޑިޖިޓަލްވުމާ ދުރަށް ދިއުމެއް ނޫނެވެ. އަދި ސަރުކާރުގެ "މޯލްޑިވްސް 2.0" ގެ ދަށުން ކުރިއަށްދާ ޑިޖިޓަލް ތަރައްގީއަށާއި ކުދިންގެ ތައުލީމަށް މީގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ