ފާރިސް މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ކުއްލިގޮތަކަށް މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އަންގާފައިވާތީ އެ ކޮމިޝަނަށް ހާޒިރުވެ ވަޑައިގެންފިއެވެ.
އެމްޑީޕީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ޕާޓީއިން ދެކޭ ގޮތުގައި ޢަޙްމަދު ފާރިސް މައުމޫން އޭސީސީއަށް ހާޒިރުކުރުވަނީީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭ މަސައްކަތްތައް ފާރިސް ކުރައްވަމުން ގެންދަވާތީ، އޭނާއަށް ބިރުދައްކައި އެމަސައްކަތް ހުއްޓުވުމަށެވެ. އަދި މިއީ މިނިވަން މުވައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލި ސިޔާސީވެފައިވާ ކަމުގެ ހެއްކެެއްކަމަށްވެސް އެމްޑީޕީއިން ބުނެއެވެ.
އެމްޑީޕީގެ އިތުރުންވެސް ވަރަށް ގިނަ ފަރާތްތަކުން ފާރިސް އޭސީސީއަށް ހާޒިރުކުރަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަޖިލީހަށް ހުށައެޅުމުގެ ސަބަބުން ކަމަށް ބުނެފައެވެ.
ފާރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ އޭސީސީ އަށް ހާޒިރުކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައާ ދިމާކޮށް ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ގޮތުން ކަމަށެވެ. އެހެންނަމަވެސް, އޭނާ ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފާރިސް ވިދާޅެއް ނުވެ އެވެ.
ފާރިސް މައުމޫން އިސްވެ ހުންނަވައިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިފަ އެވެ.
އެމައްސަލަ މަޖިލީހަށް ވެއްދީ 25 މެމްބަރުންގެ ސޮޔާ އެކު އެވެ. އޭގެތެރޭގައި އެމްޑީޕީ, ޖޭޕީ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވަފާތެރި، މަޖިލިސް މެމްބަރުން ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ