ޖޮލީ އެލްއެލްބީ 2ގެ ހަތަރު މަންޒަރެއް ކަނޑާލުމަށް ކޯޓުން އަމުރުކޮށްފި

"ޖޮލީ އެލްއެލްބީ" އަކީ، އިންޑިއާގެ ކޯޓް ރޫމްގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ކޮމެޑީ ޑްރާމާ ފިލްމެކެވެ. މި ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު މިހާރު މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ މިފިލްމުގެ ދެވަނަ ބައެއް އުފައްދާފަ އެވެ. "ޖޮލީ އެލްއެލްބީ 2"ގެ ނަމުގައި ޕްރިމިއާ ކުރުމަށް ހަމަޖައްސާފައިވާ މިފިލްމް މިމަހުގެ 10 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ތައްޔާރުވަމުން ދަނިކޮށް މިފިލްމާއި ގުޅިގެން ކޯޓުން މިހާރު ވަނީ އަމުރެއް ނެރެފަ އެވެ.
އަކްޝޭ ކުމާރް ލީޑް ރޯލުން ފެނިގެންދާ "ޖޮލީ އެލްއެލްބީ 2" ޕްރިމިއާ ކުރަން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް އިންޑިއާގެ މުމްބާއީގައި ހުންނަ ބޮމްބޭ ހައި ކޯޓުން މިހާރު ވަނީ ފިލްމުގެ ހަތަރު މަންޒަރެއް ކަނޑާލުމަށް އަމުރުކޮށްފަ އެވެ.
"ޖޮލީ އެލްއެލްބީ 2"އާއި ގުޅިގެން މައްސަލައެއް ހުށަހެޅި ކަމުގެ ވާހަކަ އަކީ ފާއިތުވެ މިދިޔަ ހަފްތާގައިވެސް މުޅި އިންޑިއާގެ ނޫސްތަކުގައި އެންމެ ގަދައަށް ދެކެވެމުން ދިޔަ އެއް ވާހަކަ އެވެ. އެމައްސަލަ މުމްބާއީގެ ހައި ކޯޓަށް ހުށަހަޅާފައިވަނީ އިންޑިއާގެ މަހާރަސްތްރާ ސްޓޭޓްގެ އަވަށެއް ކަމަށްވާ ނާންދޭޑްގެ ގާނޫނީ ވަކީލެކެވެ.
އޭނާ މައްސަލަ ހުށަހަޅަމުން ބުނެފައިވަނީ އިންޑިއާގެ ކޯޓުތަކާއި ގުޅޭ ގޮތުން ގޯސްގޮތަކަށް މީހުންނަށް ސިފަވާ ފަދަ މަންޒަރުތަކެއް ފިލްމުގައި ދައްކުވައިދީފައިވާ ކަމަށެވެ. އަދި އެމަންޒަރުތަކުގެ ސަބަބުން އިންޑިއާގެ ކޯޓް ސިސްޓަމްގެ އަގު ވަރަށް ބޮޑަށް ވެއްޓިގެންދާނެ ކަމަށާއި އެހެން ކަމުން އެމަންޒަރުތައް ފިލްމުން ކަނޑާލުމަށް ކޯޓުން އަމުރެއް ނެރެދިނުމަށް ވެސް އެދިފައިވެ އެވެ.
ކޯޓުން މިމައްސަލަ ބެލުމަށް ފަހު މިދިޔަ ހޯމަ ދުވަހު ނެރުނު އަމުރުގައި އަންގާފައިވަނީ މިފިލްމުގެ ހަތަރު މަންޒަރެއް ކަނޑާލުމަށެވެ. މިހަތަރު މަންޒަރުގެ ތެރެއިން އެއް މަންޒަރެއްގައި ދައްކަނީ ކޯޓުގެ ޖަޖަކު ގޮނޑިއެއްގެ ބިއްދަށަށް ވަދެ ފިލާ އިންނަ ތަނެވެ. އަނެއް މަންޒަރުގައި ދައްކަނީ ކޯޓު ތެރޭގައި މީހަކު ބޫޓު ކިބައެއް އެއްލާލާ މަންޒަރެވެ.
ކޯޓުން ނެރުނު އަމުރާ ގުޅިގެން މިފިލްމު ޕްރިމިއާ ކުރުމަށް އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓްފިކޭޝަން (ސީބީއެފްސީ) އިން ކުރިން ދީފައިވާ ހުއްދަ މިހާރު ވަނީ ވަގުތީގޮތުން ބާތިލްކޮށްފަ އެވެ. މިފިލްމް އެޅުވުމަށް އަލުން ހުއްދަ ދޭނީ ކޯޓުން އަންގާފައިވާ މަންޒަރުތައް ކަނޑާލުމުން ކަމަށްވެސް ބުނެ އެވެ.
މިމައްސަލާގައި "ޖޮލީ އެލްއެލްބީ 2"ގެ ޓީމުން ބުނެފައިވަނީ މިމައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ސުބާޝް ކަޕޫރް ލިޔެ ޑައިރެކްޓް ކޮށްފައިވާ "ޖޮލީ އެލްއެލްބީ 2"ގެ ލީޑް ތަރިންގެ ތެރޭގައި ހިމެނެނީ ބޮލީވުޑްގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އަކްޝޭ ކުމާރްގެ އިތުރުން މަޝްހޫރު ކަން ހޯދަމުން އަންނަ ޒުވާން ތަރި ހުމާ ގުރޭޝީ އެވެ. މީގެ އިތުރުން މިފިލްމުގައި ސައުރަބް ޝުކްލާގެ އިތުރުން އަންނޫ ކަޕޫރް ވެސް ފެނިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ