ކ. ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާ އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދަން ނިންމާފައިވާ ކަން ވެމްކޯ އިން ހާމަކުރުމާ ގުޅިގެން ކައިރި ރަށްރަށުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ތިލަފުށީގައި އެނދި ކުނިތައް އެތަނުން ނަގައި، ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް މިއަދު "މިހާރު" އަށް ވިދާޅުވި އެވެ. އެ ހާދިސާގައި ފަންސާއެއްހާ ޓަނުގެ ކުނި އަނދައިގެން ގޮސްފައިވެ އެވެ.
ވެމްކޯގެ މި ނިންމުމާ ގުޅިގެން ކުނބުރުދޫއާ ދާދި ގާތުގައި އޮތް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
މާލެ ކައިރީގައި، ގުޅީފަޅު، އުތުރު ތިލަފަޅު، ހުޅުމާލެ 3 ވަނަ ފިޔަވަހި އަދި ފުށިދިއްގަރު ފަޅު ކަހަލަ ބޮޑެތި ފަޅުތައް ހިއްކަމުންދާއިރު ވެސް، ހދ. އަތޮޅު ފަދަ ފަޅު ރަށްތައް މަދު އަތޮޅުގެ މެދުގައި އޮތް ގުދުރަތީ ރީތި ރަށަކަށް މުޅި ގައުމުގަ އުފެދޭހާ ކުނި ޖަމާކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް މޭޔަރު ވިދާޅުވި އެވެ.
އަދި އެ ސަރަހައްދުގެ ކުނި ވެސް ޖަމާކުރަން އެންމެ ރަނގަޅު ރަށަކީ ކުނބުރުދޫ ކަމަށް ނުދެކޭ ކަމަށް އާތިފް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ވެމްކޯ އިން ހިދުމަތް ދެމުންދާއިރު، އެ ރަށުން އުފެދޭ ކުނި ކުނބުރުދޫއަށް ވެމްކޯ އިން ބޭރުކުރެ އެވެ.
ކުރިން މީހުން ދިރިއުޅުނު ކުނބުރުދޫއާ ޖެހިގެން އޮތް ކުރިނބި ކައުންސިލްގެ ރައީސް އަލީ ވިސާމް ވިދާޅުވީ އެ ރަށަށް ކުނިތައް އެޅުމާ ދެކޮޅު ކަމަށެވެ.
"ކުރިނބީއަކީ ކުނބުރުދުއާއި 1.7 މޭލު ކައިރީގައި އޮތް މީހުން ދިރިއުޅޭ ހިތްގައިމު ރަށެއް. ކުނބުރުދުއަށް ޖަމާކުރާ ކުނީގެ ސަބަބުން މަދިރިއާއި މެހީގެ އިތުރުން ނުބައި ވަހުގެ އުނދަގޫ އުފުލާކަށް މަޑުމަޑުން ތިބެވޭކަށް ނެތް،" ވިސާމް ވިދާޅުވި އެވެ.
ވިސާމް ވިދާޅުވީ ކުނި އަޅަންޏާ ކުނބުރުދޫ ނޫން ރަށެއް ހޯދަންޖެހޭ ކަމަށާއި ކުރިނބީ ރައްޔިތުންގެ ހައްގުތަކަށް ވެސް އިހުތިރާމް ކުރަންޖެހޭ ކަމަށެވެ.
The most trusted news source in the Maldives
ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވި ކަމަށް ވެމްކޯ އިން ކުރިން ބުނެފައިވެ އެވެ.
އެ ހާދިސާގެ ސަބަބުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަނަށް ބުރޫއަރައި، ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ޖެހުނެވެ.
ވެމްކޯގެ އެމްޑީ މުޖުތަބާ ވިދާޅުވީ ތިލަފުއްޓަށް ގެންދާ ކުނި އެ ތަނުގައި ބަހައްޓައިގެން، ކުނިވާ ޒާތުގެ ކުންޏާއި ފަންކުނޑި އާއި ގްރީން ވޭސްޓް އަދި ހުޅުހިފާ ޒާތުގެ ކުނި ވެސް ވަކިކުރާ ކަމަށެވެ. ސައިޓުގައި ރޯވީ ވަކިކޮށްފައި ހުރި ހުޅުހިފާ ޒާތުގެ ކުނީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ތިލަފުށީގައި އެނދި ކުނިތައް ކުނބުރުދުއަށް ގެންދާތީ ކައިރި ރަށްރަށުގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ