ވޮޒިންހާ ޗިލީ ލީގުގައި ބޭނުންކުރާނީ އެހެން ނަމެއް

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކޭޕް ވާޑެގެ ގޯލްކީޕަރު، ވޮޒިންހާ ދެއްކި މޮޅު ކުޅުމާއެކު އޭނާއަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވީ ނަމަވެސް، ޗިލީގެ ކޮލޯ-ކޮލޯ ކުލަބުގައި އޭނާގެ މަޝްހޫރު ނަން ބޭނުންކުރާކަށް ޗިލީ ލީގަކުން ފުރުސަތެއް ނުދެއެވެ.
ޗިލީ ލީގުގެ ގަވާއިދުތައް ބުނާގޮތުން ކުޅުންތެރިންގެ ޖާޒީގައި ޖަހަންޖެހޭނީ އެ ކުޅުންތެރިއެއްގެ ރަސްމީ ނަމެވެ.
އުމުރުން 40 އަހަރުގެ މި ކީޕަރަކީ 2026 ގެ ވޯލްޑް ކަޕްގައި އެންމެ ބޮޑަށް ވިދާލި އެއް ތަރިއެވެ. އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޗިލީގެ ވަރުގަދަ ކްލަބެއް ކަމަށްވާ ކޮލޯ-ކޮލޯއިން ވަނީ ހިލޭ ޓްރާންސްފަރއެއްގައި އޭނާ އެ ޓީމަށް ސޮއިކުރުވާފައެވެ.
ދުނިޔޭގެ ފެންވަރުގައި އޭނާ "ވޮޒިންހާ" ގެ ނަމުން މަޝްހޫރުވެފައިވީ ނަމަވެސް، ޗިލީގެ ޕްރިމިއާ ޑިވިޝަންގެ ގަވާއިދުތައް ހުރިގޮތުން ޖާޒީގައި ވަނަން ބޭނުންކުރުމަކީ މަނާކަމެކެވެ. އެ ގަވާއިދު ބުނާގޮތުން ކުޅުންތެރިން ޖާޒީގައި ބޭނުންކުރަންވާނީ އެމީހެއްގެ ރަސްމީ ދެ ނަމުންކުރެ ނަމެއް ނުވަތަ ދެ ނަން އެކުގައެވެ.
ކޭޕް ވާޑެގެ ކީޕަރުގެ ފުރިހަމަ ނަމަކީ ހޯސިމާ ހޯޒޭ އެވޯރާ ޑިއާސްއެވެ. އޭނާގެ ޖާޒީގައި ދެން ފެންނާނީ "އެވޯރާ" ނުވަތަ "ޑިއާސް" ނުވަތަ "އެވޯރާ ޑިއާސް"އެވެ. އޭނާއަށް "ވޮޒިންހާ" ގެ ނަން ބޭނުންކުރެވޭނީ ލީގުގެ ކައުންސިލް އޮފް ޕްރެޒިޑެންޓްސްގެ އިއްތިފާގުން އެ ގަވާއިދު އިސްލާހު ކުރެވިއްޖެ ނަމައެވެ.
މީގެ އިތުރުން، އާންމުކޮށް ކީޕަރުން ބޭނުންކުރާ ނަންބަރު 1 ޖާޒީވެސް އޭނާއަށް މިފަހަރު ނުލިބޭނެއެވެ. ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ސީޒަނުގައި ވޮޒިންހާ ފެންނާނީ 16 ނަންބަރު ޖާޒީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ