ޖަޕާނުގެ ކުމަމޯޓޯ ސަރަހައްދަށް މިއަދު އައި 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި ބައެއް އިމާރާތްތައް ވެއްޓި، އަލިފާނުގެ ހާދިސާތައް ހިނގައި، 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ އެވެ.
ބިންހެލުމުގެ ސަބަބުން ވަނީ، ކަޝީމާ އަވަށުގައި ހުންނަ ޝޮޕިން މޯލެއްގެ ދެވަނަ ފްލޯ ވެއްޓި އެތައް ބަޔަކު އެތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވެ އެވެ. ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މޯލްގެ 20 - 30 އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުންނާ އަދިވެސް މުއާމަލާތެއް ނުކުރެވެ އެވެ.
ބިންހެލުމުގައި މީހުން މަރުވިކަމެއް އަދި އަދަދުތަކެއް ވެސް ކަށަވަރެއް ނުވެ އެވެ.
އެކަމަކު ގެއެއް ވެއްޓިގެން އެކަކު މަރުވެފައިވާ ކަމަށް ކިޔޯޑޯ ނިއުސް އިން ރިޕޯޓްކޮށްފައިވެ އެވެ.
"ޖަޕާން ޕޭޕަ އިންޑަސްޓްރީޒް" ކާރުހާނާގެ ދުންހޮޅިއެއް ވެއްޓި، އެތަނުން ވެސް ބަޔަކު ގެއްލިފައިވާ ކަމަށް ބެލެވެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެ ހޮސްޕިޓަލަކަށް، މަދުވެގެން 50 އަށްވުރެ ގިނަ މީހުން ވަނީ އަނިޔާވެގެން ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ފިހިފައިވާ މީހުންނާއި އެކި ތަންތަން ބިނދިފައިވާ މީހުން ވެސް ހިމެނެ އެވެ.
ކުމަމޯޓޯ ސަރަހައްދުން 45,000 އަށްވުރެ ގިނަ ގޭބިސީން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފަ އެވެ. ގިނަ މަގުތަކެއް ބަންދުކޮށް، ހައި-ސްޕީޑް ރޭލުގެ ހިދުމަތް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
"އަަހަރެމެން އަދިވެސް ދަނީ ލިބުނު ގެއްލުންތަކާއި އަނިޔާވި މީހުންގެ ތަފްސީލު ބަލަމުން. ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި، އަލިފާނުގެ ހާދިސާތައް ހިނގަމުންދާއިރު، މަގުތަކާއި ފާލަންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި،" ބޮޑުވަޒީރު ސަނާއޭ ތަކާއިޗީ ވިދާޅުވި އެވެ.
ޖަޕާނުގެ އަސްކަރިއްޔާއިން ވަނީ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވުމަށް 3,600 ސިފައިންނާއި 20 މަތިންދާބޯޓު ނެރެފަ އެވެ.
ބިންހެލުމާ ގުޅިގެން 1 މީޓަރުގެ ސުނާމީއެއް އަތުވެދާނެކަމަށް ނެރުނު އިންޒާރު ވެސް ނެރުނެވެ. ނަމަވެސް ފަހުން ވަނީ އިންޒާރު އުވާލައިފަ އެވެ. ބިންހެލުން އައި ސަރަހައްދުގައި ހުރި ތިން ނިއުކްލިއާ ރިއެކްޓަރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި، އާންމު ހާލަތުގައި މަސައްކަތް ކުރަމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޖަޕާނަށް އައި ބިންހެލުމުގައި އިމާރާތްތަކެއް ވެއްޓި ބައެއް މީހުން ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ