ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ހަރަދުތަކާއި ގުޅޭގޮތުން ނެރެފައިވާ އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލާގައި ޖަވާބުދާރީ ވެވަޑައިގަތުމަށްޓަކައި މި ހަފުތާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްހާޒިރު ވެވަޑައިގެންނެވިދާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އޭސީސީގެ ރައީސް ހަސަން ލުތުފީ އަށް ފޮނުއްވި ސިޓީފުޅެއްގައިއެވެ. އެސިޓީގައި ރައީސް މައުމޫން ވިދާޅުވީ ތީމުގޭގެ 2007 އާއި 2008 ގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއްގެ ތަހުގީގަށް ބަޔާން ދެއްވުމަށް އެކޮމިޝަނަށް އަންނަ އަންގާރަ ނުވަތަ ބުދަދުވަހުގެ މެންދުރު ފަހު 1:00 ގައި ހާޒިރުވެވަޑައިގެންނެވި ދާނެ ކަމަށެވެ.
"އަޅުގަނޑު ތިޔަ ކޮމިޝަނަށް ހާޒިރުވާ އިރު، އަޅުގަނޑާ އެކީގައި އަޅުގަނޑުގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވަޑައިގަންނަވާނެ ވާހަކަ ވެސް ދެންނެވީމެވެ." ސިޓީފުޅުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އަމިއްލަފުޅަށް އޭސީސީއަށް ހާޒިރުވާން ނިންމީ އޭސީސީގެ ތަހުގީގު ޓީމަށް ވެސް އެގޮތް މާ ފަސޭހަވާނެ ކަމުގައި ފެނިލައްވާތީ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް މައުމޫނު އަރިހުން ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމަށްޓަކައި ރައީސް މައުމޫންގެ އަރިހަށް އޭސީސީގެ ޓީމެއް ދިއުމަށް އެ ކޮމިޝަނުން ނިންމައި ރައީސް މައުމޫނަށް ފަސޭހަފުޅު ވަގުތެއް ދެއްވުމަށް ވެސް އޭސީސީން ވަނީ މީގެ ކުރިން އެދިފައެވެ.
"ގައުމަށް މިކަން ފެނި، އެނގެން ޖެހޭނެ. ހަގީގަތް އެނގުމަކީ ރައްޔިތުންނަށް އޮތް ހައްގެއް، މީޑިއާވެސް އެތަނުގައި ތިބެންވާނެ" މައުމޫނު ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލައެއް ވެސް ފުލުހުން ތަހުގީގުކޮށް އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް މީގެ ކުރިން ވަނީ ފޮނުވާފައެވެ.
ނަމަވެސް ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ދީފައިވާ މުއްދަތު ފާއިތުވެފައިވާތީ ޕީޖީ ވަނީ އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލައިފަ އެވެ.
މި އަންނަ ހަފްތާގައި ރައީސް މައުމޫނު އޭސީސީ އަށް ހާޒިރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ