މިހާރު ގާނޫނުއަސާސީ އޮތީ ވެރިކަމުގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި އެހެންކަމުން ބޮޑު ބަދަލު ގެނައުން މުހިންމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ނަޝީދު، އެމްޑީޕީގެ މިރޭގެ އެއްވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ވިދާޅުވީ މިހާރުގެ ގާނޫނުއަސާސީއަށް އަމަލުކުރަމުންދާތާ މިހާރު 18 އަހަރު ވެގެންދަނީ ކަމަށާއި ކުރިއެރުންތައް ހުރި ނަމަވެސް، މި ގާނޫނުއަސާސީގައި ރާއްޖޭގެ ރައްޔިތުން ކުރި އުންމީދު އޭގެ ގޮތުގައި ލިބިފައިނުވާ ކަމަށެވެ.
މިހާރު އަމަލުކުރަމުން މިދާ ގާނޫނުއަސާސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެރިކަމުގައި ހުންނަވައިގެން އެބޭފުޅާއަށް ދޫކުރަން މަޖުބޫރުވެވަޑައިގެންނެވި މިންވަރަށް ދޫކުރައްވައިގެން އެކުލަވާލެވިފައިވާ ގާނޫނުއަސާސީއެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް މި ގާނޫނުއަސާސީގައި ރަދުންނެކޭ އެއްވަރަށް އިންތިހާއަށް އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
”އަޅުގަނޑުމެން 18 އަހަރުފަހުން މި ރާއްޖޭގައި ހިންގަމުންދާ އިސްރާފާއި، އަދި ރާއްޖޭގައި ހިނގަމުންދާހާ ނޭދެވޭ ކިތަންމެ ކަންތައްތަކެއް، ހާއްސަގޮތެއްގައި ވެރިކަމުގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަން، އަދި ވެރިކަމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރުން، މިކަންކަން ފަހިކޮށްދެނީ މިއަދު މި ގާނޫނުއަސާސީ މިއޮތް ގޮތް. އަޅުގަނޑަށް ޔަގީން، ކަށަވަރު ރާއްޖޭގެ އޮނިގަނޑަށް ބޮޑު ބަދަލެއް އަންނާން ޖެހޭ ކަމަށް އަޅުގަނޑުމެންގެ ތެރެއިން ގަބޫލުނުކުރާ ހަމަ އެކަކުވެސް ނުހުންނާނެ،“ ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް އަލުން އަނބުރާ އިޔާދަކޮށްދިނުމަށް އެދެމުންދާ ކަމަށާއި އޭގެ އިތުރަށް އެދެނީ އެ ބާވަތުގެ ބަދަލު ގާނޫނުއަސާސީއަށް ނުގެނެވޭ ގޮތަށް ގާނޫނުއަސާސީ އެކުލަވާލުމަށް ކަމަށެވެ. އަދި ބޮޑު ބަދަލު ދިވެހީންނަށް މިއަދު ބޭނުންވެއްޖެ ކަމަށް ވެސް ވިދާޅުވިއެވެ.
ގާނޫނުއަސާސީ އޮތީ ވެރިކަމުގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ