ޝަހްސު އޮޅުވާލާފައިވަނީ ޕީޕަލްސް އެލަޔަންސް، ޕީއޭއިން ޕީޕީއެމްއަށް ބަދަލުވި މީހުންކަމަށް ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ކުނޫޒްގައި އިދިކޮޅު ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގައި ރައީސް މައުމޫނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުގެ މައްޗަށް ކުރާ ޝަހުސް އޮޅުވާލުމުގެ ދައުވާ އާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫނު ވިދާޅުވީ ދާރިޝް އިންނެވި ތަނެއްގައި ޕީޕީއެމްގެ ދިދަ ހުރުމުން ފާރިޝްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކުރާއިރު ފާރިޝްއަކީ ޕީޕީއެމް އުފެއްދި މުއައްސިސް ކަމުގައެވެ. އަދި ޕީޕީއެމްއަށް ސޮއިކުރެއްވި ފުރަތަމަ 50 މެމްބަރުންގެ ތެރޭގައި ފާރިޝް ހިމެނިވަޑައި ގަންނަވާއިރު ޕީޕީއެމް ރެޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީވެސް ފާރިޝްކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަދި ހަގީގަތުގައި އަސްލު ޝަހްސު އޮޅުވާލާފައިވަނީ އޭގެ ފަފުން ޕީޕީއެމްގެ ތެރެއަށް ވަދެ ޕީޕީއެމްއަށް އޮތް ތާއީދުގެ ބޭނުން ހިފައިގެން މަޤާމްތަކަށް ވާދަކޮށް އިންތިހާބު ވުމަށްފަހު ޕީޕީއެމް ހައިޖެކްކުރި ޕީއޭގެ މީހުންކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ފާރިޝްއާއި މެދު އަމަލު ކުރަމުންދަނީ އިންސާފުން ނޫންކަމަށާއި ޝަހުސް އޮޅުވާލީ ޕީޕީއެމް ހައިޖެކްކުރި ޕީއޭ މީހުންކަމަށާއި ޕީޕީއެމްގެ ވިސްނުމާއި ފިކުރުގައި ސަރުކާރާއި އެތަން މިތަނަށް ހޮވި އަމަލުކުރަނީ ޕީޕީއެމްގެ ވިސްނުމާއި ފިކުރާ ހިލާފަށް ކަމުގައެވެ.
އަދި ހަގީގަތް ފޮރުވުމަށް އެހެން ގަމީހެއް ލައްވައިގެން ޕީއޭ ބަޔަކު ތިބި ކަމަށާއި މިހާރު އެތިބީ އަސްލަށް ރުޖޫއަވެފައި ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް މައުމޫނުވަނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުންދާ ލީޑަރުންނަށް ދިމާވެފައިވާ ބޭއިންސާފު ގޮތްތައް ހުއްޓުވަންޖެހޭކަމަށާއި އެކަމަށް ރައްޔިތުން ހިތްވަރާއިއެކު މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
ޝަހްސު އޮޅުވާލީ ޕީއޭން ޕީޕީއެމްއަށް ދިޔަ މީހުން: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ