މެމްބަރުން ވަކިވާނެ ގޮތް ގާނޫނު އަސާސީގައި އެބައޮތް، އިތުރު ތަރުޖަމާއެއް ބޭނުމެއް ނުވޭ - މައުމޫން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މެމްބަރުކަމުން ވަކިވާނެ ހާލަތްތައް ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އިތުރު ތަރުޖަމާއެއް ބޭނުން ނުވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދި ބަންޑާރަނައިބު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ވަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވޭއިރު ހުންނަ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވިޔަސް، ޕާޓީން ވަކިވިޔަސް، ވަކި ކުރިޔަސް އަދި އެހެން ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
މި މައްސަލައާ ގުޅިގެން މަޖިލީހުގެ ބައެއް މެމްބަރުންނާއި އަދި ބައެއް ގާނޫނީ ވަކީލުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެެއްލޭނެ ހާލަތްތައް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާން ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ހުކުމަކުން އެކަން ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ.
ސުޕްރީމް ކޯޓަށް މިފަދަ މައްސަލައެއް ވައްދާފައިވާއިރު ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ އަދަދެއްގެ މެމްބަރުންތަކެއް އިއްޔެ ވަނީ އެ ޕާޓީން ވަކިވެ ވަޑައިގެންފައެވެ.
އިއްޔެ ޕީޕީއެމްއިން ވަކިވި ހުރިހާ މެމްބަރުންނަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރައްވާފައިވާ މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ