ހައްޖަށް ދާން ފައިސާ ދައްކަން ދިޔަ މީހަކު އަތުން ހަތްދިހަ ހާސް ރުފިޔާ ފޭރިގެންފި

ހައްޖަށް ދާން ފައިސާ ދައްކަން ދިޔަ މީހަކަށް ގުރޫޕަކުން ވަޅިން ބިރުދެއްކުމަށްފަހު، އޭނާއަތުގައި އޮތް 70،000 ރުފިޔާ ފޭރިގަތުމަށްފަހު ފިލައިފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހައްޖަށް ދާން ފައިސާ ދައްކަން މާލެއައި މީހަކު، ފައިސާ ދައްކަން ދިޔަ މަގުމަތީގައި މައްޗަންގޯޅި ސަހަރާކައިރިން މޫނު ނިވާކޮށްގެން ތިބި 3 މީހުންގެ ގުރޫޕަކުން އޭނާއަށް ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާތައް ފޭރިގެން މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާ ތަހުގީގުކުރަމުންދާ ކަމަށާއި މިކަމާއި ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ ރާއްޖެ ތެރޭ ރަށެއްގައި އުޅެމުންދާ އެމީހާ މާލެއައީ އޭނާގެ މައިން ބަފައިން ހައްޖަށް ފޮނުވަން ފައިސާ ދައްކަން ކަމަށާއި އެންމެ ފުރަތަމަ ފައިސާދެއްކީ މިދިޔަ އާދީއްތަ ދުވަހުގެރޭ އޭނާގެ މަންމައަށް ކަމަށާއި، އަދި ހޯމަ ދުވަހު ފައިސާ ދައްކަން ދިޔައީ އޭނާގެ ބައްޕަ ހައްޖަށް ފޮނުވުމަށް ކަމަށެވެ.
"ފައިސާތައް ހިފައިގެން ދަނިކޮށް މަގުމަތިން ހިފަހައްޓާފައި އޭނާގެ ކަރުގެ ދެފަރާތުގައި ވަޅިޖެއްސުމަށްފަހު، ފައިސާތައް ދިނުމަށް މަޖުބޫރުކޮށް، އެންމެ ފަހުން ފައިސާތައް ފޭރިގަތީ" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މައިންބަފައިން ހައްޖަށް ގެންދިއުމަށް ފައިސާ ދެއްކުމަށްދިޔަ މީހަކީ ތުޅާދޫ ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވި އަހުމަދު އަބްދުﷲ އެވެ. އަދި އޭނާގެ އަތުން ފައިސާ ފޭރިގަތްކަން، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމަށް އެނގިވަޑައިގަތުމާ އެކު އޭނާ ވަނީ އަހުމަދު އަބްދުﷲ ހައްޖަށް ފޮނުވައިދޭން ނިންމަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ