އެމެރިކާގެ އެމްބެސެޑަރު ޔޮން މިނިސްޓަރު ސައީދުއާ ބައްދަލު ކުރައްވައިފި އެމެރިކާގެ އެމްބެސެޑަރު ޔޮން މިނިސްޓަރު ސައީދުއާ ބައްދަލު ކުރައްވައިފި

އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ހޫގޯ ޔޮން، އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދުއާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ އެމެރިކާގެ އެމްބެސެޑަރާ ބައްދަލު ކުރެއްވީ އެމެރިކާ އާއި ރާއްޖެއާ ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތަކެއް ކުރައްވަން ކަމަށެވެ.
އެއީ މިނިސްޓަރު ސައީދު އެމެރިކާގެ އެމްބެސެޑަރު ޔޮންއާ ބައްދަލު ކުރެއްވި ފަސް ވަނަ ފަހަރެވެ. މީގެ ކުރިން 2023 ވަނަ އަހަރު ދެ ފަހަރު އަދި 2024 ވަނަ އަހަރު ތިން ފަހަރު މިނިސްޓަރު ސައީދު ވަނީ ޔޮންއާ ބައްދަލު ކުރައްވައިފި އެވެ.
އޭގެ އިތުރުން ސައީދު ވަނީ ޖުލައި، 2024، ގައި އެމެރިކާއަށް ވެސް ވަޑައިގެންފަ އެވެ. އެމެރިކާއަށް ކުރެއްވި ދަތުރަކީ ވެސް ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ގުޅުން ބަދަހި ކުރުން ކަމަށް ސައީދު ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ސައީދު އެމެރިކާގެ މިނިސްޓަރާ ބައްދަލު ކުރެއްވީ، އެމެރިކާގައި މި ހަފުތާގައި ބޭއްވި "ހައި-ލެވެލް ކޮންފަރެންސް އޮން ޓޫ ސްޓޭޓް ސޮލިއުޝަން ފޯ އިޒްރޭލް އެންޑް ފަލަސްތީން" އަށް ވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމްއަށް ވިސާ ނުދީ ހިފެހެއްޓި ފަހުންނެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ޗައިނާއާ ގުޅުން ބަދަހި ކުރަން މަސައްކަތް ކުރުމުން، އެމެރިކާއިން ދަނީ މި ސަރުކާރާ ގުޅުން ބަދަހި ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހައިޑްރޯގްރަފީ ދާއިރާއިން އެހީތެރިވެދިނުމަށް ވަނީ އެއްބަސްވެފަ އެވެ. އަދި ކޯސްޓު ގާޑަށް އުޅަނދުތަކެއް ހަދިޔާ ކުރަން ވެސް އެމެރިކާއިން ނިންމި އެވެ.
އޭގެ އިތުރުން ގާތްގަނޑަކަށް އަށް މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިވެހިރާއްޖެއަށް ދިނުމަށް ވެސް އެމެރިކާއިން ވަނީ އެއްބަސްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ