ގޮރު ޖެހުނު މަސްމުޅިން ކާން ޖެހޭ ހިސާބަށް ދިއުމުން ފަޅުވެރިން މާލިމީއަށް ހަދާލި ގޮތް ގޮރު ޖެހުނު މަސްމުޅިން ކާން ޖެހޭ ހިސާބަށް ދިއުމުން ފަޅުވެރިން މާލިމީއަށް ހަދާލި ގޮތް

މިހެން ވާހަކައެއް ލިޔެލީމާ ބައެއް އެކުވެރިން ގުޅާފައި އެބަ ބުނެ އެވެ. ކަލޭ ހަމަ އެވެނިމިވެނި މީހަކަށް ފުރައްސާރަކޮށްލާންކަމަށް، އެއް ސަހަރެއްގައި އުޅުނު ރަސްކަލެކޭ ކިޔައިގެން ހަދަހަދައިގެން ވާހަކައެއް ލިޔެލަނީ ދޯ އެވެ. އެހެނަކުން ނޫނެވެ. ބަޔަކު މީހުން ކުށެކޭ ހީކުޅަޔަސް، އަޅުގަނޑު ވާހަކަތައް މި ލިޔަނީ އަމިއްލައަށް ހަދަހަދައިގެނެއް ނޫނެވެ. މި ލިޔަނީ ސީދާ އަޅުގަނޑަށް އެކި މީހުން ކިޔައިދީފައި ހުންނަ ވާހަކަތަކެވެ. 'ކޮންމެ މޫނަކީ އައު ވާހަކަ އެކެވެ.' އެހެނަސް އިވޭނީ އަޑުއެހީމާ ނޫންހެއްޔެވެ؟ ކިޔައިދޭ ވާހަކަތަކުގެ ތެރޭގައި ހުންނަނީ ރާއްޖޭގެ ދިގު ތާރީހުގެ އެކި ކަންކަމާ ގުޅުވައި އުފެދިފައި ހުރި ފޯކްލޯރުތަކާއި، ހަގީގީ ހާދިސާތަކާއި ހިޔާލީ ވާހަކަތަކެވެ. އެ ވާހަކަތައް ލިޔެލަނީ ވަކި އެވެނިމިވެނި މީހަކަށް ނިސްބަތްކުރާކަށް ނޫނެވެ. އެހެންވިޔަސް ވެސް ފަޔަށް ހެޔޮވަރިއްޔާ.......
ކޮން ޒަމާނެއްގެ ވާހަކައެއް ކަމެއް ނޭނގެ އެވެ. އަޅުގަނޑަށް މި ވާހަކަ ކިޔައިދިން މީހާއަށް އެ ވާހަކަ އަޑުއިވުނުތާ ވެސް ބައިގަރުނު ވެދާނެ ކަމަށް އޭނާ ބުނެ އެވެ. އޭނާ ކިޔައިދެ އެވެ. ދެކުނުގެ މަދުނޫން އަދަދެއްގެ ރަށްތަކުން އަސާސީ ކާބޯތަކެއްޗާއި ވިޔަފާރި މުދާ ލިބުމުގައި ބަރޯސާވެފައި އޮންނަނީ ނިޔަމި އާދަނުގެ 'މަތިވައް' ކިޔާ އޮޑިއަށެވެ. މިއީ ދެކުނުގައި ފެހުރު ހަމަރިޔާ ނަގައިގެން ދުއްވާ ހަމައެކަނި އޮޑި އެވެ. ކަނޑަށް ގަދަ އޮޑިއެކެވެ. އެންމެ ކަލާސީން ގިނަ އޮޑި އެވެ. ވައިމަތި ހިފަން ހޭރިޔާކުރަމުން ފޮއިދުވަހުން މާލެ އާދެޔޯލަ އެވެ. ރަށުން ފުރާތާ މަހަކާ ފޮއިދުވަހުން މުދާ ބަރުކޮށްގެން އެނބުރި ރަށަށް ދެ އެވެ.
އޮޑީގެ މާލިމީ އަކީ ނިޔަމި އާދަނެވެ. ރުންކުރު އަދި ތިމާގެ ގޮތް ނޫން ގޮތެއް ނޯންނާނެކަމަށް ދެކޭ ހަރުކަށި މީހެކެވެ. ކަލާސީން މީނާއަށް ކިތަންމެ ނަފުރަތު ކުރިޔަސް، އާދަނަކީ މާލިމީ ކަމަށްވާތީ އޭނާގެ އެންގުމަށް ތަބާވުން ނޫން ގޮތެއް ނޯވެ އެވެ. އޭނާއަށް ކަނޑުފަޅު އެނގިފައި ހުންނަ މިންވަރާމެދު ބައެއް ފަހަރު ހިތުގައި ޝައްކު އުފެދުނަސް އޭނާގެ ލަފާފުޅާ އިރުޝާދުގެ ދަށުން ނޫނީ އެއްވެސް ކަމެއް ކުރެވޭކަށް ނޯވެ އެވެ. ފަނާލުން ކަމަށްވިޔަސް، ހަންޖާއެޅުން ކަމަށް ވިޔަސް އެކަން ކުރާކަމަށް ވަނީ ލަފާފުޅާއި އިރުޝާދަށެވެ.
ނިޔަމި އާދަނުގެ 'މަތިވައް' މާލެ ދަތުރަށް ފަށަނީ އެވެ. ބޭނުމަކީ އާދަނުގެ ދަރީގެ ކައިވެނީގެ ސައިޕާޓީއަށް ބޭނުންވާ ސާމާނު ހޯދުމެވެ. އެހެންނަމަވެސް މަންޒަރު ދައްކާފައި އޮތީ މިއީ ކަލާސީންނާއި، އެ އޮޑިން މުދާ ގެންނަހައި ބަޔަކަށް ފަސޭހައަށް، އެވެރިންނަށް މޮޅު ހޯދައިދޭން ކުރާ ދަތުރެއް ކަމަށެވެ. އިރުވައިގެ ހަޅައަށް ލައްވާލާފައި އޮތުމުން މި ދަތުރު އެވަގުތު ނުކުރުމަށް ރަށުގެ ހަރު މީހުންނާއި ދަންނަ މީހުން މަޝްވަރާ ދިނެވެ. އެހެންނަމަވެސް ބޯހަރު އާދަނު ދެކުނީ އެ ދިން ލަފަޔަކީ އޭނާގެ ގާބިލުކަމަށް ޖެހި ގޮމެއް ކަމުގަ އެވެ. އޭނާ އެ ދަތުރު ކުރާން ނިންމުމުން، އެންގެވި ވަގުތަށް އެންމެން އޮޑިއަށް އަރައި، މުދާ ވެސް އަރުވައި އޮޑި ބަރާކޮށްފި އެވެ. އެކިއެކި ހާޖަތްތަކުގައި މާލެ ޖެހިލާންވެފައި ތިބި އާއިލާތައް އެއްކޮށް އޮޑިއަށް އަރައިފި އެވެ. ގެންދާ މައިގަނޑު މުދަލަކީ ހިކިމަހާއި ކާއްޓާއި އާރޮހެވެ. އެއީ ހަދިޔާބަދިޔާގެ ގޮތުގައިއާއި ވިއްކާން ގެންދާ މުދަލެވެ.
ދަތުރަށް ފުރިއިރު އާދަނު ހުރީ އޭނާގެ ބަސްހިނގާ މިންވަރާމެދު އިންތިހާއަށް ފަހުރުވެރިވެފަ އެވެ. ދަތުރުގެ ފުރަތަމަ މަންޒިލަށް މަޑުކޮށްލުމާއެކު އެރަށުގައި ތިބި އެކުވެރިންނަށް އޭނާގެ ދީލަތިކަން ދެއްކުމަށް ހަދިޔާ ދިނުމަށް އާދަނު ނިންމައިފި އެވެ. އޮޑިދޮށަށް އަންނަހައި އެކުވެރިންނަށް ވަރުވަރުން ހަދިޔާ ދެނީ އެވެ. އާރޮހާއި ހިކިމަހާއި ދިލަޖެއްސި މަހާއި ފިހުނު ބަނބުކޭލާއި ކާއްޓެވެ. ކަލާސީން ގޮވަ އެވެ. ވެރިޔާ އެވެ. މޫސުން މިހުރި ގޮތުން މި ދަތުރު ދިގުލައި ހިނގައިދާނެ އެވެ. އޮޑީގައި ކާނޭ އެއްޗަކަށްވެސް ހުރީ ތިޔަ ބަހާ ތަކެއްޗެވެ. އެކިޔާ އެއްޗަކަށް އާދަނު ދިނީ ބީރު ކަންފަތެކެވެ. ތަށަށް ކިޔަނީ މަރިޔަނބުހޭ ވެސް އަހައި ނުލި އެވެ. އޭނާގެ ގޮތުގައި ހޭދަކުރަމުން ގެންދިޔަ އެވެ.
އާދަނުގެ އޮޑީގެ ތައްޓު އަޅާފައި ހުންނަނީ މަޅުއަޅައިގެންނެވެ. އެ ޒަމާނުގެ ހުރިހާ އޮޑިއެއްވެސް ހުންނަ ގޮތަށެވެ. ކޮންމެ ދެ މަޅެއްގެ ދެމެދުގައި ބައި އިންޗި ހުންނާނެ އެވެ. އޮޑިން ގެންނަހައި މުދަލެއް އަޅާފައި ހުންނަނީ ވަތަށެވެ. އޮޑިން ދަތުރުކުރާ މީހުން ނިދާނީ ގެގަނޑު ތެރޭގައި، ތައްޓު މަތީގައި ކުނާ ފަތުރައިގެންނެވެ. މިހެން ތިބޭއިރު ކުދިވެރިން ނިދީގައި ކުޑަކަމު ދެވިއްޖެނަމަ ހުރިހައި ނަޖިހެއް ފައިބާނީ ވަތަށެވެ. މިގޮތަށް ފައިބާ ނަޖިސް ޖެހޭނީ ވަތުގައި އެންމެ މަތީގައި ހުންނަ މުޅިތަކާއި ސުތުލި ގޯނިތަކުގައި ހުންނަ ކާބޯތަކެތީގަ އެވެ. ކާންވީމާ، އެންމެ މަތީގައި ހުންނަ ތަކެތި އެއްފަރާތްކޮށްފައި ނަގާނީ އަޑީގައި ހުންނަ މުޅިންނެވެ.
ހަޅައިގެ ކަންތައް ލައްވާލީ ދަތުރުގެ މެދަކުންނެވެ. ފުރަތަމަ ލުއިލުއިކޮށެވެ. އޭރު ރަށެއްގެ ބޭރުގައި ފަނާލައިފި އެވެ. މިއީ ނިވައި ހޯދާން ކުރިކަމެކޭ ކަލާސީންނާއި އޮޑިން ދަތުރުކުރި މީހުންނަށް ހީވިޔަސް، މިކަމެއް ވެސް ކުރީ ނިޔަމި އާދަނުގެ އަމިއްލަ ބޭނުމެއްގަ އެވެ. އޭނާ ހިތާވި އަންހެނަކަށް ވެދުމެއް ކުރާންކަމަށް މަޑުކޮށްލީ އެވެ. މަޑުކޮށްލުމާއެކު އޭނާގެ ލަފާފުޅާ އިރުޝާދުގެ ދަށުން ފަޅުވެރިން ވަތަށް ފައިބައި، ގޮރުޖެހުނު މުޅިތައް އެއްފަރާތްކޮށް ރަނގަޅު މުޅިތަކުން ދެތިން މުޅިއަކާއި ސުތުލި ގޯނިތަކެއް ނަގައި އެރަށަށް ލައިފި އެވެ. އާދަނު ބަސް ބުނަންޖެހޭ ބަޔަކާ ބަސް ބުނުމަށްފަހު އަނެއްކާވެސް ދަތުރަށް ފަށާން އަމުރުކޮށްފި އެވެ.
އޮޑީގައި ތިބިހައި ބަޔަކު އާދަނަށް ނަސޭހަތްތެރިވި އެވެ. މިހާރު ކާނާ ހުސްވަނީ އެވެ. ގޮރުޖެހުނު މުޅިން މަސްކާން ޖެހޭ ހިސާބަށް ދަނީ އެވެ. އާދަނު ބުނެ އެވެ. ފަޅުވެރިކުދިން ހަމަޖެހޭށެވެ. އިންތިޒާމުތައް ރާވާލާފައި ހުންނާނީ ނިކަން މޮޅަށެވެ. އަދި ތިޔަ ފެންނަނީ އަސްލު ބޮޑު މަންޒަރުގެ ފަސްފަހަތެވެ. ރޭވުންގަނޑެވެ. ބޮޑުމަންޒަރު ޗާލުވާނެ އެވެ. އޮޑީގައި ތިބީ މިވާހަކަ ގަބޫލުކުރާކަމަށް ހެދިގެން ތިބި މީހުންނާއި އެއްގޮތަކަށްވެސް ގަބޫލުނުކުރާ މީހުންނެވެ. މިއިން އެއްވެސް މީހަކަށް ހިމޭނުން ތިބުން ނޫން އިތުރު ހިޔާރެއް ނެތޭ މިވެރިން ހީކުޅަ އެވެ. އާދަނުގެ ވެސް ވިސްނުމަކީ އެއީ އެވެ.
ދަތުރަށް ފަށައިފި އެވެ. ކުރިންވެސް ހީކުރެވުނު ގޮތަށް ކޮޅިގަނޑު ވީ ގަދަ އެވެ. ކެރިއާއެކު ގަދަ ވަޔެވެ. ކަނޑުގަދަކަމުން ހީވަނީ އިސާހިތަކު އޮޑި ބަންޑުން ޖަހާލަފާނެ ހެނެވެ. ކެތްތެރިވުމަށާއި އެއްބާރުލުން ދިނުމަށް އާދަނު ހަރު އަޑުން ގޮވަމުން ދިޔަ އެވެ. ބައެއް ފަހަރު އޯގާތެރި އަޑަކުންނެވެ. ބައެއް ފަހަރު ކަރުގެ ނާރުތައް ފުއްޕާފައި، ކަރުގެ އެންމެ ބުޑުން ނެރޭ ބަރު އަޑުއަކުންނެވެ. އެގޮތުގައި އެއް އިރު އޮއްސުނުއިރު ހެޔޮކޮށް ހުރި ހުރިހައި ކާ އެއްޗެއް ހުސްވެއްޖެ އެވެ. އޭގެ ފަހުން ފަޅުވެރިންނާއި އޮޑީގައި ތިބިހައި ބަޔަކު ކާންޖެހުނީ ގޮރުޖެހުނު މަސްމުޅިންނެވެ. އާދަނުގެ ކޮއްތަށް ވާ ވަރަށް ދުރާލާ އޮޑީގެ ގެގަނޑު ތެރެއަށް ކާނާ ވައްދާފައި ހުއްޓެވެ.
ކޮޅިގަނޑު މައިތިރިވެ، ފަޅު ރަށެއްގެ މަލަމަތި ފެނުނުއިރު ފަޅުވެރިންގެ ތެރެއިން ބަޔަކު އިސްނަގައި އާދަނުގެ މައްޗަށް ބަސްކިޔާން ފަށައިފި އެވެ. އޭނާގެ ލަފާފުޅާއި އިރުޝާދަށް ތަބާނުވާނޭކަން ފާޅުގައި އިއުލާނުކޮށްފި އެވެ. އެމީހުންނާ އިތުރު މީހުން ބައިވެރިވެ، އިސާހިތަކު ހިމަރޯނުން އާދަނު ބަނދެލައި ގޮރުޖެހުނު މަސްމުޅިތަކުގެ މައްޗަށް، އޮޑީގެ ވަތަށް ވައްޓައިލައިފި އެވެ. ފަޅުރަށާ ކައިރިކޮށް ފަނާލައި، ބަޔަކު ރަށަށް ފައިބައި ކާނޭ ފަދައެއް ހޯދައި އޮޑިއަށް ލައިގެން ފުރީ ހިމަރޯނުން ބަނދެފައި އޮތް އާދަނު އެރަށު ގޮނޑުދޮށުގައި ބާއްވާފަ އެވެ. އޭނާއަށް ފަހުން ވީގޮތެއް އެނގުނު އިންސާނަކު ނެތެވެ.
ވާހަކަ ކިޔައިދިން މީހާ ބުންޏެވެ. ކޮންމެ ނަމެއް ކިޔާ ކޮންމެ މީހަކު މާލިމީއަކަށް ހުއްޓަސް، ފަޅުވެރިންނާއި، އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނަށް އަޅައިލުމެއް ނުބަހައްޓައި، އަމިއްލަ މޮޅަށް ވިސްނާނަމަ، އެވެރިން ހަމައިން ނައްޓާ ދުވަސް އޮންނާނީ ދާދި ކައިރީގަ އެވެ. އެ އެންމެން އެއް އަންބާއެއް ކިޔައި ދިމާކޮށްލީމާ މާލިމީގެ ލަފާފުޅާއި އިރުޝާދަކީ އެއްޗަކަށް ނުވާނެ އެވެ. މާލިމީ އަކީ ވެސް މީހަކަށް ނުވާނެ އެވެ.
--
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ