ސަމާލު! ގެދޮރުވެރިޔާ ޕޯޓަލަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވަނީ ސްކޭމް މެސެޖެއް

ގެދޮރުވެރިޔާ ޕޯޓަލަށް ލޮގިން ކުރުމަށް ކަމަށް ބުނެ ސްކޭމް މެސެޖެއް ފޮނުވަމުންދާތީ ސަމާލުވުމަށް ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމަންޓުން އިލްތިމާސްކޮށްފި އެވެ.
އެ ޑިޕާޓްމަންޓުން ބުނީ ގެދޮރުވެރިޔާ ޕޯޓަލަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވަނީ ސްކޭމް މެސެޖެއް ކަމަށެވެ. މި ސްކޭމް ލިންކަަށް ފިތުމުން ގޫގަލް އެކައުންޓަށް ލޮގިންވާން ބުނާނެ ކަމަށާ ނަމަވެސް ލޮގިން ވެއްޖެނަމަ އެ މީހެއްގެ ޕާސްވޯޑްތައް ސްކޭމް ކުރާ މީހާއަށް ލިބޭނެ ކަމަށެވެ.
އެހެން ކަމުން މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ގޫގްލް އެކައުންޓްގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަދި ބުނީ ގެދޮރުވެރިޔާ ޕޯޓަލް އިން ލިންކެއް ނުފޮނުވާނެ ކަމަށެވެ. އެއީ އީ-ފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާ ކޮށްފައިވާ ޕޯޓަލެއް ކަމަށް ސައިބާ ކްރައިމް ޑިޕާޓްމަންޓުން ވަނީ ހަނދާން ކޮށްދީފަ އެވެ.
އެފަދަ ލިންކެއް ލިބިއްޖެނަމަ 911 ރިޕޯޓް ކުރުމަށް ވެސް ވަނީ އެދިފަ އެވެ.
އެ ދުވަސްވަރެއްގެ އެންމެ މުހިންމު ކަމަކާ ގުޅުވާ ސްކޭމް މެސެޖުތަކާއި ކޯލްތައް ކޮށްގެން މީހުން އަތުން ފޭރުން ވަނީ އާންމު ކަމަކަށް ވެފަ އެވެ. ގިނަ ފަހަރަށް އެކަންކުރަނީ ޖަލުގައި ތިބޭ ކުށްވެރީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ