ސިޙުރާ ޑްރަގުގެ ވަބާއާ ހުރެ ބައެއް ރަށްރަށުގަ ދިރި ނުއުޅެވިގެން ހިޖުރަކުރުން ގިނަވަނީ!

ފުރަތަމަކަމަކަށް މިބަލައިލަނީ ސިޙުރަށެވެ! ސިޙުރުން ސަލާމަތްވެގެން ތިބެ ރަށުގައި ދިރިއުޅެވެން ނެތިގެން ކިތަންމެ ދަތިޙާލުގައި އުޅެންޖެހުނަސް ދިރިއުޅުން މާލެސިޓީއަށް ބަދަލުވާ މީހުންގެ ޢަދަދު އަންނަނީ ގިނަވަމުންނެވެ. އެގޮތުން ހިޖުރަކޮށްގެން ތިބި އެތައް ބައަކާއިވަނީ ބައްދަލުވެފައެވެ. އެއިގެ ތެރެއިންބައެއް މީހުން ބުނެފައިވަނީ އެމީހުން ދިރިއުޅޭތަން ސިއްރުކުރަން ބޭނުންވާ ކަމަށެވެ. 
އަނެއް ބައަކު މާލެއައުމަށްފަހު އެހެން ރަށްރަށަށްވެސް ދަނީ ބަދަލުވަމުންނެވެ. "އަހަރެމެން އުޅޭތަން ނުފެނި ބައްދަލުނުވަންޏާ ސިޙުރު ޖައްސުވަން ތަންކޮޅެއް އުނދަގޫވާނެ ކަމަށް ޤަބޫލުކުރެވޭތީ އެހެން މިހަދަނީ!" 
ދެން އޮތީ ޑްރްގުގެ ވަބާއެވެ! ރަށުގެ ގިނަ ޒުވާނުން ޑްރަގުގެ ވަބާގައި ޖެހިފައިތިބުމުން އެއިން ޒުވާނަކާއި ކައިވެނިކުރަން ބޭނުންނުވާ އަންހެނުން ގިނަވެ ޑްރަގުގެ ވަބާ އަދި ތަންކޮޅެއް ކުޑަ ރަށްރަށުގެ ޒުވާނުންނާއި ކައިވެނިކޮށްގެން އެރަށްތަކަށް ހިޖުރަކުރުން ގިނަވަނީއެވެ. އެފަދަ ރަށްތަކުގައި ދެން ފެތުރިގެންދާނެ ނުބައި ޢަމަލުތަކަށް މިއަދު ނުވިސްނައިފިނަމަ ވާނެގޮތެއް ވިސްނަންވެސް އުނދަގުލެވެ. 
ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހެމުން އެދަނީ އެކަމުގެ ހުރި ނުރައްކައުތެރިކަން ނުވިސްނޭތީއެވެ. ހޭލުންތެރިކުރުވަން މަސައްކަތްކުރަންޖެހޭ ވަރަށް މަސައްކަތްނުކުރެވޭތީއެވެ. މަސްތުވާ ތަކެތި ލިބެން ހުރި ދޮރުތައް ބަންދުނުކުރެވޭތީއެވެ. ވަޒީފާގެ ފުރުޞަތުތައް މަދުވީމައެވެ. 
މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢުސަލާމަތްކުރެވޭތޯ ކުރާ ކޮންމެ މަސައްކަތަކީ ޒުވާނުންނަށްޓަކައި ކޮށްދެވޭނެ އެންމެ ފައިދާހުރި މަސައްކަތެވެ. އެއަށްވުރެ ބޮޑަށް ބޭނުންޖެހިފައިވާ ކަމެއް ފެންނާކަށް ނެތެވެ. 
މިއަދުނޫހުން މިގެންދަނީ މިކަންކަން ފާހަގަކޮށް ސަމާލުކަމަށް ގެންނަން މަސައްކަތްކުރަމުންނެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 
ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން ބައިނަލް އަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ކޮންމެ އަހަރަކު ބައިވެރިވާއިރު ދުނިޔޭގެ ފެންވަރުގެ ވަނަތައް ލިބުން މަދުނަމަވެސް މިހާރު މިވަނީ 2 ކަމަކުން ރާއްޖެއަށް ދުނިޔޭގެ ފެންވަރުގައި ވަނަ ލިބިފައެވެ. އެއީ ވަރިކުރާ ޢަދަދު ގިނަވުމުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ނިޞްބަތުންނެވެ. 
"އަޅުގަނޑުމެންގެ ރަށަކީ ރަށުގެ ސައިޒުގެ ގޮތުން އެންމެ ކުޑަ ރަށެއްކަމުގައި ނުވިނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީއަށް ބަލައިފިނަމަ ދިރިއުޅޭ މީސްކޮޅު ވަރަށް މަދެވެ. ޒުވާނުންގެ ތެރޭގައި މަސްތުވާ ތަކެތި ބޭނުންކުރާ ޒުވާނުން ވަނީ އިންތިހާއަށް ގިނަވެފައެވެ. ވައްކަންކުރުން ވަނީ އިންތިހާއަށް ގިނަވެފައެވެ. 
ނަޞީބަކުން އަންހެންކުދިންގެ ތެރެއަކު އަދި އެކަމެއް ނެތެވެ. އަންހެންކުދިން އެކަމަށް ނަފްރަތުކުރެއެވެ. އެހެންވެ ރަށުގެ ޒުވާނުންނާއި ކައިވެނިކުރާކަށް އެކުދިން ބޭނުމެއް ނުވެއެވެ. އެހެންވެ އެކުދިން ކައިވެނިކުރަނީ އެހެން ރަށްރަށުގެ ފިރިހެނުންނާއިއެވެ. ބަލަނީ ރަށްދޫކޮށްފައި އެހެން ރަށަކަށް ދެވޭނެ ގޮތަކަށެވެ. ބޮޑަށް ބޭނުންވަނީ ފިރިމީހާގެ ރަށަށް ދިރިއުޅެން ދިއުމަށެވެ." 
މިއީ މިއަދުނޫހަށް ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ މަޢުލޫމާތެވެ! 
ވިސްނަވައިލައްވާށެވެ! މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަވަމުން އައުމަކީ އިޖުތިމާޢީ ގޮތުން މިފަދަ ބޮޑު މައްސަލައަކަށްވެފައިވާއިރު އެއީ އިސްލާމް ދީނާއި ދުރުވާ މީހުން ކަމުގައި ވެގެންނުދާނީތޯއެވެ؟ އެހެންކަމަށްވާއިރު މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތްތަކުގެ ޒިންމާ އާއިމެދު ވިސްނާލަން އެބަޖެހެއެވެ. 
ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ލިބެންޖެހޭ ރައްކައުތެރިކަން ނުލިބޭނަމަ އަދި ދީނަށް ލޯބިކުރާ ބައަކު ކަމުގައިވުމުން ދުރުހެލިވަމުން އަންނަ ނަމަ ރައްޔިތުންނަށް ވެރިކަމުން އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރެވޭނެތޯއެވެ؟ އެ ޙައްޤުތައް އަދާނުކުރެވޭނަމަ މިނިވަންކަން ދިފާޢުކުރެވޭކަމަށްވާނެތޯއެވެ؟ 
އިޖުތިމާޢީ ޢަދާލަތު ގެއްލެމުންދާނަމަ އަދި ދީނަށް ލޯބިކުރުން ގެއްލެމުންދާނަމަ އެބައެއްގެ ތެރޭގައި އޮންނާނީ ކޮން މިނިވަންކަމެއްތޯއެވެ؟ 
ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ފާފަތައް ކުރުމުގައި އެންމެ ކުރިއަރާފައިވާ ޤައުމަކީ ތައިލަންޑުކަމަށް ބުނެވެއެވެ. ތައިލަންޑުގެ ވެރިރަށަކީ ބެންކޮކެވެ. މަގުމަތީގެ އަމާންކަމަށް ބަލައިފިނަމަ އަމާންކަން ބޮޑީ ބެންކޮކުގައިތޯ ނުވަތަ ރާއްޖޭގައިތޯ މިއީ ކޮށްލަން ޖެހޭ ސުވާލެކެވެ. 
ބައެއް ޝޮޕިންގ ކޮމްޕްލެކްސްތައް ބަންދުކުރާ ގަޑި ޖެހޭއިރު ރައްކާ ނުކުރެވި ހުންނަ މުދައު ހުރިތަނުގައި ބަހައްޓާފައި މީހުންދާތަން ފެނެއެވެ. މާލޭގައި އެގޮތަށް ހިނގައްޖެނަމަ އެއެއްޗަކަށް ވާނީ ކިހިނެއްބާވައެވެ! 
ވީމާ މިނިވަންކަމަކީ ޤައުމުގެ ނަން މިނިވަންވުމެއް ނޫނެވެ. މިނިވަން ޤައުމުތަކުގެ ލިސްޓުގައި ޤައުމުގެ ނަން އޮތުމެއްވެސް ނޫނެވެ. ރައްޔިތުންނަށް މިނިވަންކަމާއިއެކު ޤައުމުގައި ދިރިއުޅުމުގެ މިނިވަންކަން ނެތްނަމަ ޤައުމުގެ ނަން ކޮންމެ ލިސްޓެއްގައި އިނުމުން ކުރާނީ ކޮން ފައިދާއެއްތޯއެވެ؟ 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ