އެބައުޅޭ މިބައުޅޭ ވާހަކައެއްގައި ކިޔާއުޅެއެވެ. އެއްފަހަރަކު ޖަންގަލީގެ ރަސްގެފާނު ސިންގާއާއި ރާމާ މަކުނާ ދެމެދު ޑީލެއް ހެދިއެވެ. ރާމާ މަކުނު އައިސް ސިންގާގެ ދަރުބާރުގައި ދެންނެވީ ތިމަންނާއަކީ މީހުން އެއްވެސް ގަދަރެއް އިހުތިރާމެއް ކުރާ މީހަކަށް ނުވެއެވެ. ތިމަންނާގެ އިއްޒަތް މީހުންގެ ކުރިމަތީގައި މައްޗަށްޖެހޭނެ މޮޅުވަޑާމެއް ހަދައިދީބަލާށެވެ!
ރާމާ މަކުނަކީ ވެސް މުސީބާތެއް ޖެހޭ ދުވަހަކުން ސިންގާއަށް ބޭނުމެއް ހިފިދާނެ އެއްޗެއްކަމަށް ބަލައި، ސިންގާ ނިންމީ ރާމާ މަކުނަށް އެހީތެރިވާށެވެ! އެގޮތުން ދެފަރާތުގެ ދެމެދުގައި ޑީލަކަށް ދިޔައީ، ސިންގާ ހިލިހިލާގަނޑަކުން ބަނުމަށެވެ. އެޔަށްފަހު އޭގެ އެއްކޮޅުގައި ހިފައިގެން ރާމާ މަކުނު ޖަންގަލީގައި ހިނގާނީއެވެ. ހުރިހާ ޖަނަވާރެއް ހީކުރާނީ ސިންގާގެ މައްޗަށް ރާމާމަކުނު ގަދަވެގަތީކަމަށެވެ.
އެއްބަސްވީ ގޮތަކީ، ހެދުނުން ފެށިގެން އެގޮތަށް ހެދުމަށްފަހު އިރުއޮއްސުމުން ހިލިހިލާގަނޑު މޮހާލައި ސިންގާ ނުކުންނަ ގޮތަށެވެ. ނަމަވެސް ކަންވީ ގޮތަކީ، މީހުންގެ ފުށުން ލިބުނު އިއްޒަތާއި ޝަރަފާއި ކަރާމާތް ފެނިފައި، ރާމާމަކުނު ބޭނުންވީ އެބާރުވެރިކަމުގައި ދެމި ހުންނާށެވެ! ސިންގާ ހިލިހިލާގަނޑުން މިނިވަން ނުކުރުމަށް ރާމާ މަކުނު ނިންމައިފިއެވެ. ދެން ކަންވީ ގޮތަކީ ރާމާ މަކުނު ހަމަ އަސްލަށްވެސް ސިންގާގެ މައްޗަށް ގަދަވެއްޖެކަން ހުރިހާ ޖަނަވާރުންނަށް ޔަގީންވެ، ޖަންގަލީގެ ރަސްކަން ރާމާމަކުނަށް ލިބުނީއެވެ.
ދެތިން މަސް ފަހުން، މިތަން ބަލަން އޮވެފައި ހިމާރު ހިތަށް އެރިއެވެ. ރާމާމަކުނުގެ ވެރިކަމަކުގައި ވެސް މަށަށް މިވަނީ ހަމަ އެއްވަރެކެވެ. އެކަމަކު މިހާރު ސިންގާއާ ޑީލެއް ހެދިއްޖިއްޔާ ސިންގާއަށް އަލުންވެރިކަން ލިބޭ ދުވަހަކުން ކުރިއެރުމެއް ލިބޭގޮތް ވެދާނެއެވެ. މިހެން ހިތާފައި ހިމާރު ގޮސް ސިންގާއާ ވާހަކަ ދައްކާ ޑީލަކަށް އެއްބަސްވެ ސިންގާގެ ހިލިހިލާގަނޑުން ސިންގާ މިނިވަންކޮށްފިއެވެ.
ސިންގާ ހިތަށް އެރިއެވެ. މިއީ ކޮން ކަހަލަ ގައުމެއް ހެއްޔެވެ؟ މި ގައުމުގައި ބަނުމުގެ ބާރުވެރިކަން މިއޮންނަނީ، އެއްވެސް ކްރިއޭޓިވްކަމެއް ނެތް ހުރިހާ ކަމެއްގައި ތަނެއް ދޮރެއް ނުބަލާ ކޮޕީކޮށްގެން އުޅޭ ރާމާ މަކުނަށެވެ. މޮހުމުގެ ބާރުވެރިކަން މިއޮއްފެންނަނީ ގަމާރުކަމުން މިސާލުޖެހޭ ހިމާރަށެވެ. މިތަނުގައި އަހަރެމެން ކަހަލަ ވަރުގަދަ ގަދަފަދަ ބުއްދިވެރިން އުޅުމަކީ އަހަރެމެންނާ އަރާއަރަފޯދޭ ކަމެއް ނޫނެވެ. މިހެން ހިތާފައި ސިންގާ އެޖަންގަލީން ޣައިބުވެއްޖެއެވެ.
މިއީ މީގެ ފަންސާހަކަށް އަހަރު ކުރިން، އަޅުގަނޑު ފޮތަކުން ކީ ވާހަކައެކެވެ. އޭރު އަޅުގަނޑު ވަރަށް ކުޑަވާނެއެވެ. އެ ވާހަކައިގެ އިބުރަތެއް އޭރަކު އަޅުގަނޑަކަށް ނުވިސްނެއެވެ. އަޅުގަނޑު އެ އުމުރުގައި މިވާހަކަ ކިއީ ޅައުމުރު ފުރާގައި، ޖަނަވާރުންގެ ކާޓޫން ވާހަކަތަކަށް ހުންނަ ޝައުޤުވެރިކަމުގެ ތެރޭގައެވެ. ނަމަވެސް މިހާރު އަޅުގަނޑުގެ އުމުރުން މިހާތަން ކަޑައްތުކުރިއިރު، ޒުވާން ދުވަސްވަރު މި ގައުމު ދެން އޮންނާނެ ކަމަށް ތަސައްވުރުކުރި ގޮތާ މުޅިން ހިލާފަށް މިފެނުނީ ޅައިރުގެ އެވާހަކައިގެ ޖަންގައްޔަށް މިގައުމު ބަދަލުވެފައި އޮތް ތަނެވެ.
ދުނިޔޭގައި އެފަދަ ދެވަނައެއް ނެތް ފަދަ ދައުލަތެއް ބިނާކުރުމަށް ވަސީލަތް ހޯދޭނެ ފަދަ ތަނަވަސްކަން ދިވެހިންނަށް ލިބިފައިވެއެވެ. ދިވެހިންގެ ފަތުރުވެރިކަމާއި އެހެން ދާއިރާތަކުގެ އުފެއްދުންތެރިކަމުން ދިވެހިންނަށް އެ ވަސީލަތް ހޯދޭނެ ތަނަވަސްކަން މާބޮޑަށް ވެސް ލިބިފައިވެއެވެ. އޭގެ ބޭނުންކުރަން ނޭނގި ގައުމު ދަރައިގެން އުޅެނީ ރާމާމަކުނާއި ހިމާރުގެ އަތްމައްޗަށް ގައުމުގެ ބައިތުލްމާލު އަރާތީއެވެ.
ފިލޯސަފަރުންނާއި އެކަޑަމީ މީހުންނާއި އިލްމުވެރިންނާއި ސައިންސްވެރިންނާއި އެނޫންވެސް ދާއިރާތަކުގެ ފަންނުވެރިންނާއި، ހުރިހާ ދާއިރާއަކުން ރޯފިލާފައިތިބި މުފައްކިރުން ހިމެނޭހެން ދުނިޔޭގައި އެފަދަ ދެވަނައެއް ނެތްފަދަ ރައްޔިތުންގެ މަޖިލީހެއް އެކުލަވާލައި އެނޫންވެސް ދާއިރާތަކުގެ މުއައްސަސާތަކާއި ކާރުހާނާތައް އުފައްދައި ކުރިއެރުވޭހާ ގާބިލު ދިވެހި ދަރިން ރާއްޖޭގައި ގިނައެވެ. ގާނޫނު ގިރައިގެން ބޮއިގެން ތިބި، ޝަރީޢަތް ދެފުށުން ކިޔަވައިގެން ތިބި ނަޒާހަތްތެރިންވެސް ދިވެހިންގެ ތެރޭގައި މަދެއް ނޫނެވެ.
އެކަމަކު ދައުލަތުގެ ބޮޑެތި މަގާމުތަކުން މިފެންނަނީ މުޅިންވެސް ދެއުޅިއެއް ނުވާ މީހުންނެވެ. ބޭރު ބަހަކުން އެއްޗެއް ބުނަން ދިމާކޮށްފި ނަމަ ދެ ޖުމުލަ ހަމަޔަށް ބުނަން ނޭނގޭތަން މިފެންނަނީ އޮފީހެއްގެ ޕިޔޯނަކަށް ނޫނެވެ. ދައުލަތުގެ ބޮޑެތި ރައީސުންނާއި ނާއިބު ބޭކަލުންނާއި ވަޒީރުންނަށެވެ. މަތީ ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލިޔަސް ކުރިމަތިލާތީ މިފެންނަނީ މިބާވަތުން ހަމަ މުޖުތަމައު ބަލައި ނުގަންނަ މީހުންނެވެ.
ރަނގަޅު މީހަކު އަމުދުން އެއްބަސްވެސް ނުވަނީއެވެ. އެއްބަސްވާނީ ކިހިނެއްހެއްޔެވެ؟ މައުރޫފް ޖަމީލަށް ވީގޮތް އެންމެންނަށްވެސް އެނގެއެވެ.
ސިޓީބިޓީ: މަގާމުތަކަށް ރަނގަޅު މީހުން އެއްބަސް ނުވަނީ މިހެންވެތަ؟ ސިޓީބިޓީ: މަގާމުތަކަށް ރަނގަޅު މީހުން އެއްބަސް ނުވަނީ މިހެންވެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ