ލަންކާގައި ސޯލާ ޕެނަލް ހުންނަ އޮފީސްތަކަށް ހިތްވަރުދީ، ކަރަންޓު ބިލު ކުޑަކޮށްދެނީ

ސްރީލަންކާ ސަރުކާރުގެ އޮފީސްތަކުގެ ތެރޭގައި، ސޯލާ ޕެނަލް ހަރުކޮށްފައި ހުންނަ އޮފީސްތަކަށް ހިތްވަރުދިނުމުގެ ގޮތުން، އެއިން ކޮންމެ އޮފީހެއްގެ ކަރަންޓު ބިލުން ވަކި ވަރެއް ކުޑަކޮށްދޭން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ. ސްރީލަންކާ ސަރުކާރުން ވަނީ، އެގައުމުގެ ސަރުކާރުގެ ހުރިހާ އޮފީހަކަށް ވެސް އިރުގެ ހަކަތައިން ކަރަންޓު އުފައްދައިގެން އެތަންތަން ހިނގުމަށްޓަކައި ގައުމީ ހަރަކާތެއް ފަށައިފައެވެ. ލަންކާ ސަރުކާރުން އަމާޒު ހިފާފައި ވަނީ، ސަރުކާރުގެ ހުރިހާ އިދާރާއެއް، ދެއަހަރު ދުވަހުގެ ތެރޭގައި ސޯލާ ޕެނަލްއިން ހިންގާ ތަންތަނަށް ބަދަލުކުރުމަށެވެ. އިއްޔެ އެ ގައުމުގައި ފެށި ހަރަކާތުގެ ދަށުން، ސޯލާ އެނާޖީ ބޭނުންކުރާ އޮފީސްތަކަށް ހިތްވަރުދިނުމުގެ ގޮތުން، އެ އޮފީސްތަކުގެ ކަރަންޓު ބިލުން ކޮންމެ މަހަކު ދެލައްކަ ރުޕީސް (ގާތްގަނޑަކަށް 20،667 ދިވެހިރުފިޔާ) ކަނޑައިދޭނެ ކަމަށް، ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އިޔާދަކުރުވަނިވި، ތިމާވެއްޓާ ރަހުމަތްތެރި ހަކަތަ ބޭނުންކުރުމާ ދިމާލަށް ލަންކާ ސަރުކާރުގެ މިސްރާބު ބަދަލުކޮށްފައިވަނީ، އެގައުމުގެ ސަރުކާރުން ތަރައްގީއާ ދިމާލަށް ހަލުއިކަމާ އެކު ދަތުރުކުރަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި ސަރުކާރުން ބޭނުން ވަނީ އެގައުމުން ފަގީރުކަން ނައްތާލައި، އާ މަގަކުން ގައުމު ތަރައްގީ ކުރުމަށް ކަމަށް ރަވީ ވިދާޅުވިއެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓަރު ރަވީ ވިދާޅުވީ، މީގެ ދެ އަހަރު ކުރިން މިހާރުގެ ސަރުކާރު ވެރިކަމަށް އައި އިރު، ގައުމުގެ އިގްތިސާދު ދިޔައީ ވީރާނާވެ، ދަރަނިވެރިވެފައި ކަމަށާއި، އޭރު ސަރުކާރަށް ލިބެމުން ދިޔަ އާމްދަނީން ދުވަހުން ދުވަހުގެ ޚަރަދުތައް ވެސް ހަމަނުޖެއްސޭ ކަމަށެވެ. ނަމަވެސް މިހާރު އެ ޓްރެންޑު ބަދަލުކޮށް، ދުވަހުން ދުވަހަށް ހިނގާ ހަރަދުތަކާއި ދަރަނިތައް އަލުން ދައްކާނެ އާ ގޮތްތަކެއް ސަރުކާރުން ހޯދާފައިވާ ކަމަށް ލަންކާގެ ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ