އިސްލާމް ދީނަކީބަދަލު ހިފުމުގެ ދީނެއް ނޫން: ރައީސް މައުމޫން

މުސްލިމުންނާއިމެދު އެހެން މީހުން ކިތަންމެ ހަރުކަށިކޮށް ކަންކަން ކުރި ނަމަވެސް އިސްލާމް ދީނަކީ ބަދަލު ހިފުމުގެ ދީނެއް ނޫން ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ އިންޑިއާގެ އޮބްޒަރވަރ ފައުންޑޭޝަނުގެ ދައުވަތަކަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިންޑިއާގައި ފުޅައު ދާއިރާއެއްގައި ރިސަރޗް ކުރުމުގެ މަސައްކަތްކުރާ އެފައުންޑޭޝަނުން އެރުވި ދައުވަތަކަށް ކުރެއްވެވި ދަތުރުފުޅެއް ކަަމަށެވެ. އަދި މިދަތުރުފުޅުގައި ކުރެއްވެވި ތަޤްރީރުގައި އިސްލާމް ދީނުގައި ބަޔާންވެގެންވާ ޙުކުމްފުޅުތައް ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތުން ބަޔާންކޮށްދެއްވަވައިފައިވާނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ތަޤްރީރަށްފަހު ނޫސްވެރިން ސުވާލތައް ކުރި ކަަމަށާއި ނަމަވެސް ނޫސްވެރިން ސުވާލުތައް ކުރީ ސިޔާސީ ކަންކަމާއި ގުޅުވައިގެން ކަމަށެވެ. އަދި އެމަނިކުފާނު ދެއްވި ޖަވާބުތައް އޮޅުވައިލައިގެން ބައެއް ނޫސްތަކުގައި ހާމަކުރި ކަމަށާއި ވިދާޅުނުވާ ވާހަކަފުޅުތައް ވިދާޅުވިކަމަށް ބުނެ ވެސް ހާމަކުރި ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އިސްލާމުންނަކީ ހަރުކަށި، ތަންތަން ގޮއްވާ ބައެއްގެ ގޮތުގައި ބައެއް މީޑިއާތަކުން ހާމަކުރަމުން ގެންދާ ކަމަށާއި އެކަން ކުރަމުން ގެންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެހެންކަމުން ރިސަރޗް ފައުންޑޭޝަނުން ބޭނުންވީ އެކަމުގެ ޙަޤީޤަތް އޮޅުންފިލުވަން ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އިސްލާމް ދީނަކީ ޞުލްހައިގެ ދީނެއް ކަމާއި އެކުވެރިކަމާއި އެއްބާރުލުން ދިނުމުގެ ދީނެއް ކަމާއި ރަޙްމަތުގެ ދީނެއްކަން ވާނީ ބަޔާންކޮށްދެއްވަަވާފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ