ރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކުގެ މައިގަނޑު އެއްމަޤުޞަދަކީ ހެޔޮ އަގެއްގައި، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ޔަޤީންކުރުން: މިނިސްޓަރ ޠާރިޤް

ރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކުގެ މައިގަނޑު އެއްމަޤުޞަދަކީ، ހެޔޮ އަގެއްގައި، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ޔަޤީންކުރުން ކަމުގައި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން އިންތިޒާމުކޮށްގެން "ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގެ ޕޮލިސީ އަދި ސްޓްރެޖީ 2016" ގެ ނަމުގައި މިއަދު ހެނދުނު ފެށި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ޠާރިޤް ވިދާޅުވީ ސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ހަކަތައާއި ގުޅުންހުރި ވަޢުދުތަކާއި އ.ދ ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލް 7 ގައި ހިމެނޭ ކަންކަން ހަކަތައިގެ ސިޔާސަތުގައި ހިމެނުމަށްޓަކާ މިހާރު އަމަލުކުރަމުންދާ ހަކަތައިގެ ސިޔާސަތު މުރާޖަޢާ ކުރުމަކީ މިވަގުތު ކުރަންޖެހޭ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން ދިވެހި ސަރުކާރުގެ އަމާޒަކީ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން ޙާޞިލުކުރުމަށްޓަކައި ދިވެހިރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރުން އިތުރުކޮށް، އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޔަޤީންކަމާއެކު ވީހައި ކުޑަ އަގެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
މުރާޖާ ކުރެވޭ ޤައުމީ ހަކަތައިގެ ސިޔާތުގައި ހިމެނެނީ މުހިއްމު 5 ސިޔާސަތަކީ، ހަކަތައިގެ ދާއިރާގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް އިޖްރާޢީ އޮނިގަނޑު ވަރުގަދަކުރުމާއި، ހަކަތަހެޔޮގޮތުގައިބޭނުންކުރުމާއި އިއާދަކުރަނިވި ހަކަތައިގެޓެކްނޮލޮޖީ ކުރިއެރުވުމާއި ދެމެހެއްޓެނިވި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއި ޤައުމުގެ ހަކަތައިގެ ރައްކާތެރިކަން އިތުރު ކުރުމެވެ.
ހަކަތައިން އިޤްތިޞާދީ މަންފާ ހޯދުމުގެ ވައުދުގެތެރެއިން 2014 ވަނައަހަރުން ފެށިގެންސަރުކާރުން އަންނަނީ ތަފާތު މަޝްރޫއުތައް ކުރިއަށްގެންދަމުންނެވެ. މިގޮތުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަން ފެށުނުފަހުން، އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ޤާއިމުކޮށްފައިވާ މިންވަރު ވަނީ 2 ގުނައަށް އިތުރުކުރެވިފައެވެ. އަދި އެނާރޖީ އެފިޝަންސީގެ ދާއިރާއިން ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކަށާއި އާއްމުންނަށް އެނާރޖީ އެފިޝަންޓް ލެޑް ލައިޓް ވަނީ ފޯރުކޮށްދީފައެވެ.
މިއަދުގެ ބައްދަލުވުމުގައި އެސް.ޓީ.އޯ، ސްޓެލްކޯ، ފެނަކަ އަދި އެމް.ޑަބްލިއު.އެސް.ސީގެ އިތުރަށް ހަކަތައިގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ބައެއް އަމިއްލަ ކުންފުނިތަކުން ވެސް ބައިވެރިވިއެވެ.
މިނިސްޓަރ ޠާރިޤް ވިދާޅުވީ މިއަދުގެ މި މަޝްވަރާ ބައްދަލުވުމުގައި މުރާޖާކުރުމަށް މަސައްކަތް ކުރެވެމުންދާ ސިޔާސަތުގެ ސަބަބުން ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ