ރިޔާސީ އިންތިޚާބާ ދިމާކޮށް ބެލާރޫސްގެ އިދިކޮޅު ހުރިހާ ލީޑަރުން ޖަލުން މިނިވަން ކޮށްފި

ބެލާރޫސްގައި ރިޔާސީ އިންތިޚާބު ބާއްވަން ދެމަސްދުވަހަށް ވެފައި ވަނިކޮށް، ޖަލަށް ލާފައި ތިއްބެވި އެގައުމުގެ ސިޔާސީ އިދިކޮޅު ހަ ލީޑަރުން މިނިވަން ކޮށްފިއެވެ.
ރައީސް އެލެކްޒެންޑަރ ލުކަޝެންކޯގެ އަމުރުފުޅަށް މައާފް ދެއްވައި މިނިވަންކުރެއްވި އިދިކޮޅު ހަ ލީޑަރުންގެ ތެރޭގައި، އެންމެފަހުން އެގައުމުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ލުކަޝެންކޯއާ ދެކޮޅަށް ނުކުންނެވި ކެންޑިޑޭޓް މިކޮލާ ސްޓެޓްކެވިޗްވެސް ހިމެނިވަޑައި ގަންނަވައެވެ. 2010 ވަނަ އަހަރުން ފެށިގެން އޭނާ ހުންނަވަނީ ޖަލުގައެވެ. ސަރުކާރުގެ އަނިޔާވެރިކަމާހެދި އިދިކޮޅު އެހެން ހުރިހާ ލީޑަރުން ވަނީ، ފަހުން ގައުމު ދޫކުރައްވައި ވަޑައިގެންފައެވެ.
އިދިކޮޅު ލީޑަރުންނަށް ކުއްލިގޮތަކަށް މައާފް ދެއްވައި މިނިވަންކުރެއްވުމާ ބެހޭގޮތުން ލުކަޝެންކޯގެ ސަރުކާރުން މާގިނަ ވާހަކަތަކެއް ނުދައްކައެވެ. އެމީހުން މިނިވަންކުރި ކަން ހާމަކޮށްފައިވަނީ ސަރުކާރުން ނެރުނު ބަޔާނެއްގައެވެ.
ޖަލަށް ލާފައި ތިބި އިދިކޮޅު ލީޑަރުން މިނިވަން ކުރުމުން، ޔޫރަޕްގެ އިއްތިހާދާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އެކަމަށް މަރްހަބާ ކިޔާފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފައިވަނީ، މިއީ، ބެލާރޫސްގެ ޖަލުތަކުގައި ސިޔާސީ ކުށްވެރިންގެ ގޮތުގައި ތިބި އެންމެފަހު ގްރޫޕް ކަމަށެވެ.
މިކޮލާ ސްޓެޓްކެވިޗް ޖަލުން މިނިވަންކުރުމުން، ވެރިރަށް މިންސްކްގައި ދުއިސައްތައެއްހާ މީހުންވަނީ މަލާއި ފުއްޕާހަމުން އޭނާއަށް މަރްހަބާ ކިޔާފައެވެ. "ކުރިންވެސް ކުރިގޮތަށް އަހަރެންގެ މަސައްކަތާއިގެން އަނެއްކާވެސް ކުރިއަށް ދާނަން. އެއީ، މިނިވަން ބެލާރޫސްއަކަށް މަސައްކަތް ކުރުން" އާންމުންނާ މުޚާތަބު ކުރައްވައި މިކޮލާ ސްޓެޓްކެވިޗް ވިދާޅުވިއެވެ.
ބެލާރޫސްގެ ރައީސް އެލެކްޒެންޑަރ ލުކަޝެންކޯގެ ރިޔާސީ ގަރާރަކުން ސިޔާސީ އިދިކޮޅު ފަރާތްތައް ޖަލުން މިނިވަންކޮށް ހުޅަނގުގެ ރުހުން ހޯދަން މަސައްކަތް ކުރައްވާއިރު، ލުކަޝެންކޯ ވަނީ ރިޔާސީ ފަސްވަނަ ދައުރަކަށް ކުރިމަތި ލައްވާފައެވެ. އޭނާ ގެންދަވަނީ 1994 ވަނަ އަހަރުން ފެށިގެން ބެލާރޫސްގައި ރައީސްކަން ކުރައްވަމުންނެވެ.
ބެލާރޫސްގެ ރައީސް ލުކަޝެންކޯ، ސިޔާސީ އިދިކޮޅު ފަރާތްތައް ޖަލުން މިނިވަން ކުރެއްވީ، ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުން ކުރިމަތިލެއްވުމުގެ މުއްދަތު ހަމަވިތާ އެއްދުވަސް ފަހުންނެވެ. އެހެންކަމުން، އިދިކޮޅު އެއްވެސް ބޭފުޅަކަށް އިންތިޚާބަށް ކުރިމަތި ލެއްވުމުގެ ފުރުސަތެއް ނެތެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރުމަހުގެ 11 ވަނަ ދުވަހުއެވެ.
ބެލާރޫސްގެ ރައީސް، އުމުރުފުޅުން 60 އަހަރުގެ އެލެކްޒެންޑަރ ލުކަޝެންކޯ، އެމެރިކާފަދަ ގައުމުތަކުން ސިފަކޮށްފައިވަނީ "ޔޫރަޕްގެ އެންމެފަހު ޑިކްޓޭޓަރ" ގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ