މި ސަރުކާރުން ވައްކަމެއް ނުކުރޭ، ވަގުން 2018 ގެ ކުރިން ހާމަކުރާނަން: މިނިސްޓަރު ސައީދު

ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން އެއް ވެސް ވައްކަމެއް ނުކުރާ ކަމަށާއި ވަގުންނަކީ ކޮބައިކެން 2018 ވަނަ އަހަރުގެ ކުރިން ހާމަ ކުރައްވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ބަހުގެ ހިދުމަތް ފެއްޓުމަށް ފަހު މިރޭ އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކަރާ އިދިކޮޅު ފަރާތްތަކުން ވައްކަމުގެ އިނގިލި ދިއްކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ވަގުންނަކީ ކަބައިކަން ހޯދުމަށް މިއަދު މުބާރާތެއް ބާއްވަން ޖެހޭ ކަމަށާއި އޭރުން ވަގުން ހޯދިގެންދާނެ ކަމަށެވެ.
"ވަގުންގެ ވާހަކަ އަޅުގަނޑުމެންނާ ދިމާލަށް އިނގިލި ދިއްކޮށްފާ މި އޮތް ތަރައްގީތައް ލޯމަތިން ފެންނަމުން ދަނިކޮށް ދައްކަން ފެށީމާ އަޅުގަނޑުމެން ހަގީގަތުގަ ވެސް ހަގީގީ ވަގުންނަކީ ކޮބައިކަން މި ވަނީ ބަލަން ޖެހިފައި، މިނިސްޓްރީ އޮފް ފިނޭންސްގައި އެބަ ހުރި އެނގެން ހަގީގީ ވަގުންނަކީ ކޮބައިކަން. އެހެންވެ، 2018 ގެ ކުރިން އަޅުގަނޑުމެން ހާމަ ކުރާނަން ކޮބައިކަން ހަގީގީ ވަގުންނަކީ. މިއީ ރައްޔިތުންނަށް މިހާރު އެގެން ޖެހިއްޖެ ކަމެއް،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިންގި ކޮރޮޕްޝަންގެ އަމަލުތަކާ ކޮށްފައިވާ ވައްކަން ވަރަށް ސާފްކޮށް ފިނޭންސް މިނިސްޓްރީގައި ފެންނަން އެބަހުރި ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި ފެރީގެ ނިޒާމް ގާއިމް ކުރި މަސައްކަތަކީ ވަކިބަޔަކަށް ފައިދާތަކެއް ލިބޭ ގޮތަސް ދައުލަތުން ބޮޑު ހޭދަ އެއް ކުރަން ޖެހޭ ގޮތަށް ކުރި މަސައްކަތެއް ކމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ރާއްޖޭގެ ހަތް ސަރަހައްދުގައި 16 ފެރީ ދުއްވުމަށް ރައީސް ނަޝީދުގެ ސަރުކާރުން ވަކިބަޔަކަށް ފައިސާ ލިބޭ ގޮތަށް އެތައް ރަށްތަކެއް ދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރަސް 140 މިލިޔަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ފެރީގެ ހިދުމަތް ރާއްޖޭގެ ހަތް ސަރަހައްދެއްގައި ގާއިމް ކުރުމަށް ރައީސް ނަޝީދުގެ ސަރުކާރުން ރަށްތައް ދޫކުރި ފަރާތްތަކަށް ފެރީގެ ހިދުމަތް ދެވިފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި ކުރި ކަމަކީ އެ ރަށްތަކުގައި ރިސޯޓް ހަދައިގެން ހިންގުން ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި ފެރީގެ ނިޒާމު ގާއިމް ކޮށް ނިންމާލީ އަމިއްލަ ބަޔަކަށް ބައި ލާރިއެއް ވެސް ނުދީ ކަމަށާއި އެ ހިދުމަތް ކުރިއަށް އޮތްތަނުގައި ވެސް ތަރައްގީ ކުރަމުން ދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްތަރު ސައީދު ވިދާޅުވީ އޭރުގެ ސަރުކާރުން ރަށްތައް ދޫކޮށްގެން ގާއިމް ކުރި ފެރީ ނިޒާމުތައް ހުރީ ނަމަކަށް ކަމެއް ކުރާ ގޮތަށް ކޮށްފައި ކަމަށެވެ. އައްޑޫއަށް ބަލާއިރު ބަސްތަކުގައި އޭސީއެއް ފައްކާއެއް ވެސް ނެތް އިރު އަރާމު ގޮޑިތަކެއް ވެސް އެ ބަސްތަކުގައި ނެތް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އަދި އިތުރަށް ފެރީތަކުގެ އިންޖީނު ދިރުބާ ކޮޅުގައި ހުރި އިރު އެތަކެތި ދުވަނީ ފަހަތަށް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ފެރީގެ ހިދުމަތާ އަދި އެނޫން ވެސް ހިދުމަތްތައް ދެމުން ދާނީ ޒަމާނީފެންވަރަށް ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް މިހާރު ދެމުންދާ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރާނެ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ