އަލީ ވަހީދުގެ ބަންދުގެ މުއްދަތު އިތުރުކުރަން ނެރުނު އަމުރު ބާތިލް ކޮށްފި

އަދާލަތު ޕާޓިން އިންތިޒާމް ކޮށްގެން މިމަހުގެ އެއް ވަނަ ދުވަހު މާލޭގައި ކުރި ބޮޑު މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނީ ބާތިލް އަމުރެއް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.
ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ، އަލީ ވަހީދުގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް ނެރުނު އަމުރަކީ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފް އަމުރެއް ކަމަށެވެ.
އަލީ ވަހީދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދިން 15 ދުވަސް ހަމަވުމުން، އެ ކޯޓުން ވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު މުއްދަތު އިތުރުކޮށްދީފަ އެވެ. އެގޮތުން އަލީ ވަހީދަށް އިތުރު ހަތް ދުވަހުގެ މުއްދަތެއް ޖަހާފައި ވެއެވެ. އެ އަމުރު މިއަދު ބާތިލް ކުރިއިރު އަލީ ވަހީދުގެ ބަންދުގެ މުއްދަތު ހަމަވެގެން އޭނާ ވަނީ އިއްޔެ މެންދުރު 3:15 އެހާއިރު ދޫކޮށްލާފައެވެ.
އަލީ ވަހީދު ދޫކޮށްލިއިރު އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ދައުވަތާއި ގުޅިގެން ސަރުކަރާ މަޝްވަރާ ކުރުމަށް ކަނޑައަޅާފައިވާ އެމްޑީޕީގެ ޓީމުގައި އޭނާ ވަނީ ހިމަނުއްވާފަ އެވެ.
އަލީ ވަހީދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މުއްދަތު ޖެހީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފުލުހުން ކޯޓުގައި ބުނުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ