ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހެލްތު މިނިސްޓްރީން ފަހިކޮށްނުދިން މައްސަލަ އިމްތިޔާޒްގެ މައްސަލައެއް ގޮތުގައި މަޖިލީހަށް ހުށަހެޅުމުން، އެ މައްސަލަ މިއަދު ބަލައިގެންފި އެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަތީ ސަރުކާރު ހިންގާ ޕީއެންސީ އާއި އެމްޑީޕީގެ 55 މެންބަރުންގެ ވޯޓުންނެވެ.
ގުރައިދޫގައި ހުންނަ މަރުކަޒު ބަލަހައްޓަނީ ހެލްތު މިނިސްޓްރީންނެވެ. އެ މަރުކަޒަށް ވަދެވޭނެ ގޮތް ހަދައިދިނުމަށް އެދި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމްއަށް ރައްޔިތުންގެ މަޖިލީހުގެ ލެޓާހެޑުގައި ކުޑޫ ސިޓީއެއް ފޮނުވީ އެޕްރީލް 19، ގަ އެވެ.
އެއީ އެ މަރުކަޒުގެ ހާލަތު ދެނެގަނެ ރިޕޯޓެއް ތައްޔާރު ކުރުމުގެ ބޭނުމަށް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައި ވެ އެވެ. އެ ސިޓީއަށް ގާތްގަނޑަކަށް ދެ މަސްދުވަސް ފާއިތުވެގެންދިޔައިރު ވެސް ހެލްތު މިނިސްޓްރީގެ ފަރާތުން ޖަވާބު ދީފައި ނުވެ އެވެ.
"މިނިސްޓަރު އޮފް ހެލްތު އަބްދުﷲ ނާޒިމް އަށް އޭޕްރިލް 19، 2025 ވަނަ ދުވަހު، ފޮނުވި ސިޓީއަށް ޖަވާބެއް ނުދެއްވުމަކީ، ރައްޔިތުންގެ މަޖިލިސްގެ އިމްތިޔާޒުތަކާއި، ބާރުތަކުގެ ގާނޫނަށް ތަބާނުވުން ކަމަށް އަޅުގަނޑަށް ސިފަކުރެވޭ،" ކުޑޫ ހުށަހެޅުއްވި މައްސަލާގައި ބަޔާންކޮށްފައި ވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ހުރިހާ އޮފީހަކުން އެއްބާރުލުން ދިނުމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ލާޒިމު ކަމެކެވެ. އަދި މެންބަރަކު ހޯދަން އެދޭ މައުލޫމާތުތައް އެ މެންބަރުންނަށް ފޯރުކޮށްދިނުމަކީ ވެސް އެ ގާނޫނުގެ ދަށުން އިދާރާތަކުން ކުރަން ޖެހޭ ކަމެކެވެ.
މެއި 2024 ގައި ސޯޝަލް ޑިވެލޮޕްމަންޓު މިނިސްޓްރީން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި ގުރައިދޫ މަރުކަޒުގައި 220 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 133 ފިރިހެނުންނާއި, 87 އަންހެނުންނާއި، އެނދުމަތިވެފައިވާ 15 މީހުން އަދި ނަފްސާނީ ގޮތުން ބަލި 183 މީހުންނެވެ. އޭގެ ތެރޭގައި 65 އަހަރުން މަތީގެ 31 މީހުން ހިމެނެ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން މެންބަރު ކުޑޫއަށް ފުރުސަތު ނުދިން މައްސަލަ ބަލައިގެންފި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން މެންބަރު ކުޑޫއަށް ފުރުސަތު ނުދިން މައްސަލަ ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ