ލަންކާގެ ދެ ކޮލެޖަކުން ނުކިޔަވަން އެމްކިޔުއޭ އިން އެދިއްޖެ

ސްރީ ލަންކާގައި މަތީ ތައުލީމުދޭ ބައެއް ކޮލެޖް/ޔުނިވާސިޓީތައް ސަސްޕެންްޑްކޮށްފައިވާތީ އެތަންތަނުގައި، ކިޔެވުން ނުފެށުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އެދިއްޖެ އެވެ.އެމްކިޔުއޭއިން ބުނީ, ލަންކާގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ބަލަހައްޓާ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަން (ޓިވެކް)ގައި ރަޖިސްޓްރީކޮށްފައިވާ ބައެއް މަތީ ތައުލީމުދޭ މަރުކަޒުތައް ސަސްޕެންޑުކޮށްފައިވާ ކަމަށް އެ އޮތޯރިޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.އޭގެ ތެރޭގައި މެޓްރޯޕޮލިޓަން ކޮލެޖާއި އީސޮފްޓްގެ ހުރިހާ ކެމްޕަސްތައް ހިމެނޭ ކަމަށް އެމްކިޔުއޭއިން ބުންޏެވެ.މެޓްރޯޕޮލިޓަން ކޮލެޖުގައި ތައުލީމީ ދާއިރާއާއި، ބިޒްނަސް އާއި ސައިކޮލޮޖީ ފަދަ ދާއިރާތަކުން ކޯސްތައް ހިންގާއިރު އީސޮފްޓުން ކޮމްޕިއުޓިން އާއި އިންޖިނިއަރިން ހިމެނޭ ގޮތަށް ހަ ސްކޫލެއް ހިމެނެއެވެ.އެ މަރުކަޒުތަކުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރެއް ނަމަ، ވީއެންމެ އަވަހަކަށް އެ އޮތޯރިޓީއަށް އީމެއިލް ކުރުމަށް އެމްކިޔުއޭއިން ވަނީ އެދިފައެވެ. މެއިލް ކުރާނީ recognition@mqa.gov.mv އަށެވެ."މި ލިޔުން ހޯދުމުގެ އެންމެ ބޮޑު ބޭނުމަކީ އެމްކިއުއޭ އިން ގަބޫލުކުރާ މަރުކަޒެއް ކަމާއި، އެ ކިޔަވާ ޕްރޮގްރާމަކީ އެމްއެންކިއުއޭ އަށް ފެތޭ ޕްރޮގްރާމެއް ކަން ބެލުމާއި މީގެ އިތުރުން، އެ މަރުކަޒަކީ އެ ގައުމެއްގެ ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން ގަބޫލުކުރާ މަރުކަޒެއްކަމާއި އެ މަރުކަޒުގައި އެ ޕްރޮގްރާމް ރަޖިސްޓްރީކޮށްފައިވާ ކަން ކަށަވަރު ކުރުމެވެ،" އެމްކިޔުއޭ އިން ބުންޏެވެ.އެކަން ކަށަވަރުނުކޮށް ސަނަދެއް ހާސިލްކޮށް، ވެލިޑޭޓް ކުރުމަށް އެމްކިއުއޭ އަށް ހުށަހެޅި ނަމަވެސް އެ ކިޔެވި މަރުކަޒަކީ އެމްކިއުއޭ އިން ގަބޫލުކުރާ މަރުކަޒަކަށް ނުވާނަމަ އެކަމުގެ ސަބަބުން ދަރިވަރަށް ލިބޭ ގެއްލުމުގެ ޒިންމާ އެމްކިޔުއޭ އިން ނުނަގާނެ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ