މާލޭގެ މަގުތަކުން ނަގާ ކުނި އުކާލުމަށް އަހަރަކު 60 މިލިއަން ރުފިޔާ ޚަރަދުވޭ
މާލެ ސިޓީގެ މަގުތަކުން ނަގާ ކުނި އުކާލުމަށް އަހަރަކު 60 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް މާލެ ސިޓީ ކައުންސިލުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ، މާލޭގެ މަގުތަކަށް ކުނި އެޅުން ހުއްޓާލައިފިނަމަ، ކުނި އުކާލުމަށް ޚަރަދުވާ 60 މިލިއަން ރުފިޔާއިން ޕާކުތަކާއި މައިޒާންތަކާއި މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް ކުރޭވެނެ ކަމަށެވެ. މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވަނީ، މި ސިޓީގައި ދިރިއުޅޭ މީހުންނަށް ސާފު މާލެއެއް ހޯދައި ދިނުމަށް، އެ ކައުންސިލްގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުންދީ ކުނި ނޭޅުމަށް އިލްތިމާސްކުރައްވައިފައެވެ. އެގޮތުން، މިހާރުވެސް ދުވާލަކަށް މާލެ ސިޓީގެ މަގުތަކުން 30 ޓަނުގެ ކުނި ނަގާ ކަމަށާއި މާލޭގެ މަގުތަކުގައި ހުންނަ ގަސްބުޑުތަކަށާއި އެކި ބޭނުންތަކުގައި މަގު ފާރުތަކުގައި ހަރުކޮށްފައި ހުންނަ ފޮށިތަކުގެ މަތީގައި ކުނި ބަހައްޓާފައި ހުންނަކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަންކަން އެ ގޮތަށް ނުކުރުމަށް މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ކިބައިން އާޒިމް ވަނީ އެދިވަޑައިގެންފައެވެ. "މާލޭގެ މަގުތަކަށް ކުނި ނޭޅުއްވުމަށް މާލޭގެ ރައްޔިތުންގެ އަރިހުން އާދޭހާއެކު އެދެން،" ޢާޒިމް ވިދާޅުވިއެވެ. މާލޭގެ ފަޅުތެރެއަށާއި މޫދަށް ކުނި އެޅުން ހުއްޓާލައި، ޑަސްބިންތަކަށް ކުނިއެޅުމަކީ ހުރިހާ އެންމެންގެ އާދައަކަށް ހެދުމަށް އޭނާ އެދިވަޑައިގަތެވެ. މާލޭގެ މަގުތަކަށް ކުނި އެޅުން ހުއްޓުވުމަށް، ސިޓީ ކައުންސިލުން އަންނަނީ މަގަށް ކުނި އަޅާ މީހުން 500 ރުފިޔާއިން ޖޫރިމަނާކޮށް އެ މީހުންގެ ވީޑިއޯތައް މީސްމީޑިއާގައި އާންމުކުރަމުންނެވެ. ނަމަވެސް، އެކަން ތަކުރާރުކޮށްފި ނަމަ އެ އަދަދަށްވުރެ އިތުރަށް ޖޫރިމަނާ ކުރަން ގާނޫނުގައި ބުނެފައިނުވާ ކަމަށް ސީޓީ ކައުންސިލުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ