އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޝަރުތެއް ނެތި ހަނގުރާމަ ހުއްޓާލުމަށް އީރާނަށް ގޮވާލި ގޮވާލުމަށް އީރާނުގެ އެންމެ މަތީ ލީޑަރު މިއަދު ރައްދު ދެއްވައި، އިންޒާރު ދެއްވީ އެމެރިކާ އިން އެ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ، އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ދޭނެ ކަމަށެވެ.
އީރާންގެ ރޫހާނީ ލީޑަރު މިހެން ވިދާޅުވެފައި ވަނީ އިޒްރޭލުން އީރާނުގެ ވެރިން ބަދަލުކުރުމާ ގުޅޭ ގޮތުން ބަހުގެ ހަމަލާތައްދީ އީރާން ދޫކޮށް ދިއުމަށް ރައްޔިތުންނަށް ގޮވާލުމުން އެކަމަށް ދެއްވި ރައްދުގަ އެވެ.
މިއީ މިދިޔަ ހުކުރު ދުވަހު އިޒުރޭލުން އިސްވެ އީރާނަށް ހަަމަލާ ދިނުމަށް ފަހު، ރޫހާނީ ލީޑަރު އާންމުކޮށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. އަދި ވިދާޅުވީ އިޒުރޭލުން އީރާނަށް ހަމަލާދިނުމަކީ އެމީހުން ހެދި "ވަރަށް ބޮޑު ގޯހެއް" ކަމަށެވެ.
"އީރާން އާއި އީރާންގެ ރައްޔިތުން ދަންނަ ބުއްދިވެރިންނަށް އެނގޭނެ އީރާނާއި އީރާނު މީހުން. އަދި އެ ގައުމެއްގެ ތާރީހު، ދުވަހަކު ވެސް ނުރައްކާތެރި ބަސްމަގެއްގައި ވާހަކައެއް ނުދައްކާނެ،" ހާމަނާއީ ވިދާޅުވި އެވެ.
"އެމެރިކާ އިން ގަބޫލު ކުރަންވީ، އެމެރިކާ އިން އަސްކަރީ ގޮތުން ކުރާ ކޮންމެ ނޭއްގާނީ އަމަލެއްގެ އާހިރު ނަތީޖާއާ އެ މީހުން ކުރިމަތިލާން ޖެހި އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބޭނެކަން،" ހާމަނާއީ ވިދާޅުވި އެވެ.
އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުންނަށް އިޝާރާތްކޮށް ނިއުޔޯކް ޓައިމްސް އިން ބުނީ، އެމެރިކާ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ އެ ސަރަހައްދުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް ތެހެރާނުން މިސައިލާއި އެހެނިހެން ސާމާނުން ހަމަލާ ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.
އިއްޔެ ޓްރަމްޕް އިންޒާރު ދެއްވީ އޭނާގެ ކެތްތެރިކަން ކޮޅުން ލަމުން އަންނަ ކަމަށެވެ. އަދި އޭނާގެ ޓުރޫތު ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ދެ ބަހުގެ ޕޯސްޓެއްގައި ވިދާޅުވީ "އެއްވެސް ޝަރުތެއް ނެތި އަމިއްލައަށް ބަލި ގަބޫލު ކުރުމަ"ށެވެ.
ޓްރަމްޕްގެ ސަރުކާރުން އެންމެ ފުރަތަމަ ވަނީ ހަނގުރާމައިން ދުރަށް ޖެހިފަ އެވެ. އަދި ބުނަނީ އިޒުރޭލު މަސައްކަތް ކުރަނީ އެ މީހުން އަމިއްލައަށް ކަމަށެވެ. ނަމަވެސް ފަހުން ވަނީ އެ މީހުންގެ ބަސް މަގު ބަދަލުކޮށް އެ ސަރަހައްދުގައި އެ ގައުމުގެ ޙަރަކާތްތައް ވަރުގަދަކޮށްފަ އެވެ.
އީރާނުގެ ފޯޑޯ ނިއުކްލިއާ ފެސިލިޓީއަކީ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ބައިވެރިވުމަށް ގޮވާލާ މައިގަނޑު ސަބަބެވެ. ހާއްސަކޮށް އިޒްރޭލާ އަދި ވޮޝިންޓަންގެ ހަރުކަށި އޮފިޝަލުންގެ ފަރާތުންނެވެ. އިޒުރޭލުގެ އަސްކަރީ އޮފިޝަލުން ހިމެނޭ ގޮތަށް ތަޖުރިބާކާރުން ބުނާ ގޮތުގައި އެކި ތަންތަނަށް ދިން ބޮޑެތި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތައް މަދު މަސްކޮޅެއްގެ ތެރޭގައި މަރާމާތު ކުރެވޭނެ އެވެ.
ފޯޑޯ ހަލާކުކޮށްލުން ނުވަތަ އެ ތަނުގެ ޒަމާން ދުއްވާލުމަކީ އީރާނުގެ ނިއުކްލިއާ ބޮމެއް އުފެއްދުމުގެ ގާބިލުކަމަށް ދިގު މުއްދަތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ.
އެއީ ކައުމްގެ މަތިވެރި ޝަހަރަކާ ކައިރީގައިވާ ފަރުބަދައެއްގެ އަޑީގައި ވަޅުލެވިފައިވާ ތަނެއް ކަމަށް އެމެރިކާ އިން ތުހުމަތު ކުރެ އެވެ. އަދި އެތަން ނައްތާލެވިދާނެ ހަމައެކަނި ހަތިޔާރަކީ އެމެރިކާގެ އެންމެ ވަރުގަދަ ބަންކާ ބަސްޓާ ބޮންތަކެވެ. އެކަން ކުރެވޭނީ ހަމައެކަނި އެމެރިކާގެ ބީ-2 ބޮންއަޅާ މަތިންދާބޯޓުތަކަށެވެ.
އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޓްޒާޗީ ހަނެގްބީ ވިދާޅުވީ ހަނގުރާމައަކީ ހަމައެކަނި އިޒުރާއީލުގެ އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް އޭނާ އިޒްރޭލުގެ ޗެނަލް 12 ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފޯޑޯއަށް ގެއްލުން ނުދީ އެކަން ނުނިމޭނެ ކަމަށެވެ.
އެމެރިކާ ހަނގުރާމާގައި ބައިވެރި ނުވެއްޖެ ނަމަ އިޒްރޭލަށް އަދި ވެސް އަސްކަރީ ގޮތްތައް ހުންނާނެ ކަމަށާއި ނަމަވެސް އެ ގޮތްތަކަކީ ނުރައްކާ ބޮޑު އަދި މާ އޮޅުން ބޮޅުން ގޮތްތަކަކަށް ވާނެ ކަމަށެވެ.
އިތުރުވަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ހުށަހެޅުއްވީ އީރާނާއި އިޒުރޭލާ ދެމެދު މަޝްވަރާކުރުމަށް މަގުފަހިކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ވަނީ އީރާނާ ދެކޮޅަށް އިޒްރޭލުން ހިންގާ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން މެދުއިރުމަތީގެ ނުތަނަވަސްކަން ކުއްލިއަކަށް އިތުރުވެފައިވާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
އީރާނުގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް މުޅިން ނައްތާލެވިފައެއް ނުވެ އެވެ. ހުޅަނގު އީރާނާއި ތެހެރާންގެ ވައިގެ ކޮންޓްރޯލް އިޒުރޭލުން ހޯދާފައިވާ ކަމަށް އިޒްރޭލުން ބުނަމުން ދިޔަ ނަމަވެސް، އިޒުރޭލުގެ ކުރިއަރާފައިވާ ޑްރޯންއެއް މިއަދު ވެސް ވަނީ ވައްޓާލައިފި އެވެ. ރޭ އީރާނުން ވަނީ އިޒްރޭލަށް 15 މިސައިލް ފޮނުވާލައިފަ އެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން ބުނީ އިޒްރޭލުން ދިން ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ ސެންޓްރިފިއުޖް އުފައްދާ ދެ ފެސިލިޓީއަކަށް ކަމަށެވެ. އެއްތަން ހުރީ ވެރިރަށުގައި އަދި އަނެއް ތަން ހުރީ ދުރުގަ އެވެ.
ޓްރަމްޕް ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ދޭނެ ކަމުގެ އިންޒާރު ހާމަނާއީ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ