ނަޝީދު އެނބުރިވަޑައިގަތުމަށް ޝާހިދުއާ ފައްޔާޒު މަރުހަބާ ވިދާޅުވެއްޖެ

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެ ޕާޓީއާ ގުޅުމަށް ނިންމި ނިންމުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސްގެ މެންބަރުން އަލުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅުމަށް އެ ޕާޓީގެ ނެޝަނަލް އެސެމްބްލީ އިން އިއްޔެ ވަނީ ނިންމާފަ އެވެ. އެ ޕާޓީގެ އެސެމްބްލީން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީތައް އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާއި މެދު ގެއްލެމުންދާ އިތުބާރު އަބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަން ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލުކުރުމަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.
އެ ނިންމުމާއި ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ އެ ނިންމުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އެމްޑީޕީ އަކީ ދިވެހިރާއްޖެއަށް ޑިމޮކްރެސީ ތައާރަފުކުރުމާއެކު އިސްލާހަށް މަސައްކަތް ކުރުމުގެ ވިސްނުމުގައި އުފެދުނު ޕާޓީއަށް ވުމުގެ އިތުރުން ރާއްޖޭގެ އެންމެ ދޮށީ ޕާޓީ ކަމަށާ ރާއްޖެ ހަމަމަގުން ނެއްޓޭ ކޮންމެ ފަހަރަކު ކަންކަން ހަމަ މަގަށް އެޅުވީ އެ ޕާޓީގެ މެންބަރުންގެ ހިތްވަރުން ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުގެ އަމަލުތަކަށް އިންތިހާއަށް ފާރަވެރިވާންޖެހޭ މިފަދަ ވަގުތެއްގައި ރައީސް ނަޝީދުއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން މި ޕާޓީއާ ގުޅުމަކީ މި މަސައްކަތުގައި ލިބުނު އިތުރު ހިތްވަރެއް," ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް ޝާހިދު ވެސް އެ ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ. ޝާހިދު ވިދާޅުވީ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީ ތަކުގެ މެންބަރުންނާއި ޤައުމުގެ މިސްރާބު ހަމަ މަގަށް އަޅުއްވަން ކެތްމަދުވެފަ ތިއްބެވި އެންމެހައި ރައްޔިތުންވެސް އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް ގޮވާލައްވާ ކަމަށެވެ. އަދި ރާއްޖޭގައި މުސްތަޤްބަލެއް އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.
"އަޅުގަނޑުމެންނަކީ މާޒީގެ އަޅުން ކަމަށް ވެގެން ނުވާނެ. އަޅުގަނޑުމެން އަމާޒު ހިފަންވާނީ އަބަދުވެސް މުސްތަޤްބަލަށް. އަދި ހަމައެހެންމެ ކާމިޔާބުލިބޭނީ އެކުވެރިވެ އެކުގައި މަސައްކަތްކޮށްގެންކަން އެއީ ދުނިޔަވީ ހަގީގަތެއް," ޝާހިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ