ދަ ޑިމޮކްރެޓްސްގެ މެންބަރުން އަލުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅުމަށް އެ ޕާޓީގެ ނެޝަނަލް އެސެމްބްލީ އިން އިއްޔެ ފާސްކުރި ގަރާރާ ދެކޮޅުކަން އެ ޕާޓީގެ ނާއިބު ރައީސާ އާޝިޔަތު އަލައިކާ އަދުނާނު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ އެސެމްބްލީން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީތައް އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާއި މެދު ގެއްލެމުންދާ އިތުބާރު އަބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަން ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލުކުރުމަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.
އަލައިކާ ވިދާޅުވީ އެ ގަރާރުގައިވާ ބުނެފައިވާ ވާހަކަތަކަށް ކަނޑައެޅިގެން ދެކޮޅު ހައްދަވާ ކަމަށެވެ. އަދި އެއީ ތަންފީޒު ކުރެވޭނެ ގަރާރެއް ނޫން ކަމަށް ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުން ފާހަގަ ކުރެއްވީ އެެހެން ބައެއްގެ ފަރާތުން އެފަދަ ނިންމުމެއް ނިންމުމުގެ ބާރު އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ނޯންނާނެތީ ކަމަށް ވިދާޅުވި އެވެ.
އަލައިކާ އެ އިޝާރާތް ކުރަނީ ޕާޓީގެ ހުރިހާ މެންބަރުން ވަކިވެ ގުޅޭނެ ވަކި ޕާޓީއެއް އެ ޕާޓީގެ ގުނަވަނަކުން ނިންމި ނިންމުމަށެވެ.
އޭނމާ ވިދާޅުވީ ޕާޓީގެ ނެޝަނަލް އެސެމްބްލީ, ޕާޓީއަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ. ސިޔާސީ ޕާޓީއަކާއި ގުޅުމަކީ ކޮންމެ މީހަކަށްވެސް އޮތް ހައްގެއް ކަމަށާ އެ ހައްގުގެ ބޭނުން އެ މީހަކު އިހްތިޔާރު ކުރާ ގޮތަކަށް ބޭނުން ހިފޭނެ ކަމަށެވެ.
ދަ ޑިމޮކްރެޓްސް އުވާލަން ޖެހޭ ފަދަ ހާލަތަކަށް ގެންނަން އެ ޕާޓީގެ ނެޝަނަލް އެސެމްބްލީން ނިންމީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާ ކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން ފާސްކުރި ގަރާރާ އަލައިކާ ދެކޮޅު، އެކަމެއް ނުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ