މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 19) - ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ މެންޗެސްޓާ ސިޓީން 2-0 އިން ވައިދާދް ކަސަބްލަންކާ އަތުން މޮޅުވިއިރު، ސައުދީ އަރަބިއްޔާގެ އަލް ހިލާލުން 1-1 އިން ރެއާލް މެޑްރިޑާ އެއްވަރުކޮށްފި އެވެ.
ފިލަޑެލްފިއާގެ ލިންކޮން ފިނޭންޝިއަލް ފީލްޑްގައި ކުޅުނު މެޗު ފަށައިގެން، ފުރަތަމަ މިިނިޓް ތެރޭ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ފިލް ފޯޑެން ވަނީ ސިޓީ އަށް ލީޑުނަަގައިދީފަ އެވެ. މިއީ، ކްލަބް ވޯލްޑް ކަޕްގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ. މެޗުގެ 42 ވަަނަ މިިނިޓްގައި، ފޯޑެން ނެގި ކޯނަރަކަށް އަރައި، ސިޓީގެ ދެ ވަނަ ލަނޑު ޖެހީ ޖެރެމީ ޑޮކޫ އެވެ.
ސިޓީން ލީޑުގައި އޮވެ، މެޗުގެ ބޮޑުބައި ކުރިއަށްގެންދިޔަ ނަމަވެސް އެ ޓީމުން މެޗު ނިންމާލީ ކުުޅުންތެރިއަކު މަދުކޮށެެވެ. މެޗުގެ 88 ވަަނަ މިނިޓްގައި ސިޓީގެ ރިކޯ ލެވިސް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ، ވައިދާދްގެ ސަމިއުލް އޮބެން އަށް ލިބުމުގެ ކުރިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، ލެވިސް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ދެއްކި ރަތް ކާޑެކެވެ. ރަތް ކާޑު ދައްކަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.
ރޭގެ މެޗުގައި، ސިޓީން ވަނީ އެ ޓީމާ ދާދި ފަހުން ގުޅުނު ޓިޖާނީ ރައިންޑާސް އާއި ރަޔާން ޗާކީ ކުޅެން އަރުވައިފަ އެވެ. އަދި، ސެޕްޓެމްބަރު މަހު، ކަކުލަށް ސީރިއަސް އަނިޔާއެއް ލިބިގެން ކުޅުމާ ދުރުގައި ހުންނަން ޖެހުނު، ރޮޑްރީ ވަނީ އެނބުރި އައި ފަހުން ދެ ވަނަ މެޗުގައި ކުޅެފަ އެެވެ.
ސިޓީގެ ފޯޑެން (ވ) ވައިދާދު ކުޅުންތެރިއަކު ކައިރިން ބޯޅަ ކޮންޓްރޯލް ކުރަނީ.
މި ގްރޫޕްގެ އަނެއް މެޗުން، ޔުވެންޓަސް އިން ވަނީ ޔޫއޭއީގެ އަލް އައިން އަތުން ބޮޑު މޮޅެއް ހޯދައިފަ އެވެ.
ހާޑްރޮކް ސްޓޭޑިއަމްގައި ރެއާލުން ކުޅުނު މެޗުގައި، ދައްކޮށް އެ ޓީމުން ފެށި ނަމަވެސް ލީޑުނެގި އެވެ. ރޯގާ ޖެހިގެން، ކީލިއަން އެމްބާޕޭ ނުލައި، ރެއާލުން ކުޅުނު މި މެޗުގައި، ޒަބީ އަލޮންސޯގެ ކޯޗުކަމުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ، 34 ވަނަ މިނިޓްގައި ޒުވާން ފޯވާޑް، ގޮންޒާލޯ ގާސިއާ އެވެ. ކައުންޓަ އެޓޭކެއްގައި ރޮޑްރީގޯ ދިން ބޯޅައަކަށް ހުސްކޮށް އަރައި، ގޮންޒާލޯ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެެވެ.
ރެއާލަށް ލީޑުގައި އޮވެ ފުރަތަމަ ހާފު ވެސް ނިންމައި ނުލެވުނެވެ. މެޗުގެ 41 ވަނަ މިިނިޓްގައި ޕެނަލްޓީ އަކުން ރުބެން ނެވޭސް ވަނީ ގޯލު ޖަހައި، އަލް ހިލާލް އަށް އެއްވަރުކޮށްދީފަ އެވެ. މިއީ، ރެއާލްގެ ރައުލް އަސެންސިއޯ، އެ ޓީމުގެ އޭރިއާތެރެއިން އަލް ހިލާލްގެ ފޯވާޑް، މާކޯސް ލެއޮނާޑޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މެޗުގެ ދެ ވަަނަ ހާފުގައި ލެއޮނާޑޯ އަށް ވަނީ ހިލާލަށް ލީޑުނަގައިދޭން ރަނުގެ ދެ ފުރުސަތެއް ލިބި ބޭނުން ނުކުރެވިފަ އެވެ.
މެޗުން މޮޅުވާން ރެއާލަށް ވެސް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު، މެޗުގެ 90 ވަަނަ މިނިޓްގައި، ރެއާލަށް ލިބުނު ޕެނަލްޓީ އަކުން، އެ ޓީމުގެ ކެޕްޓަން، ބޭންޑް އަޅައިގެން ކުޅުނު ފެޑެރީކޯ ވަލްވޭޑޭ ފޮނުވާލި ބޯޅަ އަލް ހިލާލްގެ ގޯލުގައި ހުރި މޮރޮކޯގެ ގޯލްކީޕަރު، ޔާސީން ބޯނޯ ވަނީ މަތަކޮށްފަ އެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި، އޮސްޓްރިއާގެ ސަލްޒްބާގުން ވަނީ 2-1 އިން މެކްސިކޯގެ ޕަޗޫކާ ބަލިކޮށްފަ އެވެ.
ސިޓީ މޮޅުވިއިރު، އަލް ހިލާލުން ރެއާލް ހުއްޓުވައިފި ސިޓީ މޮޅުވިއިރު، އަލް ހިލާލުން ރެއާލް ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ