މެޑްރިޑް (ޖޫން 19) - މިހާރު ފީފާ އިން ކުރިއަށްގެންދާ ފޯމެޓަށް ކްލަބް ވޯލްޑް ކަޕްގެ އިތުރު މުބާރާތެއް ބޭއްވިޔަނުދިނުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ސްޕެނިޝް ލަލީގާގެ ރައީސް، ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.
ކުރިން ފީފާ ވޯލްޑް ކަޕްގެ ކުރިން އަހަރު ކޮންފަޑެރޭޝަން ކަޕްގެ ނަމުގައި ބާއްވަމުން އައި މުބާރާތް އުވާލުމަށް ފަހު، ފީފާ އިން އެ މުއްދަތުގައި، 32 ޓީމު ބައިވެރިިކޮށްގެން، ފީފާ ކްލަބް ވޯލްޑް ކަޕެއް ބާއްވަން ނިންމައި، އޭގެ ފުރަަތަމަ މުބާރާތް މިހާރު އެމެރިކާގައި އަންނަނީ ބާއްވަމުންނެވެ. އެ މުބާރާތަށް ލިބޭ ތަރުހީބު ސަޕޯޓަރުންގެ މެދުގައި ފިނިކޮށް ފެންނަމުން އަންނައިރު، އެ މުބާރާތް ކުރިއަށްގެންދާ މުއްދަތާ މެދު ވެސް ޓީމުތަކުގެ ހިތްހަމަނުޖެހުން އެބަހުއްޓެވެ.
ލަލީގާގެ ރައީސް ޓެބާސް ވިދާޅުވީ، ވަރަށް ގިނަ ކުޅުންތެރިންނާއި ޓީމުތަކުން ވެސް ހިޔާލުފާޅުކޮށްފައިވާ ގޮތަށް އޭނާ ވެސް މިހާރު ކުރިއަށް މި ގެންދާ އުސޫލުން ކްލަބް ވޯލްޑް ކަޕް ބޭއްވުމާ މެދު ހިތްހަމަނުޖެހެ އެވެ.
"އަހަރެންގެ ގޯލަކީ މި ގޮތަށް ކްލަބް ވޯލްޑް ކަޕް ބޭއްވިޔަނުދިނުން. އަހަންނަށް މިކަން ވަރަށް ސާފު، މި ގޮތަށް ކްލަބް ވޯލްޑް ކަޕް ކުރިއަށްދިއުމުން ފައިދާ އަށް ވުރެ ބޮޑަށް އޮތީ ގެއްލުން،" ޓެބާސް ވިދާޅުވި އެވެ.
ކްލަބްތަކަށް ފައިސާ އިތުރަށް ވަނުމަކީ މީގެ ފައިދާއެއްގެ ގޮތުގައި ދައްކައިގެން މި ކަން ކުރުމަށް ވުރެ، ފުޓްބޯޅަ އާއި ކުޅުންތެރިންގެ ރަނގަޅަކަށް ފީފާ އިން ވިސްނަން ޖެހޭ ކަމަށާއި މިހާރު އޮތް ގޮތުން، ފުޓްބޯޅަ ސީޒަނުގެ ޗުއްޓީ މުއްދަތެއްގެ ތެރެއަށް އިތުރު މުބާރާތެއް ލުމަކީ، އޭގެ ގެއްލުން ދުރު މުސްތަގުބަލުގައި ފުޓްބޯޅަ އަށް ކުރާނެ ކަމެއްގެ ގޮތުގައި ޓެބާސް ފާހަގަކުރެއްވި އެވެ.
"މިއީ ދެމެހެއްޓެނިވި ގޮތެއްގައި ފުޓްބޯޅަ އަށް ފައިދާކުރާނެ މުބާރާތެއް ނޫން،" ޓެބާސް ވިދާޅުވި އެވެ.
ފީފާ ކްލަބް ވޯލްޑް ކަޕުން މޮޅުވާ ކޮންމެ ޓީމަކަށް ދެ މިލިއަން ޑޮލަރު ލިބެ އެވެ. އަދި އެއްވަރުވެގެން ނިމިއްޖެނަމަ، ކޮންމެ ޓީމަކަށް އެއް މިިލިއަން ޑޮލަރު ދެ އެވެ. މުބާރާތުގެ ގަދަ 16 ބުރަށް ދަތުރުކުރާ ކޮންމެ ޓީމަކަށް 7.5 މިލިއަން ޑޮލަރު ލިބޭއިރު، ކުއާޓާ ފައިނަލުގެ ޖާގަ ހޯދާ ކޮންމެ ޓީމަކަށް 13.1 މިލިއަން ޑޮލަރު ދޭނެ އެވެ. ސެމީ ފައިނަލުން ޖާގަ ހޯދައިފިނަަމަ، 21 މިލިއަން ޑޮލަރު އަދި ފައިނަލަށް ދަތުރުކޮށްފިނަމަ، 30 މިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި، ޗެމްޕިއަންކަން ހޯދާ ޓީމަކަށް، ފައިނަލް މެޗުން، 40 މިލިއަން ޑޮލަރު ދޭއިރު، މުޅި ޖުމްލަ އެކު، މުބާރާތުން، 125 މިލިއަން ޑޮލަރު ހޯދުމުގެ ފުރުސަތު އެބައޮތެވެ.
ލަލީގާގެ ރައީސް، ޓެބާސް އަމާޒުހިފީ ދެން ކްލަބް ވޯލްޑް ކަޕެއް ބޭއްވިޔަނުދޭން ލަލީގާގެ ރައީސް، ޓެބާސް އަމާޒުހިފީ ދެން ކްލަބް ވޯލްޑް ކަޕެއް ބޭއްވިޔަނުދޭން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ