މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްކި ރަސްމާލޭގެ 10 ހެކްޓަރަށް 1.6 މިލިއަން ޑޮލަރު ދެއްކުމަށް އެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރި ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން (ސީއެމްސީ) ގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ސީއެމްސީއާ އެވެ. އެއީ ސީއެމްސީން ހަރަދުކޮށްގެން ރަސްމާލެ ހިއްކުމުގެ ބަދަލުގައި ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ރަސްމާލޭން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިމުގެ ޑިވެލޮޕްމަންޓް ރައިޓްސް 99 އަހަރަށް އެ ކުންފުންޏަށް ދޭ ގޮތަށެވެ.
ޑިސެމްބަރު 18، 2023، ގައި ސޮއިކުރި އެ އެއްބަސްވުން ބާތިލުކުރީ އެ ކުންފުންޏަށް އެ މަސައްކަތް ނުކުރެވުމުންނެވެ. އަށް މަހުން އެ ކުންފުންޏަށް ހިއްކުނީ އެންމެ 29 ހެކްޓަރެވެ. އެއީ މުޅި މަޝްރޫއުގެ ދަށުން ހިއްކަން ބުނި ސަރަހައްދުގެ އެންމެ 2.5 ޕަސެންޓެވެ.
އޭގެ ތެރެއިން 10 ހެކްޓަރު ހިއްކީ އެމްޓީސީސީންނެވެ. އެ 10 ހެކްޓަރު ހިއްކަން އެމްޓީސީސީ އާއި ސީއެމްސީއާ ދެމެދު އެކުލަވާލި އެއްބަސްވުމާ އެއްގޮތަށް ސީއެމްސީން އެއްވެސް ފައިސާއެއް ދައްކާފައި ނުވެ އެވެ.
ސީއެމްސީގެ އިއުތިރާފުން ދައުވާ ސާބިތުވާ ކަމަށް ކަނޑައަަޅައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ އެއްބަސްވުމުގެ އަގު ކަމަށްވާ 1،683،901.44 އެމެރިކާ ޑޮލަރު މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ކުންފުނިން ދައްކަން ޖެހޭނެ ކަމަށެވެ.
އެއްބަސްވުން ބާތިލުކުރީ އެހާތަނަށް ހިއްކައި ނިމުނު ރަސްމާލޭގެ "ސައިޓް ޖޭ" ހިއްކަން ހަަރަދުވި 21 މިލިއަން ޑޮލަރު ސަރުކާރުން ދައްކާ ގޮތަށެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އިންނެވެ.
ރަސްމާލެ މަޝްރޫއު: އެމްޓީސީސީއިން ހިއްކި 10 ހެކްޓަރަށް 1.6 މިލިއަން ޑޮލަރު ދައްކަން ސީއެމްސީއަށް ހުކުމެއް ރަސްމާލެ މަޝްރޫއު: އެމްޓީސީސީއިން ހިއްކި 10 ހެކްޓަރަށް 1.6 މިލިއަން ޑޮލަރު ދައްކަން ސީއެމްސީއަށް ހުކުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ