ބާކީ އޮތީ 11 ޕަސެންޓު މަސައްކަތް، ޖުލައިމަހު ފްލެޓުތަކަށް ވަދެވޭވަރު ކުރާނަން: އެފްޑީސީ
ކުރީ ސަރުކާރުން އާންމުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 4،000 ހައުސިން ޔުނިޓު މަޝްރޫއުގައި ނުނިމި ހުރީ 11 ޕަސެންޓު މަސައްކަތް ކަމަށާއި، އަންނަމަހުގެ ތެރޭގައި ފްލެޓުތަކަށް މީހުން ވެއްދޭވަރު ކުރާނެ ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފުލެޓުތައް އަޅާ ސަރަހައްދަށް ވަޑައިގެން، މަޝްރޫއު ކުރިޔަށްދާ ގޮތް ބައްލަވާލައްވައިފައެވެ. އެ ޒިޔާރަތުގައި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ހަމްދާން ވެސް ބައިވެރިވެވަޑައިގަތެވެ. އެ ސަރަހައްދުގައި މީޑިއާއާ ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ ހައުސިން ޔުނިޓުތައް އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތަކާއި ފިނިޝިންގެ ބޮޑުބައި ވެސް މިހާރު ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބާކީ ހުރީ ޔުޓިލިޓީ މަސައްކަތްތައް އެކަންޏެވެ. މި މަޝްރޫއުގެ ތެރެއިން 2،000 ފްލެޓު އަޅަން ހަވާލުކޮށްފައިވަނީ އެމްބީސީސީ އިންޑިއާއާއެވެ. އޭގެ 96 ޕަސެންޓުވަނީ މިހާރު ނިމިފައެވެ. ބާކީ 2،000 ފްލެޓު އަޅަން ހަވާލުކުރީ އިންޑިއާގެ ކޭޕީއައިއެލްއަށެވެ. އޭގެ ވެސް 95 ޕަސެންޓު މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ތެރެއިން ފްލެޓުތަކަށް ފެނާއި ކަރަންޓުލައި، މެއިން ނެޓްވޯކަށް ގުޅުމުގެ މަސައްކަތް ހިމަނައިފައެއް ނުވެއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެމްޑީ ހަމްދާން ޝަކީލް: އަންނަ މަހު ފުލެޓުތަކަށް މީހުންނަށް ވަދެވޭވަރު ކުރާނެ ކަމަށް ވިދާޅުވި -- ހަމްދާން ވިދާޅުވީ އެ ކަން ހައްލު ކުރުމަށް ސަރުކާރުން އެމްޑަބްލިއުއެސްސީއާއި ސްޓެލްކޯއިން ވަކި ޚާއްސަ ޓީމުތަކެއް ނަގައިގެން އެ މަސައްކަތްތައް ކުރިޔަށް ގެންދާ ކަމަށެވެ. "ސްކޯޕްގެ ބޭރުން، ރައްޔިތުން ވަންނަންވާއިރަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ. އެ ކަންތައްތައް އިރާދަ ކުރެއްވިއްޔާ ޖުލައިމަސް ނިމުމުގެ ކުރިން އެންމެ ފުރަތަމަ [ނިމޭ] އެޕާޓްމަންޓުތަކަށް މީހުންނަށް ވަދެވޭވަރު އިރާދަ ކުރެއްވިޔާ އަޅުގަނޑުމެން ކުރާނަން،" ހަމްދާން ވިދާޅުވިއެވެ. https://sun.mv/207518 އެ ފުލެޓުތައް ހަދަނީ އިންޑިއަން އެގްޒިމް ބޭންކުގެ ބަޔާސް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ. އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ. އެއަށްފަހު މި ސަރުކާރުން ލިސްޓުގައި ޝަރުތު ހަމަވާ މީހުންގެ ފޯމުތައް ބެލުމަށް ފަހު، އަލުން ލިސްޓެއް ނެރުނީ މިދިޔަ ފެބްރުވަރީ މަހުގައެވެ. ފުލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، މިދިޔަ މަހުގެ 29ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ