ފައްޔާޒަށް ސަރުކާރުގެ ރައްދު: ހުއްދައާ ނުލައި އެއްވުންތައް ބޭއްވޭ ތަންތަން ބޭނުންކުރެވޭނެ

އިދިކޮޅު އެމްޑީޕީގެ ހަރަކާތްތަކެއް ބާއްވަން މި ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ތުހުމަތު ކުރެއްވުމާ ގުޅިގެން، ހުއްދައާ ނުލައި އެއްވެ އުޅުމުގެ ފުރުސަތު މިހާރު ފުޅާކޮށްދީފައިވާ ކަމަށް ވިދާޅުވެ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ރައްދުދެއްވައިފިއެވެ. ފައްޔާޒް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް އެނބުރި ވަޑައިގަތުން ފާހަގަކުރުމަށާއި އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި ހަރަކާތްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް ސަރުކާރުން ހުރަސް އަޅާތީ ތަނެއް ހަމަނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރައްދުގައި ހީނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ފުރިހަމަ ޑިމޮކްރަސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށާއި ޑިމޮކްރަސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި ގައުމަށްޓަކައި އަޑު އުފުލުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އެނާ ވިދާޅުވީ މީގެ ކުރިން ހުއްދަނެގުމަކާ ނުލައި އެއްވެ އުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަހައްދަށް އެކަނި ކަމަށެވެ. ނަމަވެސް މި ސަރުކާރުންވާނީ ކާނިވާގެ އިތުރަށް، މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދާއި އުސްފަސްގަނޑާއި ރަސްފަންނަކީ ވެސް ދުރާލާ ހުއްދަ ނެގުމަކާ ނުލައި ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައި ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންކަމުން މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފް ލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެއް،" ހީނާ ވިދާޅުވިއެވެ. https://x.com/mvspokesperson/status/1935754456135876914 ފައްޔާޒު ވިދާޅުވެފައިވަނީ، އެމްޑީޕީން ބާއްވަން ބޭނުންވާ ހަރަކާތްތަކަށް ސަރުކާރުން ތަނެއް ހަމަޖައްސައި ނުދީފި ނަމަ، ނަޝީދު އެ ޕާޓީއާ ގުޅުން ފާހަގަކުރުމުގެ ހަފުލާ ބާއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުއްވާ މުލިއާގޭ ކައިރީގައި ކަމަށެވެ. އެ ހާލަތުގައި، އެމްޑީޕީއަށް ތާއިދު ކުރާ އެންމެން ވެސް ހޯމަ ދުވަހުގެ 21:00އަށް އެ ސަރަހައްދަށް އެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އެމްޑީޕީ އުފެއްދުމުގައި ހަރަކާތްތެރިވެ، އެ ޕާޓީގެ ރައީސް ކަމުގައި އަހަރުތަކެއް ހޭދަކުރެއްވި ނަޝީދު 2023ގައި އެމްޑީޕީން ވަކިވެވަޑައިގަތީ އޭރު އޮތް އެމްޑީޕީގެ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހެވެ. ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، އޭރު ނަޝީދު ވަނީ އެމްޑީޕީ ސަރުކާރަށް ކޮރަޕްޝަނާއި އެކި ކަހަލަ ތުހުމަތުތައް ކުރައްވައިފައެވެ. އެއަށްފަހު އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން ދަ ޑިމޮކްރެޓްސް އުފެއްދެވީއެވެ. އެ ޕާޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި, ޑިމޮކްރެޓްސްގެ އެންމެން އެކީ އެނބުރި އެމްޑީޕީއާ ގުޅެން ގަރާރެއް ވަނީ ފާސްކޮށްފައެވެ. އެއާއެކު ޞާލިޙާއި ފައްޔާޒު ހިމެނޭ ގޮތަށް ޕާޓީގެ ލީޑާޝިޕާއި މެންބަރުން ވަނީ ނަޝީދަށް މަރުހަބާ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ