ނަހުލާގެ 'ސޮރީ': މި އަހަރުގެ އެންމެ ވަރުގަދަ ފިލްމު ބާ؟

އޮލިމްޕަހުގައި އަންގާރަ ދުވަހު ޕްރިމިއާކުރި ދިވެހި ފިލްމު 'ސޮރީ' އަކީ މި އަހަރުގެ އެންމެ ބޮޑު އެއް ފިލްމަށް ވާނެ އެވެ. ސަބަަބަކީ ބެލުންތެރިންގެ ފަރާތުން ފިލްމަށް ލިބެމުންދާ ހޫނު ތަރުހީބެވެ.
ފިލްމުގެ ޓީމުން ބުނިގޮތުގައި 'ސޮރީ' އަށް ޓިކެޓް އެންމެ އަވަހަށް ވެސް ދެން ލިބޭނީ 5-6 ޖުލައިއަށެވެ. އޭގެ ކުރީގެ ހުރިހާ ޝޯއެއް ފުލްވީ އެވެ.
ފިލްމުގެ ޓްރެއިލާތައް ބަލާލުމުން އެކަމަކު އިހްސާސްކުރެވޭނީ މިއީ ވަރަށް އާއްމު ސްޓޯރީއެއް ހެންނެވެ. މަންމައަކާ ވަކިވާ ދެ ކުއްޖެއްގެ ވާހަކަހެން ހީވެ އެވެ. އެކަމަކު ފިލްމު އަދި ނުބާލާތީ ރިވިއުއެއް ލިޔެވޭކަށް ނެތެވެ. ސޮރީ އެވެ.
އަންގާރަ ދުވަހުގެ ރޭ 'ސޮރީ' ބެލި ބައެއް މީހުން ފާހަގަ ކުރީ މި ފިލްމުން އަލަށް މި ދާއިރާއަށް ނިކުމެފައިވާ ޗައިލްޑް އެކްޓްރެސުން މޮޅުކަމާއި ނަހުލާގެ ސްޓޯރީޓެލިންގެ މޮޅު ވާހަކަ އެވެ. އޯޑިއަންސަށް ފުން އަސަރުތަކެއް މި ފިލްމުން ކުރާނެ ކަމުގެ ވާހަކަ އެވެ.
'ސޮރީ'ގެ އިތުރު ތަރިންގެ ތެރޭގައި ދިވެހި ފިލްމު އިންޑަސްޓްރީގައި ވިދުންގަދަ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ހިމެނެ އެވެ.
 ނަހުލާ 'ސޮރީ' ސިފަކޮށްފައިވަނީ ހަނދާނުން ފޮހެލަން ދަތިވާނެ ފިލްމެއްގެ ގޮތުގަ އެވެ. މިއީ ރޮމޭންސް ބަލާލަން ބޭނުންވާ މީހުންނަށް ވެސް ރަނގަޅު ފުރުސަތެއް ކަމަށާއި އިތުރު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
"ޔަގީންކަމާ އެކީ ބުނާނީ، ފިލްމު ބަލާފައި %99 މީހުން ގަބޫލު ކުރާނެ އަސަރުގަދަ ރީތި ފިލްމެއްގެ ގޮތުގައި،" ނަހުލާ މީގެ ކުރިން ބުންޏެވެ. 
ބޮޑު ޑިމާންޑެއް ފިލްމަށް އޮތް ނަމަވެސް، މިއީ މި އަހަރުގެ އެންމެ ވަރުގަދަ ފިލްމު ކަމުގައި ބުނަން އަދި ތަންކޮޅެއް އަވަހެވެ. ސަބަބަކީ ހީވެސް ނުކުރާހާ ހުނަރުވެރިކަން ފިލްމުތަކުން ފެންނަމުން ދާތީ އެވެ. 
ދިވެހި ފިލްމުތަކުގައި މި ފަހުން ދައްކުވައިދީފައިވާ އެކްޓިން އާއި ކާމިޔާބު ފިލްމުތަކަކަށް ހެދުމަށް ކޮށްފައިވާ ބުރަ މަސައްކަތުގެ ނަތީޖާ ރަނގަޅެވެ. އޭޕްރީލް 28ގައި އެޅުވި 'އަބަދަށް' ނިމެނީ ހީނުކުރާ ކަހަލަ ގޮތަކަށެވެ. އަދި 6 އޯގަސްޓްގައި އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ އައިފިލްމްސްގެ 'ލޯބިން' އާއި ޑާކްރެއިން އެންޓަޓައިންމަންޓުން އަންނަ އޮކްޓޯބަރުގައި ޕްރިމިއާ ކުރާ 'އަލިފާން' އަށް ވެސް ފުރުސަތު ދޭން ބޭނުންވެ އެވެ. މަޑުކޮށްލާނަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ